ސްކޫލުތަކުގައި އެސެމްބްލީ ބާއްވާ ގޮތް މުރާޖާކޮށް، ދީނާއި ޤައުމިއްޔަތާއި ސަޤާފަތަށް އިސްކަންދޭނެ އުޞޫލުތަކެއް ކަނޑައަޅަން ނިންމައިފިއެވެ.
އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކާ ގުޅޭ ގޮތުން ނޫސްވެރިންނާ ބައްދަލު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވަޒީރު، އަބްދުﷲ ނާޒިމް ވިދާޅުވީ، އިސްލާމް ދީނާއި ޤައުމިއްޔަތާއި ރާއްޖޭގެ ތާރީޚާއި ސަޤާފަތަށް ޚާއްޞަ ސަމާލުކަމެއް ދެވޭ ގޮތަށް ސްކޫލުތަކުގެ ހަރަކާތްތައް ރާވައި ހިންގާނެ އުޞޫލުތަކެއް އެކުލަވާލަން ސޯޝަލް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
ޤައުމިއްޔަތަށް އިސްކަން ދިނުމުގެ ގޮތުން ދެވަނަ ޓާމުން ފެށިގެން، ސްކޫލުތަކުގެ ދަންފަޅިތައް ފަށަނީ ޤައުމީ ސަލާމުންނެވެ. އޭގެ އިތުރުން ސޯޝަލް ކައުންސިލުން ނިންމާފައިވަނީ، ސްކޫލުތަކުގެ އެސެމްބްލީ މިހާރު ކުރިއަށް ގެންދާ ގޮތް މުރާޖާކޮށް، ދީނާއި ގައުމިއްޔަތާއި ސަގާފަތަށް އިސްކަން ދެވޭނެ ގޮތަށް އެސެމްބްލީތައް ފަރުމާކޮށް، ބައްޓަން ކުރުމާއި،
ޤައުމީ ފެންވަރުގައި ފާހަގަކުރާ ޚާއްޞަ ދުވަސްތައް ދީނާއި ޤައުމިއްޔަތާއި ސަޤާފަތާއި ތާރީހަށް އިސްކަން ދީގެން، ތާވަލުތަކެއް އެކުލަވާލައިގެން އިންތިޒާމު ކުރުމާއި، ދިވެހި ބަހަށް ސްކޫލުތަކުގައި އިސްކަންދިނުމަށް އަމަލީ ގޮތުން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށެވެ. އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން ގުޅިގެން ސްކޫލު ތަކުގެ ދަރިވަރުންނަށް ދަރުސް ދޭން ވެސް އެ ކައުންސިލުން ނިންމި ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.
ދިވެހި ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ސްކޫލުތަކުގައި ކިޔަވައިދިނުގެ ތައްޔާރީތައް ތަޢުލީމީ ވުޒާރާއިން މިހާރު އަންނަނީ ކުރަމުންނެވެ. މި ޓާމުގެ ތެރޭގައި އެ މަސައްކަތް ފަށާނެ ކަމަށް އެ ވުޒާރާއިން އޮތީ އިއުލާން ކޮށްފައެވެ.
advertisment
ހިޔާލު