ޤައުމިއްޔަތު މާއްދާ 11 ސްކޫލެއްގައި ކިޔަވައިދޭން ފަށައިފި

ޤައުމިއްޔަތު މާއްދާ ކިޔަވައިދޭން ފެށުމުގެ ގޮތުން ސަލާޙުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ އެސެމްބްލީގެ ތެރެއިން: ކުރިއަށް އޮތް އަހަރު ހުރިހާ ގުރޭޑް ތަކަށް ވެސް ޤައުމިއްޔަތު މާއްދާ ކިޔަވައިދޭނެ- ފޮޓޯ: ޞަލާހުއްދީން ސްކޫލް

ޤައުމީ މަންހަޖުގައި ޤައުމިއްޔަތު މާއްދާ ހިމަނައި، 11 ސްކޫލެއްގައި ކިޔަވައިދޭން މިއަދު ފަށައިފިއެވެ. ޤައުމިއްޔަތު މާއްދާ ޕައިލެޓް ކުރަން ފުރަތަމަ ފެށީ ގްރޭޑް 4 އަށެވެ.

ޤައުމިއްޔަތު މާއްދާ ކިޔަވައިދޭން ފެށި ސްކޫލްތަކަކީ:

1- ބ. އަތޮޅު ތަޢުލީމީ މަރުކަޒު، ބ. އޭދަފުށި

2- ޅ. އަތޮޅު ތަޢުލީމީ މަރުކަޒު، ޅ. ހިންނަވަރު

3- މަގޫދޫ ސްކޫލް، ފ. މަގޫދޫ

4- އަބޫބަކުރު ސްކޫލް، ގދ. ތިނަދޫ

5- ހިތަދޫ ސްކޫލް، އައްޑޫސިޓީ

6- މުޙައްމަދު ޖަމާލުއްދީން ސްކޫލް، ފުވައްމުލައް ސިޓީ

7- ކަލާފާނު ސްކޫލް، މާލެ ސިޓީ

8- ތާޖުއްދީން ސްކޫލް، މާލެ ސިޓީ

9- މުޙްޔިއްދީން ސްކޫލް، ވިލިމާލެ

10- ޞަލާޙުއްދީން ސްކޫލް، ހުޅުމާލެ ދެވަނަ ފިޔަވަހި

11- ވ. އަތޮޅު ތަޢުލީމީ މަރުކަޒު، ވ. ފެލިދޫ

ޤައުމިއްޔަތު މާއްދާ ޕައިލެޓް ކުރަން ނިންމާފައިވާ 11 ސްކޫލުގެ ޕްރިންސިޕަލުންނާއި ޓީޗަރުން އަދި ފޯކަލް ޕޮއިންޓުންނަށް ޚާއްޞަ ސެޝަނެއް އެންއައިއީން ވަނީ ބާއްވާފައެވެ.

ޤައުމިއްޔަތު މާއްދާ ކިޔަވައިދިނުން ފެށުމުގެ ގޮތުން ޚާއްޞަ އެސެމްބްލީއެއް ޞަލާޙުއްދީން ސްކޫލުގައި މިއަދު ހެނދުނު ބޭއްވިއެވެ. މި އެސެމްބްލީ ޝަރަފުވެރިކޮށް ދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަޝްރަފު އަލީއެވެ.

ޞަލާޙުއްދީނުގެ ދަރިވަރުން ވަނީ ޤައުމިއްޔަތާ ގުޅުން ހުރި މުހިންމު ވާހަކަތައް ހިމެނޭ އިސްޓޭޖް ތަމްސީލެއް ވެސް މި އެސެމްބްލީގައި ހުށަހަޅާދީފައެވެ.

ޤައުމިއްޔަތު މާއްދާގެ ތަޢާރަފެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ޤައުމިއްޔަތަކީ ތިމާގެ އަމިއްލަ ޤައުމާމެދު ހިތުގައި އޮންނަ ފަޚުރުވެރިކަމާއި ލޯބީގެ ޚާއްޞަ ޝުޢޫރެކެވެ.

ތަޢުލީމީ ވުޒާރާއިން ބުނެފައި ވަނީ، ޤައުމިއްޔަތު މާއްދާގެ ބޭނުމަކީ ދިވެހިވަންތަކަން ހުރި ދިވެހިގައުމު ދެކެލޯބިވާ ޤައުމާމެދު ވިސްނައި ފަޚުރުވެރިވާ ދަރިވަރަކު އުފެއްދުން ކަމަށެވެ.

މަންހަޖުގައި ޤައުމިއްޔަތު މާއްދާ އެކި ކީސްޓޭޖަށް ބަހާލެވިފައި ވީނަމަވެސް ހުރިހާ މާއްދާތަކުގައި އަދި ގްރޭޑް ތަކުގައި ޤައުމިއްޔަތުގެ ބަހާތައް ހިމެނިފައިވެއެވެ. އަދި ހުރިހާ ގްރޭޑް ތަކެއްގައި ވެސް ޤައުމިއްޔަތު ކިޔަވައިދޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *