ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ސަޤާފީ ދަތުރު މިފަހަރު ބާއްވަނީ ލ. އަތޮޅަށެވެ. އެ ސްކޫލުގެ ދަރިވަރުން ދަތުރަށް ފެށުމުގެ ކުރިން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ އެ ދަތުރުގައި ބައިވެރިވާ 30 ދަރިވަރުންނާ މި އަދު އެ ސްކޫލުގައި ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުމުގައި ވަޒީރު ވިދާޅުވީ، ދިވެހި ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކަ ދިރާސާކޮށް މަޢުލޫމާތު އެއްކޮށް ތަޖުރިބާ ކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ވިލާ ހައި ސްކޫލުން ތަނަވަސް ކޮށްދެއްވާ ކަމީ ވަޒީރުގެ ހިތްޕުޅަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބި ވަޑައިގަންނަވާ ކަމަށެވެ.

ވަޒީރު، އާދަމް ނަޞީރު ވިދާޅުވީ އެ ދަރިވަރުންނާ ބައްދަލުކޮށްލަން އެ ސްކޫލަށް ވަޑައިގެންނެވީ އެ ދަތުރުގެ ސަބަބުން އެ ދަރިވަރުންނަށް ކުރާނޭ ފައިދާއާއި މަންފާ ވަޒަން ކުރެއްވޭތީ އެކަމަށް ހިތްވަރު ދެއްވުމުގެ ގޮތުން ކަމަށެވެ.
ވަޒީރު ވަނީ، ޤައުމިއްޔަތަކީ ކޮބައިކަމާއި ދިވެހިންނާއި ޤައުމާއި ދިވެހިރާއްޖެއާއި ދިވެހި ބަހާއި ސަގާފަތާއި ތަރިކަ ބަލާ ދިރާސާ ކޮށް ދަސްކުރުމަށް ވަޒީރު ވަނީ އެ ދަރިވަރުންނަށް ބާރުއަޅުއްވާފައެވެ. އަދި އެފަދަ ދަތުރުތަކެއް ކޮންމެ އަހަރަކު އިންތިޒާމް ކުރާތީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަށް ވަޒީރު، އާދަމް ނަޞީރު ޝުކުރުއަދާކުރެއްވިއެވެ.
" ދަރިވަރުންގެ ހިތްތަކުގައި ޤައުމިއްޔަތު ދިރުވާ އާލާ ކުރުމަށް މި ޙަރަކާތުން ކުރާނެ ހެޔޮ އަސަރު އަޅުގަނޑަށް ވިސްނޭ. ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަށް އަޅުގަނޑު ޝުކުރު ދަންނަވަން " ވަޒީރު ވިދާޅުވިއެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އިސްމާޢީލް ނަޝީދު ވިދާޅުވީ "ސަގާފީ ދަތުރުން ދިވެހި ބަހާ ބަހުރުވަ ތަކުގެ މައްޗަށް އޮންނަ ޝައުޤުވެރިކަން އިތުރުވޭ. ދިވެހިންގެ އާދަކާދަ ތައް، ސަގާފަތްތަކުގެ މައްޗަށް ލޯހުޅުވޭ. ދިވެހި ތާރީޚާ ތަރިކާގެ މައްޗަށް މިހާރަށް ވުރެ ފުންކޮށް ވިސްނުމުގެ ފުރުޞަތު ފަހިވޭ. ރަށް ރަށާއި އަތޮޅުގެ ޖޯގުރަފީ އަދި ތިމާވެއްޓާއި މޫސުމީ ބަދަލުތަކުގެ މައްޗަށް ފިކުރު ހިންގަން ފަށާކަން ފާހަގަވާ" ކަމަށެވެ.
"މިއަދު އަޅުގަނޑުމެން ދަރިވަރުންނާ ބައްދަލު ކޮށްލެއްވުމަށް ވަޒީރު އާދަމް ނަޞީރު ވަޑައިގެންނެވިކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. 11 އަހަރަށް ވުރެ ގިނަ ދުވަސްވީ އުނގެނުމުގެ މިޙަރަކާތް ކުރިއަށް ގެންދިއުމަށް ލިބިގެންދާ ގަދަ ހިއްވަރެއް. މި ދަތުރުގައި ދަރިވަރުން ކުރާންހުރި މަސައްކަތްތަކަށް އައު އަލިކަމެއް ވަޒީރު އާދަމް ނަޞީރު ދެއްވި." ނަޝީދު އިތުރަށް ހާމަ ކުރެއްވިއެވެ.
މިއީ ދިވެހި ބަހާއި ބަހުރުވަ ތައް، ރާއްޖޭގެ ސަގާފަތާއި ތަރިކަ އަދި ރަށްރަށާއި އަތޮޅު ތަކުގެ ޖޯގުރަފީ، ދަރިވަރުންގެ ފެންވަރުގައި ދިރާސާކޮށް ދެނެގަތުމަށް ދިވެހި ތަޢުލީމީ ނިޒާމުގައި އިންތިޒާމުވެ ހިންގާ އެންމެ ދުވަސްވީ ޙަރަކާތެވެ.
ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ސަގާފީ ދަތުރު މިއަރު ކުރުމަށް ހަމަޖެހިފައިވަނީ 2024 ފެބުރުއަރީ 04 ން 10 އަށް ހައްދުން މައްޗަށެވެ. ހައްދުން މަތީގެ ހުރިހާ ރަށަކަށް ދަތުރުގައި ބައިވެރިވާ 30 ދަރިވަރުން ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިލާ އިންޓަރނޭޝާނަލް ހައި ސްކޫލުން މަޢުލޫމާތު ދެއްވަ އެވެ. ހައްދުން މަތީން ދަތުރުގެ ކަންކަން އިސްވެ ބަލަހައްޓަވަނީ ލ.ގަމު ގައި ހުންނަ ޙަމަދު ސްކޫލުންނެވެ. ލ.އަތޮޅުގެ ހުރިހާ ސްކޫލުތަކުން އަދި ހުރިހާ މުއައްސަސާ އަކުން ދަރިވަރުންގެ މި ދަތުރަށް ދެއްވާ ސަމާލުކަމާއި އެހީތެރިކަމާއި އެއްބާރު ލެއްވުން އެ ސްކޫލުން ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވަ އެވެ.
advertisment
ހިޔާލު