108 ދަރިވަރުން ބައިވެރިވާ "ފުރާވަރު ކޭންޕު" އިމާދުއްދީނުގައި

ސްކޫލް ދަރިވަރުންގެ އަހުލާގާއި ސުލޫކު ހެޔޮގޮތުގައި ބައްޓަން ކުރުމަށް ބާރުއެޅުމާއެކު ކުށްމަދު މުޖުތަމައެއް ބިނާކުރުމަށް، ސާނަވީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް ކުރިއަށް ގެންދާ " ކޭންޕު ފުރާވަރު" އިމާދުއްދިން ސްކޫލުގައި ފަށައިފިއެވެ.
މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކޭމްޕުގައި ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ.

އޭގެ އިތުރުން، ދަރިވަރުންނާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކޮށް އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ކުރެވޭ ކަންކަމުން ދުރުހެލިކުރުވައި އަދި ސްކޫލާއި މުޖުތަމައުގައި އުޅޭއިރު ދަރިވަރުންނަށް ކޮންމެހެން އެނގެންޖެހޭ ކަންކަން ދަސްކޮށްދިނުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކާއި އެހެނިހެން ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި އިމާދުއްދީން ސްކޫލު ގުޅިގެން ކުރިއަށް ގެންދާ ކޭންޕު ފުރާވަރުގައި 50 އަންހެން ދަރިވަރުންނާއި 58 ފިރިހެން ދަރިވަރުން ހިމެނޭހެން 108 ދަރިވަރުން ބައިވެރިވެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *