ބިދޭސީ ޓީޗަރުންގެ ފެންވަރު ބެލުމަށްޓަކައި ސަނަދުތައް ވެލިޑޭޓް ކުރަން ރަށްރަށުގެ ކައުންސިލްތަކުން ހުށަހެޅުމުގެ ބަދަލުގައި، އެ ބިދޭސީ ޓީޗަރަކު މަސައްކަތް ކުރާ ސްކޫލަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)އަށް ހުށައަޅާ ގޮތަށް ހަމަޖައްސައިފިއެވެ. އެމްކިޔުއޭއިން މި ބަދަލު ގެނައީ މިއަދުން ފެށިގެންނެވެ.
އެމްކިޔުއޭއިން ބުނީ، ބިދޭސީ ޓީޗަރުންގެ ސެޓްފިކެޓް ވެލިޑޭޓް ކުރަން ސްކޫލުތަކުން ހުށަހަޅާއިރު، އެޓެސްޓް ކޮށްފައިވާ ސަނަދުތަކާއި އަދި އެހެނިހެން ލިޔެކިޔުންތަކުގެ އެއް ކޮޕީ ސެޓާއި، އެޓެސްޓް ކޮށްފައި ނުވާ ސަނަދު ތަކުގެ އެއް ކޮޕީ ސެޓް ހުށަހަޅަން ޖެހޭނެ ކަމަށެވެ. މިގޮތަށް ފޮނުވާއިރު އެ ސްކޫލެއްގެ އެޗްއާރު މެއިލް މެދުވެރިކޮށް ފޮނުވުމާއި އެކަމަށް ޚާއްޞަ "އެޕްލިކޭޝަން" ފޯމުގައި ސޮއިކޮށް، އެ ސްކޫލެއްގެ ތައްގަޑު ޖަހައި، ހުށަހަޅަން ބުނެފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހެޅުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިފައިވެއެވެ.
އެމްކިޔުއޭއިން ބުނީ، އީމެއިލްކޮށް ލިޔުންތައް ހުށަހެޅި ނަމަވެސް އެ ސަނަދެއްގެ ފެންވަރު ބަލައި ނިންމޭނީ، ފޯމުގައި ހުށަހެޅުމަށް ބުނެފައިވާ ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅާފައިވާނަމައެވެ. އަދި ވެލިޑޭޓްކޮށް ތައްގަނޑު ޖަހާފައިވާ ކޮޕީ ދޫކުރަން ހަމަޖެފިފައި ވަނީ އެ އޮތޯރިޓީގެ ކައުންޓަރުންނެވެ. ވެލިޑޭޓް ތައްގަޑު ޖަހާފައިވާ ކޮޕީ ބަލައި އަންނައިރު އެ ސަނަދެއްގެ ސައްޙަކަން ޔަޤީން ކުރުމަށްޓަކައި އެ ސަނަދެއްގެ އަސްލު ދައްކަން ޖެހޭނެ ކަމަށް ވެސް އެމްކިޔުއޭއިން ބުނެފައިވެއެވެ.
advertisment
ހިޔާލު