"ފޭދޫ ޤުރުއާން މުބާރާތުގެ މަގްސަދަކީ، ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖައްސައި، ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުން." އައްޑޫ ސިޓީ ފޭދޫ އަވަށު އޮފީހުން އިންތިޒާމްކޮށްގެން ފޭދޫ ސްކޫލާ ގުޅިގެން އިއްޔެ ފެށި ޤުރުއާން މުބާރާތާއި ގުޅޭގޮތުން ފޭދޫ ކައުންސިލަރ އާމިނަތު ސަލްމާ ވިދާޅުވިއެވެ. "މި މުބާރާތް މި އަހަރުން ފެށިގެން ދެން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދަން ނިންމާފައިވަނީ."
112 ދަރިވަރުން ބައިވެރިވި، "ފޭދޫ ޤުރުއާން މުބާރާތް1445″ ކުރިއަށް ގެންދަނީ ފޭދޫ ސްކޫލާ ގުޅިގެންނެވެ. 3 ދުވަހަށް ދެމިގެންދާ މިމުބާރާތުގެ ކިޔެވުން ކުރިއަށް ދަނީ ވެސް ފޭދޫ ސްކޫލްގައެވެ.

ފޭދޫ އަވަށުއޮފީހުން ވިދާޅުވީ، މުބާރާތް ބާއްވަނީ ސްކޫލްތަކުގައި ކިޔަވާ ހުރިހާ އުމުރުފުރައަކަށް ވެސް ބައިވެރިވެވޭ ގޮތަށެވެ. އެއީ ކީ ސްޓޭޖުން ފެށިގެން ގްރޭޑް 12 އާ ހަމައަށެވެ. މުބާރާތް ބާއްވަނީ ދެ ކެޓަގަރީއަކަށެވެ. އެއީ ފޭދޫ ސްކޫލް ދަރިވަރުންނަށް ޚާއްސަ ކެޓަގަރީ، އަދި އައްޑޫގެ އެހެން އަވަށްތަކުގެ ސްކޫލްތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ހާއްސަ ކެޓަގަރީ އެވެ.
" ފޭދޫ ސްކޫލްގެ 77 ދަރިވަރަކު އަދި އައްޑޫގެ އެހެން ސްކޫލްތަކުގައި ކިޔަވާ 35 ދަރިވަރަކު ވާދަކުރޭ." މި މުބާރާތް އިންތިޒާމްކުރި ފޭދޫ އަވަށުއޮފީހުގެ ސިވިލްސަރވިސް ގެ އެންމެ އިސްވެރިޔާ، ކައުންސިލް އެގްޒެކެޓިވް ހަސަން ޒަރީރު ވިދާޅިވިއެވެ.

އައްޑޫގެ ތިން ޤާރީއަކު ފަނޑިޔާރުކަން ކޮށްދެއްވާ މި މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދަނީ ދެ ބަޔަކަށެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބަޔާއި ނުބަލައި ކިޔެވުމުގެ ބައެވެ. މުބާރާތުގެ ވަނަތައް ހޮވާ ގޮތަށް ބަލާއިރު، ފޭދޫ ސްކޫލްގެ ދަރިވަރުންނަށް ހާއްސަ ކެޓަގަރީން ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ބައިން އަންހެން ފިރިހެން ވަކިން 3،2،1 ހޮވާނެ އެވެ. އަނެއް ކެގަޓަރީން ހޮވާނީ 3،2،1 އެވެ.
މިމުބާރާތުގެ ނަތީޖާ ފާޅުކުރާނީ އަންނަ ރަމަޟާން މަހުގެ 17 ގަ އެވެ.
advertisment
ހިޔާލު