ރާއްޖޭގައި "ޑްރޯން ކާގޯ" ތަޢާރަފު ކުރުމާ ގުޅޭ ދިރާސާއެއް ކުރަން އެމްއެންޔޫއަށް

ރާއްޖޭގައި "ޑްރޯން ކާގޯ" ތަޢާރަފު ކުރުމާ ގުޅޭ ދިރާސާއެއް ކުރަން ރީޖަނަލް އެއަރޕޯޓްސް ކޮމްޕަނީ ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ، ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ. ރީޖަނަލް އެއަރޕޯޓްސް ކޮމްޕަނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މުބީނެވެ.

ނެޝަނަލް އެއަރ ކާގޯ ސްޓަޑީޒްގެ ނަމުގައި ކުރާ މި ދިރާސާ 16 ހަފްތާގެ ތެރޭގައި ނިންމަން ޖެހެއެވެ.

ރީޖަނަލް އެއަރޕޯޓްސް ކޮމްޕަނީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މުބީން ވިދާޅުވީ، ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ރާއްޖޭގައި ރަށްތަކަށް ވެސް މުދާ ފޮނުވުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި ކާގޯގެ ޚިދުމަތް ފުޅާ ކުރުމުގައި މިފަދަ ދިރާސާއެއް ވަރަށް މުހިންމު ކަމަށެވެ.

" މި ދިރާސާއިން އެނގޭނެ އެއަރ ކާގޯގެ ނީޑް އޮތް މިންވަރު. ރިސޯޓްތަކާއި އާބާދީ ބޮޑެތި ރަށްތަކަށް ދުވާލެއްގެ މައްޗަށް ބޭނުންވާ ކާގޯގެ މިންވަރު" މުބީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދިރާސާގެ ނަތީޖާއަށް ބަލައި ޑްރޯން ކާގޯއަށް އަމާޒުކޮށްގެން އިންވެސްޓްކުރަން އެކުންފުނިން ވިސްނާފައިވާ ކަމަށެވެ. "ޑްރޯން ކާގޯ" ގެ ޚިދުމަތް ފުޅާކުރެވެން އޮތް ނަމަ މުބީން ވިދާޅުވީ އެ ކުންފުނީގެ ވިސްނުން ހުރީ ފުރަތަމަ ފިޔަވަހީގައި ކާގޯ ޑްރޯންގެ ޙިދުމަތް ފަށައި، ދެ ވަނަ ފިޔަވަހީގައި ކާގޯ އެއަރކްރާފްޓްގެ ޚިދުމަތް ދޭށެވެ.

ޤައުމީ ޔުނިވަރސިޓީގެ ވައިސް ރެކްޓަރ ޑރ. ޝެހެނާޒް ވިދާޅުވީ، މި ދިރާސާއިން ރާއްޖޭގެ އެއާކާގޯ އޮޕަރޭޝަނުގެ ހާލަތު ދެނެގަނެ، ދެމެހެއްޓެނިވި ގޮތެއްގައި ކާގޯ އޮޕަރޭޝަންތަކަށް މަގުފަހިވެގެން ދާނެކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *