އެމްއެންޔޫގެ މެޑިކަލް ސްކޫލާއި ޓީޗިންގ ހޮސްޕިޓަލް ޕާކިސްތާނުގެ ހިލޭ އެހީގައި އިމާރާތް ކޮށްދެނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލާއި ޓީޗީންގ ހޮސްޕިޓަލް ޕާކިސްތާނުގެ ހިލޭ އެހީގައި އިމާރާތް ކޮށްދޭން ނިންމައިފިއެވެ. އެމްއެންޔޫގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މެޑިކަލް ސްކޫލާއި ޓީޗިންގ ހޮސްޕިޓަލުގެ ޑިޒައިން ވަނީ ދައްކާލާފައެވެ.

މެޑިކަލް ސްކޫލާއި ޓީޗިންގ ހޮސްޕިޓަލް އިމާރާތް ކުރަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 5700 އަކަ މީޓަރުގެ ސަރަހައްދެއްގައެވެ.

މެޑިކަލް ސްކޫލް ޤައިމް ކުރަނީ އެއް ފަހަރާ ސަތޭކަ ދަރިވަރުންނަށް ކިޔަވައިދެވޭނެ ޒަމާނީ ވަޞީލަތްތައް ޤާއިމް ކުރެވޭ ގޮތަށެވެ. ޓީޗިންގ ހޮސްޕިޓަލް ތަރައްޤީ ކުރަނީ 300 އެނދުގެ ހޮސްޕިޓަލެއްގެ ގޮތަށް ބަލި މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ޒަމާނީ ޓެކްނޮލޮޖީއާ އެކުގައެވެ.

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޓަރު، ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒު ގިލާނީ ވިދާޅުވީ، މެޑިކަލް ސްކޫލް އެންޑް ޓީޗިންގ ހޮސްޕިޓަލަކީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މިސާލެއް ކަމަށާއި، ދެ އަހަރާއި ބައިގެ ތެރޭގައި އިމާރާތުގެ މަސައްކަތް ނިންމައި 2027 ވަނަ އަހަރު ޚިދުމަތް ދެވޭ ވަރަށް މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މެޑިކަލް ސްކޫލާއި ޓީޗިންގ ހޮސްޕިޓަލް ފަރުމާ ކޮށްފައި ވަނީ ޕާކިސްތާނުގެ އާތިފު ނަޒަރު ޕްރައިވެޓް ލިމިޓެޑުންނެވެ.

މިއަދު ހުށަހަޅައިދިން ޕްރެޒެންޓޭޝަނަށް ބަލާއިރު، މެޑިކަލް ސްކޫލާއި ޓީޗިންގ ހޮސްޕިޓަލް ފަރުމާ ކޮށްފައިވަނީ ތިމާވެއްޓާ ރައްޓެހި، އަދި ބޭނުން ކުރާ ސާމާނަކީ ވެސް ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކެވެ.

މެޑިކަލް ޓޫރިޒަމަށް ވެސް މަގުފަހިވާ ގޮތަށް އިމާރާތް ކުރާ މި ސްކޫލާއި ހޮސްޕިޓަލުގައި ކިޔަވާ ދަރިވަރުންނަށް ޚާއްޞަ އެކޮމޮޑޭޝަން ބްލޮކެއް ވަކިން ހުރެއެވެ.

އެމްއެންޔޫގެ މެޑިކަލް ސްކޫލުގައި މިހާރު 300 އާ ކައިރިކުރާ އަދަދަކަށް ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *