އިމާދުއްދީނުގެ އަރުތަ ކޭމްޕްގައި ހަތް ސްކޫލަކުން 75 ދަރިވަރުން

އިމާދުއްދީން ސްކޫލުގެ އަރުތަ ކޭމްޕް، ހަތް ސްކޫލަކުން 75 ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ. އަރުތަމަ ކޭމްޕަކީ އޯލެވެލްއަށް ދަރިވަރުން ތައްޔާރު ކުރުމަށް އެ ސްކޫލުން ކުރިއަށް ގެންދާ ކޭމްޕެކެވެ. މިއީ މިހާ ގިނަ އަދަދެއްގެ ސްކޫލްތަކެއް ބައިވެރިކޮށްގެން މިފަދަ ކޭމްޕެއް ސްކޫލަކުން ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.

އަރުތަމަ ކޭމްޕް ފެށުމުގެ ގޮތުން އިމާދުއްދީން ސްކޫލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު  ޝަރަފުވެރިކޮށް ދެއްވައި، އެ ކޭމްޕް ފައްޓަވައި ދެއްވީ ތަޢުލީމީ ވަޒީރުގެ ނާއިބު، ހުސައިން ޝާކިރެވެ.

އަރުތަ ކޭމްޕްގައި މި އަހަރު ބައިވެރިވަނީ:

  • ބ. ގޮއިދޫ ސްކޫލް
  • ސ. މަރަދޫ ސްކޫލް
  • އއ. އަތޮޅު މަދަރުސާ
  • ކެޔޮދޫ ސްކޫލް
  • ދަނގެތީ ސްކޫލް
  • ދ. ރިނބިދޫ ސްކޫލް
  • ލ. އަތޮޅު މަދަރުސާ

އިމާދުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ސީނާ ލަތީފު ދަރިވަރު ނޫހަށް މިއަދު ވިދާޅުވި ގޮތުގައި، އަރުތަ ކޭމްޕް ކުރިއަށް ގެންދަނީ ދަންފަޅިތަކަށް ބަހާލައިގެންނެވެ. ހެނދުނު ދަންފަޅީގައި ކުރިއަށް ގެންދާނީ އެ ސްކޫލުގެ ދަރިވަރުންނާއެކު ކިޔެވުމުގެ ބައެވެ. އެގޮތަށް ކިޔަވައިދޭއިރު، ވަކިވަކި ސްކޫލްތަކުން ރިކްއެސްޓް ކޮށްފައިވާ މާއްދާތަކުގެ ޓޮޕިކްތަކަށް ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމަށް ސީނާ ވިދާޅުވިއެވެ. މެންދުރު ފަހު ގެންދަނީ ވަކިވަކި މާއްދާތަކަށް ޚާއްޞަ ކޭމްޕެކެވެ. ރޭގަނޑު ގެންދަނީ ދަރިވަރުންނަށް ގެންދާ މޯޓިވޭޝަނަލް ސެޝަންތަކެކެވެ.

" އަރުތަ ކޭމްޕުން އަޅުގަނޑުމެން ޔައްޔާރުކޮށް މި ދެނީ ސާނަވި އިމްތިޙާނަށް. އެ އިމްތިހާނަށް ތައްޔާރު ވުމުގެ ގޮތުން ބޭނުންވާ ހުނަރުތައް" ސީނާ ވިދާޅުވިއެވެ.

ސީނާ ވިދާޅުވީ، މޯޓިވޭޝަނަލް ސްޕީކަރސްގެ ތެރޭގައި ރާއްޖޭގެ އެންމެ މަޝްހޫރު ބޭފުޅުން ހިމެނިވަޑައިގަންނަވާނެ ކަމަށެވެ.

އިމާދުއްދީން ސްކޫލުން އަހަރަކު އެއް ފަހަރު ބާއްވާ އަރުތަ ކޭމްޕްގައި މިދިޔަ އަހަރު ހަތަރު ސްކޫލަކުން ބައިވެރިވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *