ރާއްޖޭގައި މަތީ ތަޢުލީމު ދޭ މުއައްސަސާތަކަށް އެމްކިޔުއޭއިން ރޭޓިންގ ދޭން ފަށަނީ

ރާއްޖޭގައި މަތީ ތަޢުލީމު ދޭ މަރުކަޒުތަކަށް ރޭޓިންގ ދިނުމާ ދިމާލަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މަސައްކަތްތައް ރާވަމުން ގެންދަވާ ކަމަށް އެ އޮތޯރިޓީގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފުތާގައި ދަރިވަރު ނޫހަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގައި ފިޒާނާ ވިދާޅުވީ، މަތީ ތަޢުލީމު ދޭ މަރުކަޒުތަކަށް ރޭޓިންގ ދިނުމަކީ އެއީ މަތީ ތަޢުލީމާއި ތަމްރީނު ގެ ޤާނޫނުން ވެސް މަތިކޮށްފައި އޮތް ޒިންމާއެއް ކަމަށާއި، އެކަމަކު އެ ހިސާބަށް ދިއުމުގެ ކުރިން ކުރަންޖެހޭ ބައިވަރު މަސައްކަތްތައް އެބަހުރި ކަމަށެވެ.

މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ އިންސްޓިޓިއުޝަނަލް އޮޑިޓް ފަށާފައި ވަނީ 2017 ވަނަ އަހަރުއެވެ. ނަމަވެސް، އެމްކިޔުއޭ ގެ އާ އިންސްޓިޓިއުޝަނަލް އޮޑިޓް ގައިޑްލައިނާ އެއްގޮތަށް 2023 ވަނަ އަހަރުން ފެށިގެން އިންސްޓިޓިއުޝަނަލް އޮޑިޓް ކުރިއަށް ދާއިރު ދިވެހިރާއްޖޭގެ ދެ ޔުނިވަރސިޓީގެ އިންސްޓިޓިއުޝަނަލް އޮޑިޓް މިހާރު ވަނީ ނިމިފައެވެ. އަދި 12 ކޮލެޖާއި 7 މަރުކަޒެއްގެ އިންސްޓިޓިއުޝަނަލް އޮޑިޓް މިހާރު ކުރިއަށް އެބަގެންދެއެވެ.

" މިހާރު ގައިޑްލައިންގައި ވާގޮތުން ފަސް ތަރީގެ ރޭޓިންގއެއް ދޭންޖެހޭ. މިއީ އިންސްޓިޓިއުޝަނަލް އޮޑިޓް ގެ ފުރަތަމަ ބުރު ވީމާ އެކަން ކުރާނީތޯ ނޫންތޯ، ބޯޑްގެ މެމްބަރުންނާ މަޝްވަރާ ކުރުމަށްފަހު އެމްކިޔުއޭއިން ވިސްނާނެ ކަމެއް އެއީ. ބޯޑް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ" ފިޒާނާ ވިދާޅުވިއެވެ.

ފިޒާނާ ވިދާޅުވީ، މަތީ ތަޢުލީމު ދޭ މަރުކަޒުތައް އޮޑިޓް ކުރަން އެއް މިންގަނޑެއް އޮންނައިރު، ތިން ދަރަޖައެއްގެ ތަންތަން އޮޑިޓް ކުރަން އެއް މިންގަނޑެއް ގެންގުޅެވިދާނެ ބާވައޭ ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ކަމަށެވެ. ފިޒާނާ ވިދާޅުވީ، ޑީޖީއަކަށް ހުންނެވިއިރު އެއަށް ދެއްވަމުން އައި " ޖަސްޓިފިކޭޝަނަކީ" އެއީ ކުރެވޭނެ ކަމެއް ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ނެންގެވީ ކުދި އިންސްޓިޓިއުޝަން ތަކާއި ކޮލެޖް ޔުނިވަރސިޓީން ހިންގާ ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ލެވެލްތަކުގެ ޕްރޮގްރާމްތަކަށް އެއް މިންގަނޑަކުން އެކްރެޑިޓް ކުރަމުން ދިއުމެއެވެ.

" ޕްރޮގްރާމްތަކުގެ އެކްރެޑިޓޭޝަންގެ ގައިޑްލައިންގައި ބުނެފައިވާނެ، ޕްރޮގްރާމެއްގައި ހުންނަން ޖެހޭނެ ރިސޯސަސްއާއި ލެކްޗަރަރއިންގެ ތަފްޞީލާއި ކޯހަށް ވަނުމުގެ ޝަރުޠުތަކާއި ކޮންމެ މޮޑިއުލެއްގައި މަދުވެގެން ކިޔަވައިދޭން ޖެހޭނެ ގަޑިތައް ފަދަ ހުރިހާ ތަފްޞީލެއް. އެ ހުރިހާއެއްޗެއް ހުންނަ ކަމަށް ވަންޏާ ސެޓްފިކެޓް ލެވެލްގެ ކޯސްތަކެއް އެއްވެސް އިންސްޓިޓިއުޝަނަކަށް ތަފާތެއް ނުވާނެ ނޫންތޯ" ފިޒާނާ ވިދާޅުވިއެވެ.

" އެކަމަކު އެއީ އެންމެ ރަނގަޅު ގޮތަށް ނުވެ ހިނގައިދާނެ. ބެސްޓް ޕްރެކްޓިސްއަށް ނުވެ ވެސް ހިނގައިދާނެ. މިއީ މަޝްވަރާ ކުރެވިގެން އެންމެ ރަނގަޅުގޮތަކީ ކޮބައިކަން ދެނެގަނެ ކުރަން ޖެހޭ މުހިއްމު ކަމެއް. އިންސްޓިޓިއުޝަނަލް އޮޑިޓްގެ ފުރަތަމަ ބުރުގައި ރޭޓިންގ ނުދެވުނު ނަމަވެސް، ދެ ވަނަ ބުރުން ފެށިގެން އެމްކިޔުއޭ އެކަން ކުރާނެ"  ފިޒާނާ ވިދާޅުވިއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *