ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ކޮންމެ އަހަރަކު ވެސް ބާއްވާ "ސަޤާފީ ދަތުރު"ގައި މި އަހަރު އެ ސްކޫލުގެ 30 ދަރިވަރުން ހައްދުން މައްޗަށް ހިނގެއްޖެއެވެ
ފެބުރުވަރީ މަހުގެ 4ން 10އަށް ކުރާ ހަ ދުވަހުގެ މި ދަތުރަކީ ދިވެހި ޤައުމިއްޔަތާއި ސަޤާފަތަށް އަހުލުވެރި ދަރިވަރުންތަކެއް ބިނާކުރުމަށް އެ ސްކޫލުން ބާއްވަމުން އަންނަ ދަތުރެކެވެ. މި ދަތުރު އެ ސްކޫލުން ކުރާތާ މިހާރު 12 އަހަރު ވެއްޖެއެވެ. މި ދަތުރުގައި އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދާނެއެވެ.

ވިލާ އިންޓަނޭޝަނަލް ހައިސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އިސްމާޢީލް ނަޝީދު ދަރިވަރު ނޫހަށް ވިދާޅުވީ، ސަޤާފީ ދަތުރުން އެ ސްކޫލުން ކުރިއަށް ގެންދާ "ހަރިއްމަ ބޭރުން" ނުވަތަ ސްކޫލް މަޙަޢުލުން ބޭރުން އުނގެނުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައި ދޭނެ ކަމަށެވެ. ޢަމަލީ މައިދާނުގައި އުނގެނުމުގެ ފުރުޞަތު ހޯދައިދީ، ދިވެހިންގެ ތާރީޚާއި އާސާރުތަކާއި މާއްދީ ތަރިކައިގެ އިތުރުން ލ. އަތޮޅު މީހުންގެ ދިރިއުޅުމުގެ ތަފާތުތައް ދިރާސާކުރުން މި ދަތުރުގައި ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ދަތުރުގައި، ދުވަސްވީ މީހުންގެ އިންޓަވިއުތަކާއި، ގުޅުން ހުރި ލިޔުންތަކާއި ފޯޓޯއާއި ވީޑިއޯގެ ގޮތުގައި މައުލޫމާތު އެއްކުރާނެއެވެ.
ނަޝީދު ވިދާޅުވީ، " ފޮތުން އުނގެނޭ އެއްޗަކަށްވުރެ އަމިއްލަ ތަޖުރިބާއިން ހޯދާ އެއްޗެއްގެ އަސަރާއި ފައިދާ ބޮޑު" ކަމަށެވެ.

ވިލާ ހައި ސްކޫލުން ބުނީ، ދަތުރުގައި ބައިވެރިވާ ދަރިވަރުން އެއް ކުރާ މައުލޫމާތު އެ ސްކޫލުގެ އެހެން ދަރިވަރުންނާ ހިއްސާ ކުރާނެ ކަމަށެވެ.
ސަޤާފީ ދަތުރުގައި ބައިވެރިވި ދަރިވަރުންނާ، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ޢާދަމް ނަސީރު އިބްރާޙިމް ވަނީ ބައްދަލު ކުރައްވައި އެ ދަރިވަރުންގެ އެ މަސައްކަތަށް ހިތްވަރު ދެއްވާފައެވެ. އަދި ވިލާ ހައި ސްކޫލުން އެފަދަ ދަތުރެއް އިންތިޒާމް ކުރާތީ، އެ ސްކޫލަށް ޝުކުރު އަދާކުރެއްވިއެވެ.
ވިލާ ހައި ސްކޫލުން ބުނީ މި ދަތުރަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ.
advertisment
ހިޔާލު