"ހިރިޔާ ފަނާރު"ގެ ނަމުގައި ދަރިވަރުންނަށް މަސައްކަތް ދަސްކޮށްދޭނެ ހަތަރު ލެބެއް ހުޅުވައިފި

ދަރިވަރުންނަށް މަސައްކަތްތެރިކަން ދަސްކޮށް ދިނުމަށް "ހިރިޔާ ފަނާރު" ގެ ނަމުގައި ޚާއްޞަ ލެބްތަކެއް ހުޅުވައިފިއެވެ.

" ހިރިޔާ ފަނާރު" އިފްތިތާހުކޮށް ދެއްވީ ހިރިޔާ ސްކޫލުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްޙޫރިއްޔާގެ އޮފީހުގެ ވަޒީރު، އަބްދުﷲ ނާޒިމް އިބްރާހިމެވެ.

މި ލެބްތައް އެ ސްކޫލްގައި ޤާއިމް ކުރީ، ލަކްސް ރިސޯޓްސް އެންޑް ހޮޓެލްސްގެ އެހީތެރިކަމާއެކު ގައެވެ.

"ހިރިޔާ ފަނާރު" އެކުލެވިގެން ވަނީ ދަރިވަރުންނަށް ހުނަރާއި މަސައްކަތް ދަސްކޮށްދޭ ތަފާތު ހަތަރު ލެބެއްގެ މައްޗަށެވެ. އެއީ:

  • ފޭޑި- ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީއަށް ޚާއްޞަ މި ލެބުން، ކެއްކުމާއި ސާރވްކުރުމާއި ކަސްޓަމަރ ސަރވިސްއާއި ލޯންޑްރީ ސަރވިސްއާއި، ސާފުކުރުމާއި ކޮޓަރި ތައްޔާރުކުރުންފަދަ މަސައްކަތްތައް ދަސްކޮށްދޭނެ.
  • ރަންގު- އާރޓަށް ޚާއްޞަ މި ލެބުން، ކުރަހައި ކުލަޖެއްސުމާއި ޢަމަލީފަންނުތައް ދަރިވަރުންނަށް ދަސްކޮށްދޭނެ.
  • ފަރުމާ- ފެހުމަށް ޚާއްޞަ މި ލެބުން، ފެހުމާއި މާޖެހުން ފަދަ މަސައްކަތްތައް ދަރިވަރުންނަށް ދަސްކޮށްދޭނެ.
  • ބިނާއީ- ވަޑާމަށް ޚާއްޞަ މި ލެބުން، ވަޑާން ކުރުމާއި ކަރަންޓް ވައިރިންގ ފަދަ މަސައްކަތްތައް ދަރިވަރުންނަށް ދަސްކޮށްދޭނެ.

މި ލެބްތަކުގެ އިތުރަށް އެ ސްކޫލުގެ ސައިންސް ލެބް އިތުރަށް ތަރައްޤީކޮށް، ސައިންސް މާއްދާ ތަކުގެ މައިގަނޑު ވިސްނުންތަކާ ގުޅޭ ގޮތަށް މާހައުލު ވަނީ ބަދަލުކޮށްލާފައެވެ. ތަފާތު ކުރެހުންތައް ބޭނުން ކޮށްގެން ޢިލްމީ ގޮތަކަށް އެ ތަން ޒީނަތްތެރި ކުރުމުގައި އަމަލީ ގޮތުން މަސައްކަތް ކުރީ އެ ސްކޫލުގެ އާޓް ކުލަބުގެ ދަރިވަރުންނެވެ.

ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ ވަހީދު ވިދާޅުވީ، ދަރިވަރުންނަށް ތަފާތު ހުނަރުތަކާއި މަސައްކަތްތައް ދަސްކޮށްދޭނެ ވަޞީލަތްތަކެއް ޤާއިމް ވެފައި ހުރުމަކީ މުހިންމު ކަމެއްކަން އެ ސްކޫލުން ޤަބޫލުކުރާ ކަމަށާއި 2022 ވަނަ އަހަރުން ފެށިގެން އެކަމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުން ގެންދެވި ކަމަށެވެ.

ރިންޒީ ވިދާޅުވީ " ހިރިޔާ ފަނާރު"ގައި ހިމެނެނީ، އެންމެ ޒަމާނީ ފެންވަރުގެ ވަޞީލަތްތަކާއެކު ޤާއިމް ކުރެވިފައިވާ ލެބްތަކެއް ކަމަށާއި އެ ދަރިވަރެއްގެ ޝަޢުޤާ ގުޅޭ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ ތަޖުރިބާ ކުރެވޭނެ މަގު އެތަންތަނުން ފަހިވެފައި ވާނެ ކަމަށެވެ. އަދި ކަރިކިއުލަމްގެ އަސާސްތަކާ އެއްގޮތަށް ދިރިއުޅުމަށް ދަރިވަރުން ތައްޔާރު ކުރުމަށް ބޭނުންވާ އަމަލީ ތަމްރީނުތައް ލިއްބައިދޭނެ މަގު އެ ސްކޫލަށް މިހާރު ފަހިވެފައިވާ ކަމަށެވެ.

" މި ވުޖޫދުވި "ހިރިޔާ ފަނާރު"ން، ޤައުމަށް ފައިދާހުރި ޒިންމާދާރު ފަރުދަކަށް ވުމަށް ކޮންމެ ދަރިވަރެއްގެ ކުރިމަގަށް އަލިކޮށްދޭނެ" ރިންޒީ ވިދާޅުވިއެވެ.

ރިންޒީ ވިދާޅުވީ، އެ ސްކޫލުގެ ވިސްނުމަކީ ކޮންމެ ގުރޭޑެއް ނިމޭއިރު ކަރިކިއުލަމުގެ ތެރެއިން ހާޞިލްވާން ބޭނުންވާ މިންވަރު ޙާޞިލް ކުރުމަށް އެ ލެބްތައް ބޭނުން ކުރުމުގެ ފުރުޞަތު ކޮންމެ ދަރިވަރަކަށް ވެސް ހޯދައިދިނުމެވެ.

" އެ ފުރުޞަތު ހެޔޮ ގޮތުގައި ބޭނުން ކުރުމަކީ އެއީ ކޮންމެ ދަރިވަރެއްގެ ވެސް ޒިންމާއެއް" ރިންޒީ ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *