ހައްޖާޖީންނަށް އެހީތެރިވުމުގެ ފުރުޞަތު ސައުދީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދޭން އެ ޤައުމުން ނިންމައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މީޑިއާއަށް ވިދާޅުވީ، ހާޖީންނަށް އެހީތެރިވުމުން ހައްޖުވުމުގެ ފުރުސަތު ދިނުމަށް ދިވެހި ސަރުކާރުން ހުށަހެޅި ހުށަހެޅުން އެ ގައުމުގެ ހައްޖާ ބެހޭ ވުޒާރާއިން ދޭން ނިންމިކަން އެ އެ ވުޒާރާއަށް މިއަދު އަންގާފައިވާ ކަމަށެވެ.
ވަޒީރު، ވިދާޅުވީ، ހައްޖީންނަށް އެހީތެރިވުމަށް އަރަބި ބަސް ދަންނަ މީހުން ތިބުމަކީ މުހިންމު ކަމެއް ކަމަށާއި، ރާއްޖެއިން އެދުނު ގޮތަށް ސައުދީގެ ހައްޖާބެހޭ ވުޒާރާއިން ނިންމި ނިންމުމުގެ ސަބަބުން އެކަމަށް ވަރަށް ބޮޑު ލިޔެއް ލިބިގެންދާނެ ކަމަށެވެ.
ސައުދީގައި ކިޔަވަން ތިބޭ ދަރިވރުންނަށް ހައްޖު ކުރުމުގެ ފުރުޞަތު ދެނީ، އެ ޤައުމުގެ ރައްޔިތުންނަށާއި އަދި އެ ޤައުމުގައި އުޅޭ މީހުންނަށް ހަމަޖައްސާފައި އޮންނަ އުޞޫލުގެ ތެރެއިންނެވެ. އެ އުޞޫލުގެ ދަށުން ހައްޖު ވުމުގެ ފުރުޞަތު ދެނީ ފަސްއަހަރުން އެއް ފަހަރުއެވެ.
ވަޒީރު، ވިދާޅުވީ، ހައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ފުރުޞަތު ދޭނީ ސަރުކާރުން ކޮންމެ އަހަރަކުވެސް ކަނޑައަޅާ ވަކި އަދަދަކަށް ކަމަށެވެ. އެކަން ކުރުމަށް ސައުދީގައި ކިޔަވަމުންދާ ދަރިވަރުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކުރާނެ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
އަންނަ ޖޫން މަހުގެ 16 ވަނަ ދުވަހަކީ މި އަހަރުގެ ހައްޖު ދުވަހެވެ. ކޮންމެ އަހަރަކު ވެސް ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ދެނީ 1000 ޖާގައެވެ. އެ އަދަދު އިތުރު ކުރަން ސަރުކާރުން ވަނީ އެދިފައެވެ.
advertisment
ހިޔާލު