އެމްއެމްއޭއިން އަތޮޅުތެރޭގެ ސުކޫލުތަކަށް އަމާޒުކޮށް ލެކްޗާ ސީރީސް އެއް ފަށައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އަތޮޅުތެރޭގެ ސުކޫލުތަކަށް އަމާޒުކޮށް ލެކްޗާ ސީރީސް އެއް ފަށައިފިއެވެ.

މި ލެކްޗާ ސީރީސްގައި އެ އޮތޯރިޓީގެ ފަރާތުން އެންމެ ފުރަތަމަ ގޮސްފައިވަނީ ޏ. ފުވައްމުލަކަށެވެ. ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގައި އެމްއެމްއޭ އިން ކުރިއަށް ގެންދިޔަ ސެޝަންގައި އެ ސްކޫލްގެ ސާނަވީ ގްރޭޑްތަކުގެ ބައެއް ދަރިވަރުން ބައިވެރިވިއެވެ.

އެމްއެމްއޭ ލެކްޗާ ސީރީސްގެ ފުރަތަމަ ސެޝަންގައި ގަވަރުނަރު އަލީ ހާޝިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގަވަރުނަރު ވަނީ އެ މަނިކުފާނުގެ ތަޖުރިބާ ދަރިވަރުންނާ ހިއްސާކޮށް ދަރިވަރުންގެ ފަރާތުން ގަވަރުނަރަށް ހުށަހެޅުނު އެކި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

މި ލެކްޗާ ސީރީސް ގައި ދަރިވަރުންނަށް މައުލޫމާތުދިން ބައިތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން މާލީ ހޭލުންތެރިކަމާއި ފަހަށް ރައްކާކުރުމުގެ މުހިއްމުކަމާ ބެހޭ ގޮތުންވެސް މައުލޫމާތު ވަނީ ދީފައެވެ.

އެމްއެމްއޭ އިން ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް މިފަދަ ޕްރޮގްރާމުތައް އަބަދު ވެސް ކުރިއަށް ގެންދެއެވެ. މާލޭގައި ބޭއްވޭ މި ފަދަ ޕްރޮގްރާމުތަކުގައި ރަށްރަށުގެ ސްކޫލްތަކުން ބައިވެރިވުމުގައި ހުރި ދަތިކަން ފާހަގަކުރެވިފައިވުމާއެކު އެ ސްކޫލްތަކަށް އޮތޯރިޓީގެ ފަރާތުން ގޮސްގެން ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް އެކި ދުވަސް މަތިން ސެޝަންތައް ކުރިއަށް ގެންދާނެކަމަށް އެމްއެމްއޭ އިން މައުލޫމާތު ދީފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *