އެމްކިޔުއޭއަށް އިތުރު މުވައްޒަފުންނާއި، މުސާރަ ވެސް ބޮޑުވާން ޖެހޭ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް އިތުރު މުވައްޒަފުން ބޭނުންވާ ކަމަށާއި އެއާއެކު މުވައްޒަފުންގެ މުސާރަ ވެސް ބޮޑުވާން ޖެހޭ ކަމަށް އެ އޮތޯރިޓީގެ ސީއީއޯ ކަމާ ދާދި ފަހުން ހަވާލުވެ ވަޑައިގެންނެވި މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވެއްޖެއެވެ.

މަޤާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު، ދަރިވަރު ނޫހަށް ދެއްވި، އެކްސްކޫލޫސިވް އިންޓަވިއުގައި ފިޒާނާ ވިދާޅުވީ، ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކާއި އެތަންތަނުން ހިންގާ ޕްރޮގްރާމްތައް އެކްރެޑިޓް ކުރަން ހުރި މުއައްސަސާގައި ތިބީ މަދު މުވައްޒަފުންތަކެއް ކަމަށެވެ. އެހެންވެ މިހާރުން މިހާރަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ މުވައްޒަފުންގެ އަދަދު އިތުރުކޮށް، ދެވޭ ޚިދުމަތާއި ފެންވަރު މަތި ކުރުން ކަމަށް ފިޒާނާ ފާހަގަކުރެއްވިއެވެ.

" އެންމެ އިސްކަމެއް ދޭން ބޭނުން ވަނީ ސްޓާފުން އިތުރުކުރަން. އެއާއެކު ސްޓާފުންގެ މުސާރަ ވެސް ބޮޑުވާން ޖެހޭ ކަމަށް ޤަބޫލުކުރަން. މި ދައްކަނީ ކޮލިޓީ އެޝުއަރ ކުރާ ވާހަކަ. ކޮލިޓީ އެޝުއަރ ކުރަން ތިއްބަވާ ބޭފުޅުންގެ ކޮލިޓީ ވެސް އެބަޖެހޭ ރަނގަޅު ކުރަން. ރަނގަޅު މުވައްޒަފުން ލިބޭނީ މުސާރަ ވެސް ބޮޑުވެގެން. ސިވިލްސާވިސްގައި މި އޮންނަ މިންގަނޑުން މުވައްޒަފުން ނުލިބޭ" އެމްކިޔުއޭގެ ޑީޖީއަކަށް ވެސް މަސައްކަތް ކުރެއްވި ފިޒާނާ ވިދާޅުވިއެވެ.

ފިޒާނާ ވިދާޅުވީ، ހަތަރެއް ނޫނީ ފަސް ފަހަރެއްގެ މަތިން އިއުލާން ކޮށްގެން ވެސް ވަޒީފާއަށް ކުރިމަތިލާ މީހުންގެ ތެރެއިން ލިބެނީ އެންމެ މީހެއް ކަމަށާއި  ބައެއްފަހަރު އެ މީހަކު ހޮވަން މަޖުބޫރުވާ ފަހަރު ވެސް އަންނަ ކަމަށެވެ.

"އެހެންވެ އެ ކުއްޖަކީ އެންމެ ރަނގަޅު ކުއްޖާއަށް ވެސް ނުވޭ. ސްޓާފުން ނެތީމާ، މަޖުބޫރުވީމާ ނަގަނީ.  އަޅުގަނޑުމެންގެ މިންގަނޑަށް ފެތޭވަރަށް ޓްރެއިނިންގ ދީފައި އޭގެ ފަހުން މަސައްކަތް ކުރުވަނީ" ފިޒާނާ ވިދާޅުވިއެވެ.

މުވައްޒަފުންގެ ދަތިކަމާއި އެ މުވައްޒަފުން ކުރާ މަސައްކަތުގެ ބުރަކަމުގެ ތަފްޞީލަށް ވެސް ފިޒާނާ ވަޑައިގެންނެވިއެވެ.

ފިޒާނާ ވިދާޅުވި ގޮތުގައި، ކޮލެޖްތަކުން ހިންގާ ކޯސްތައް އެކްރެޑިޓްކުރާ ސެކްޝަންގައި ތިބީ ފަސް މުވައްޒަފުންނެވެ. އެ ނިސްބަތުން ބަލާއިރު، ތިން ހަތަރު ކޮލެޖަކަށް ކުއްޖަކު ވެސް ނުޖެހެއެވެ.

މަތީ ތަޢުލީމު ދޭ މުވައްސަސާތަކުން ހިންގާ ކޮންމެ ޕްރޮގްރާމެއްގެ ކޮންމެ ބެޗެއްގެ އޮޑިޓެއް ހަދާއިރު، ކޮންމެ ބެޗް އޮޑިޓަކަށް 100 ނޫނީ 50 އެއްހާ ފޯމް ހުށަހަޅައެވެ. އެ ހުރިހާ ފޯމެއް ނިންމަން އެ ސެކްޝަންގައި ތިބީ ދޭއް، ނޫނީ ތިން މުވައްޒަފުންނެވެ. ރިކޮގޮނިޝަން ސެކްޝަނުން ތިން ހަތަރު މަސައްކަތް ކުރަމުންދާއިރު. އެތަނުގައި ތިބީ އެންމެ ހަތަރު ސްޓާފުންނެވެ. ލޯކަލް ވެލިޑޭޝަންގެ އިތުރުން ރާއްޖެއިން ބޭރުގެ ވެލިޑޭޝަންގެ ކަންތައްތަކުގައި މަސައްކަތް ކުރަނީ އެންމެ ސްޓާފެކެވެ. ބޭރުގެ މީހުންގެ ސެޓްފިކެޓްތައް އެސެސްމެންޓް ހަދަން ވެސް ހުރީ އެންމެ ސްޓާފެކެއެވެ.

"މި ހުރިހާ ކަމަކަށް އެންމެ ކުއްޖެއް އެޓެންޑް ވާއިރު، އެކުދިން ބަލިވެސްވާނެ. ޢާއިލީ ޒިންމާ ވެސް، ޗުއްޓީ ވެސް ނަގާނެ. އަދި ލީވްއަށް ވެސް ދާނެ" ފިޒާނާ ވިދާޅުވިއެވެ.
" މި ސަބަބުތަކަށް ބަލާއިރު އަޅުގަނޑަށް އެންމެ އިސްކަމެއް މިހާރު ދެވެން އޮތީ މުވައްޒަފުން އިތުރު ކުރުމާއި މުވައްޒަފުންގެ މުސާރަ ބޮޑުކުރެވޭނެ ގޮތެއް ހޯދަން"  

ފިޒާނާ ވިދާޅުވީ، އެ އޮތޯރިޓީއާ ގުޅޭ ގޮތުން ކޮންމެ ވެސް ވަރަކަށް ނޭދެވޭ ވާހަކަތައް ދެކެވެމުން ދިޔަ ކަމަށާއި، އެތަނުގެ ތެރެއިން އެފަދަ ކަންތައްތަކެއް ހިނގާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އެކަން ޔަޤީން ކުރެއްވުމުގެ ގޮތުން ފިޒާނާ ވިދާޅުވީ، ހުރިހާ މަސައްކަތްތަކެއް މިހާރު ކުރިއަށް ދާނީ ސީދާ އޭނާގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.

އެމްކިޔުއޭގެ ހުރިހާ މަސައްކަތްތަކެއް މިހާރު ކުރިއަށް ދާނީ އަޅުގަނޑުގެ ބެލުމުގެ ދަށުން، އެގޮތުން ހުރިހާ ސެކްޝަންތަކާ އެކު އަޅުގަނޑު ކޮންމެ ހަފްތާއަކު މަދުވެގެން ދެ ފަހަރު ބައްދަލުކުރަން. ހުރިހާ ސެކްޝަންތަކުން ވެސް އަޅުގަނޑަށް ބަރާބަރަށް އަޕްޑޭޓް ދެމުން ގެންދާނެ. އަދި މިވަގުތު އެމްޔިއުއޭގައި ހުރި ޕެންޑިންގ މަސައްކަތްތައް ވެސް މި ގެންދަނީ ހުރިހާ ސެކްޝަންތަކެއްގެ ވެސް އެއްބާރުލުމާއެކު ނިންމަމުން" ފިޒާނާ ވިދާޅުވިއެވެ.

" އަޅުގަނޑުގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް އެއްވެސް ކަމެއް ހިނގައިދާނެއެކޭ ނުބުނާނަން. އަޅުގަނޑު ވަރަށް އިތުބާރު ކުރަން އަޅުގަނޑުގެ ސްޓާފުންނަށް. ވަރަށް ޓްރަސްޓެޑް، ގުޅިގެން މަސައްކަތް ކުރާ، އެއް ކުއްޖަކު އަނެއް ކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދޭ ސްޓާފުން މިތިބީ"  

އޭނާ ވިދާޅުވީ، ރާއްޖޭގެ ކަންތައްތައް މިހާރު އޮންނަ ގޮތުން ޕްރެޝަރު ވެސް އަންނާނެ ކަމަށާއި، އެކަމަކު އެ މުއައްސަސާގައި ޤާނޫނަކާއި ޤަވާއިދެއްގެ އިތުރުން ހެދިފައި ހުރި ބައިވަރު އުޞޫލުތައް އެބަހުރި ކަމަށެވެ. އެ އުޞޫލުތަކުގެ ތެރެއިން ކަންތައްތައް ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ފިޒާނާ ދެއްވިއެވެ.

ވިދާޅުވީ، އުޞޫލުތަކުގެ ތެރެއިން ކަންތައްތައް ކުރެވޭ ކަމަށް ވަންޏާ މައްސަލައަކަށް ނުވާނެ ކަމަށާއި އެކިއެކި ވަޒީފާތަކުގެ މުހިންމު މަސްއޫލިއްޔަތު އަދާކުރަމުން ގެންދާތާ 28 އަހަރު ފާއިތުވިއިރު، ޤާނޫނާއި ޤަވާއިދުގެ ބޭރުން ދުވަހަކު ވެސް މަސައްކަތެއް ނުކުރައްވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *