ތަރުޙީބު ބޮޑުވެ ރައީސްއާއި މެޑަމް ސާޖިދާ އަދި ނާއިބްރައީސްގެ ތަސްވީރުގެ އަގު 20،000 ރުފިޔާއަށް

ޚާއްޞައެހީއަށް ބޭނުންވާ ކުދިންގެ ހުނަރު ދައްކާލަން މިއަދު ފެށި ރިވެލި ކާނިވަލުގައި ބަހައްޓާފައި ހުރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ނާއިބް ރައީސް އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފުގެ ތަސްވީރު ހިމެނޭ ކުރެހުމަށް ޑިމާންޑް ބޮޑުވެ، އެ ކުރެހުންތައް ވިއްކާ އަގު 20،000 ރުފިޔާއަށް އަރައިފިއެވެ.

ޣާޒީ ސްކޫލުގެ ގުރޭޑް 8ގައި ކިޔަވަމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރު، މިޝްޔާ މަމްދޫޙް ކުރަހާފައިވާ އެ ތިން ބޭފުޅުންގެ ކުރެހުން ބީލަމުގެ އުޞޫލުން ވިއްކަން ފެށީ 3،000 ރުފިޔާއަށެވެ. އެ ތަސްވީރަށް ގިނަ ބައެއްގެ ޝައުޤުވެރިކަން ބޮޑުވެ، މިރޭ ކާނިވާ ބަންދު ކުރި އިރު، 20،000 ރުފިޔާއަށް ތަސްވީރެއްގެ އަގު އުފުލިފައިވާ ކަމަށް ޣާޒީ ސްކޫލުން ބުންޏެވެ.

ޣާޒީ ސްކޫލުގެ މީޑިއާ ކޯޑިނޭޓަރ އަދި ސެން ޔުނިޓާ ހަވާލުވެ ހުންނެވި ލީޑިންގ ޓީޗަރު، އަދި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ކަންތައްތަކުގައި އިސްކޮށް މަސައްކަތް ކުރައްވާ ލީޑިންގ ޓީޗަރު ސައީދާ ހަސަން ވިދާޅުވީ، ޣާޒީގެ ސްޓޯލަށް ގިނަ އަދަދެއްގެ މީހުން މިއަދާއި މި ރޭ ޒިޔާރަތްކޮށްފައިވާ ކަމަށާއި، ގިނަ ބަޔަކަށް މި ޝްޔާގެ އެ ތަސްވީރުތައް ކަމުގޮސްފައިވާ ކަމަށެވެ.

ސައީދާ ވިދާޅުވީ، މާދަމާ ރޭ ކާނިޔާ ނިމޭއިރު، އެ ތަސްވީރު ތަކުގެ އަގު މިހާރަށްވުރެ ބޮޑަށް އުފުލޭނެ ކަމަށް ބެލެވޭ ކަމަށެވެ.

" ގިނަބައެއްގެ ސަމާލުކަން މިޝްޔާ ކުރެހި އެ ތަސްވީރުތަކަށް ލިބިއްޖެ. ގިނަ ބަޔަކު ސްޓޯލަށް ޒިޔާރަތްކޮށް އެ ކުރެހުމަށް ތަޢުރީފުވެސް ކުރި" ސައީދާ ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ސްކޫލްތަކުން ވެސް ބައިވެރިވި މި ކާނިވަލުގައި ޣާޒީ ސްކޫލުގެ ސްޓޯލްގައި އެ ސްކޫލުގެ އެތައް ދަރިވަރުންގެ ހުނަރުވެރި އުފެއްދުންތައް ވަނީ ބަހައްޓާފައެވެ. އޭގެ ތެރޭގައި ދަރިވަރުން ކުރަހާފައިވާ އިތުރު ކުރެހުންތަކާއި އެމްބްރައިޑަރީކޮށްގެން ދަރިވަރުން ހަދާފައިވާ ޓޯޓް ބޭގްތައް ހިމެނެއެވެ.

" ދަބަސްތަކުގައި އެމްބްރައިޑަރީކޮށް ފެހުމުގެ މަސައްކަތް ކޮށްފައި ވަނީ ދަރިވަރުން އަމިއްލައަށް. އެ ދަރިވަރުންގެ ހުނަރު އެ ދަބަސްތަކުން އެ ފެންނަނީ" ސައީދާ ވިދާޅުވިއެވެ.

ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ ރިވެލި ކާނިވާ، މިފަހަރު ކުރިއަށް ގެންދަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ. މާދަމާ ހަވީރުގެ އިތުރުން މާދަމޭ ރޭ 10 ޖަހަންދެން މި ކާނިވާ ކުރިއަށް ގެންދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *