ހަތް ސްކޫލަކުން 75 ދަރިވަރުން ބައިވެރިވި އިމާދުއްދީން ސްކޫލުގެ އަރުތަ ކޭމްޕް ކާމިޔާ ކަމާއެކު ނިންމާލައިފިއެވެ. މި ކޭމްޕް ކުރިއަށް ގެންދިޔާއި އާދީއްތަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ.
އަރުތަ ކޭމްޕްގައި މި އަހަރު ބައިވެރިވީ:
- ބ. ގޮއިދޫ ސްކޫލް
- ސ. މަރަދޫ ސްކޫލް
- އއ. އަތޮޅު މަދަރުސާ
- ވ. ކެޔޮދޫ ސްކޫލް
- އދ. ދަނގެތީ ސްކޫލް
- ދ. ރިނބިދޫ ސްކޫލް
- ލ. އަތޮޅު މަދަރުސާ
އަރުތަ ކޭމްޕްގެ ނިމުން ފާހަގަ ކުރަން މިއަދު އިމާދުއްދީން ސްކޫލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާއިޝަތު ސަފޫރާއެވެ.

މިފަދަ ކޭމްޕްތައް އިމާދުއްދީނެކޭ އެއްގޮތަށް މާލޭގެ އެހެން ސްކޫލްތަކުން ކުރިއަށް ގެންދިއުމަށް ސަފޫރާ ވަނީ އެދިވަޑައިގެންފައެވެ. އަދި އިމާދުއްދީނުން ކުރިއަށް ގެންދިޔަ މި ކޭމްޕްގެ ފުރިހަމަކަމަށްޓަކައި އޭނާ ވަނީ ތަޢުރީފު ކުރައްވާފައެވެ.
މިއީ މިހާ ގިނަ އަދަދެއްގެ ސްކޫލްތަކެއް ބައިވެރިކޮށްގެން މިފަދަ ކޭމްޕެއް ސްކޫލަކުން ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ. އިމާދުއްދީނުން އަރުތަ ކޭމްޕް ފެށީ މިދިޔަ އަހަރުއެވެ. އެ ފަހަރު ހަތަރު ސްކޫލަކުން ބައިވެރިވިއެވެ.
އިމާދުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ސީނާ ލަތީފު ދަރިވަރު ނޫހަށް މިއަދު ވިދާޅުވި ގޮތުގައި، އަރުތަ ކޭމްޕް ނިންމާލީ ވަރަށް ކާމިޔާބު ކަމާއެކު ކަމަށެވެ.
އަރުތަމަ ކޭމްޕްގައި ހެނދުނުގެ ދަންފަޅި ގެންދިޔައީ އިމާދުއްދީނުގެ ދަރިވަރުންނާއެކު ކިޔެވުމުގެ ބައެވެ. އޭގެ ފަހުން މެންދުރުފަހު ކުރިއަށް ގެންދިޔައީ ވަކިވަކި މާއްދާތަކަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދިޔަ ސްޓަޑީ ވޯކްޝޮޕްތަކެވެ. އޭގެ ފަހުން ރޭނގަނޑުގެ ދަންފަޅި ޚާއްޞަ ކޮށްފައި ވަނީ މޯޓީވޭޝަނަލް ސްޕީޗަށެވެ.

" އިމާދުއްދީނުގެ ޓީޗަރުންގެ އިތުރުން އެހެން ސްކޫލްތަކުގައި ވަކިވަކި މާއްދާތަށް ކިޔަވައި ދެއްވާ މުދައްރިސުން އަޅުގަނޑުމެން ގެނައިން. އެއާއެކު ވަކިވަކި މާއްދާތަކަށް ޚާއްޞަ ރިސޯސް ބޭފުޅުން ވެސް އަޅުގަނޑުމެން ގެނެސް ދަރިވަރުންނަށް ބޭނުންވާ މުހިންމު މައުލޫމާތު ފޯރުކޮށް ދިނިން" ޑެޕިއުޓީ ޕްރިންސިޕަލް ސީނާ ވިދާޅުވިއެވެ.
ސީނާ ވިދާޅުވީ، އަރުތަ ކޭމްޕްގެ ސަބަބުން އުނގެނުމުގެ އިތުރުން އިޖްތިމާއި އެތައް ކަންތައްތަކެއް ވެސް ދަރިވަރުންނަށް ދަސްވެގެން ދިޔަ ކަމަށެވެ.
" ކުދިން ދެކުނީ އެކުދިންނަށް ލިބުނު ރަނުގެ ފުރުޞަތެއްގެ ގޮތުގައި. ހަމައެކަނި ކިޔެވުމެއް އެކަންޏެއް ނޫން، ސޯޝަލް ސްކިލްސްތައް ވެސް ބިލްޑްވާން ލިބުނު ފަހި ފުރުޞަތުތަކެއް މިއީ. އެކި އަތޮޅު ތަކުގެ އެކި ސްކޫލްތަކުން ތަފާތު ކުދިންނާ ބައްދަލުވެ ރައްޓެހިން ތަކެއް ލިބިގެން ދިޔަ. އަދި ހަރަކާތްތައް ކުރިއަށް ގެންދިޔައިރު ވެސް އެއް ސްކޫލް އަނެއް ސްކޫލާ ގުޅިގެން ވަރަށް ގާތްކޮށް ގެންދިޔައީ ވެސް" ސީނާ ވިދާޅުވިއެވެ.
ސީނާ ވިދާޅުވީ، ކުދިންގެ އިތުރުން އެ ކުދިންނާ ހަވާލުވެގެން ވަޑައިގެންނެވި އިސް ބޭފުޅުންގެ ތެރޭގައި، ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ލީޑިންގ ޓީޗަރުން ހިމެނިވަޑައިގެންނެވި ކަމަށާއި، އޭގެ ސަބަބުން އެ ސްކޫލުގެ މެނޭޖްމަންޓާއި ޓީޗަރުންނާ ވެސް ރަނގަޅު ގުޅުންތަކެއް ޤާއިމް ވެފައިވާ ކަމަށެވެ.
ސީނާ ވިދާޅުވީ، ބައެއް މާއްދާތަކަށް ޚާއްޞަކޮށްގެން އޮންލައިން ކުލާސްތަކެއް ނަގައިދޭން ބައެއް ސްކޫލްތަކުން އެދިފައިވާ ކަމަށެވެ. އެ މަސައްކަތް އެ ސްކޫލުން ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން އަރުތަ ކޭމްޕްގައި ބައިވެރިވި ސްކޫލްތަކަށް ދީފައިވާނެ ކަމަށް ސީނާ ވިދާޅުވިއެވެ.
" މުދައްރިސުންގެ ސޯޓޭޖް އުޅޭތީ، އޮންލައިން ކުލާސްތައް، އޯލެވެލްއަށް ތައްޔާރުވަމުން ދާއިރު ނަގައިދޭނެ ކަމުގެ ޔާޤީންކަން އަޅުގަނޑުމެން ވަނީ ދީފައި" ސީނާ ވިދާޅުވިއެވެ.
އަރުތަ ކޭމްޕްގައި ބައިވެރިވި ބ. ގޮއިދޫ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ނިޒާމް ވިދާޅުވީ، މިއީ އަރުތަ ކޭމްޕްގައި އެ ސްކޫލުން ބައިވެރިވި ފުރަތަމަ ފަހަރު ކަމަށާއި ދަރިވަރުންގެ ކިޔެވުމާއި އިޖްތިމާއި ގުޅުމަށް އެ ކޭމްޕުން ފައިދާތަކެއް ލިބިގެން ދާނެ ކަމަށެވެ. އަދި ވިދާޅުވީ ދަރިވަރުންގެ އޯލެވެލްގެ ނަތީޖާއަށް ވެސް އޭގެ ހެޔޮ ބަދަލު އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
advertisment
ހިޔާލު