ދ. އޭއީސީގައި ސައުންޑް ބަލަހައްޓައި، ވީޑިއޯ ނަގައި އެޑިކޮށް، ލައިވްކުރުމުގައި އާޓް އެންޑް މީޑިއާ ކުލަބުގެ ދަރިވަރުން

ދ. އަތޮޅު ތަޢުލީމީ މަރުކަޒުން ހިންގާ ހަރަކާތްތަކުގައި ސައުންޑް ބަލަހައްޓައިދީ، ވީޑިއޯ ނަގައި އެޑިކޮށް، އަދި އެ ހަރަކާތް ލައިވްކޮށް ދިނުމުގައި އުޅެނީ އެ ސްކޫލުގެ އާޓް އެންޑް މީޑިއާ ކުލަބުގެ ދަރިވަރުންނެވެ.

ނިމިގެންދިޔަ ދ. އަތޮޅު ޤުރުއާން މުބާރާތުގެ ސައުންޑް އެންޑް އޯޑިއޯ ބަލަހައްޓާދިނީ ދ. އޭއީސީގެ އާރތް އެންޑް މީޑިއާ ކުލަބުގެ ( ސައުންޑް އެންޑް އޯޑިއޯ) ދަރިވަރުންނެވެ.

 

އާޓް އެންޑް މީޑިއާ ކުލަބުގައި 70 ދަރިވަރުން މަސައްކަތް ކުރަމުން އަންނައިރު، އޭގެ ތެރެއިން މީޑިއާގައި މަސައްކަތް ކުރަމުން އަންނަ ދަރިވަރުން ކުރަނީ ގުރޫޕްތަކަށް ބަހާލައިގެން ފަންނުވެރި ތަފާތު މަސައްކަތްތަކެވެ. އޭގެ ތެރޭގައި ސައުންޑް އެންޑް އޯޑިއޯއާއި ފޮޓޯގްރަފީއާއި ލައިޓިންގއާއި ވީޑިއޯ ޕްރޮޑަކްޝަނާއި ޕޯސްޓް ޕްރޮޑަކްޝަން ހިމެނެއެވެ. މިއިން ކޮންމެ ގުރޫޕެއްގައި ވެސް މަސައްކަތް ކުރަމުން އަންނަނީ އެކަމަށް ޝަޢުޤު ހުންނަ ދަރިވަރުންނެވެ.

ދ. އޭއީސީގެ މީޑިއާ ކުލަބުގެ ތެރެއިން ދަރިވަރުން މީޑިއާ ގުޅުން ހުރި ދާއިރާއަށް ޝަޢުޤު އުފައްދައިދީ، އެ ދަރިވަރުންނަށް އެ ދާއިރާތަކުން ތަމްރީނު ދެމުން އަންނަނީ، އަށް އަހަރު މީޑިއާގެ ޓެކްނިކަލް ކަންތައްތަކުގައި މަސައްކަތް ކުރި، އެ ސްކޫލުގެ އެކަޑަމިކް ސަޕޯޓް ސްޓާފެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ހުސައިން ރަޝީދެވެ.

ދަރިވަރު ނޫހަށް ހުސއަިން ބުނީ، އާޓް އެންޑް މީޑިއާ ކުލަބުގެ ދަރިވަރުންނަށް، ކޮންމެ ދާއިރާއަކުން އެދަރިވަރުންގެ ހުނަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބޭސިކް ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށާއި، ކޮންމެ ދަރިވަރަކީ އެ ދަރިވަރަކާ ހަވާލުވެފައިވާ މަސައްކަތެއްގައި ކުރިއަރަމުން އަންނަ ދަރިވަރެއް ކަމަށެވެ.

" ކެމެރާކުރަން ވިޔަސް އެޑިޓް ކުރަން ވިޔަސް ނޫނީ ސައުންޑް ހަދަން ކަމަށް ވިޔަސް އެ ދާއިރާއަކުން އިންޓްރެސްޓް ހުންނަ ދަރިވަރުން ނަގައިގެން އެ ދަރިވަރުންނަށް ބޭސިކް ތިޔަރީބައި ކިޔައިދީ، އަމަލީ ގޮތުން މަސައްކަތް ކުރުވައިގެން ކޮންފިޑެންސް ހޯދައިދެނީ" ހުސައިން ބުންޏެވެ.

އޭނާ ބުނީ، މިހާތަނަށް އައިއިރު އެ ހުރިހާ ދަރިވަރުންނަށް، ތިން ކެމެރާ އަޅައިގެން އެ ސްކޫލުގެ އިވެންޓްތައް ސޯޝަލް މީޑިއާގައި ލައިވް ކުރެވޭވަރަށް ތަމްރީނު ދެވިފައިވާ ކަމަށާއި މިހާރުވެސް އެ ދަރިވަރުން އެކަން ޕްރެކްޓިސް ކުރަމުން އަންނަ ކަމަށެއެވެ.

" މިހާރު އެކުދިންނަށް މަލްޓި ކެމެރާ އަޅައިގެން އިވެންޓެއް ލައިވްކޮށްލުމަކީ އެއީ ބޮޑު ކަމަކަށް ނުވާނެ" ހުސައިން ބުންޏެވެ.

ކެމެރާއަށް ޚާއްޞަ ދަރިވަރުން، އިވެންޓްތަކުގައި ވީޑިއޯ ނަގާނެ ގޮތާއި ޝޮޓްތައް ހަދާނެ ގޮތާއި މަލްޓި ކެމެރާއަޅާނެ ގޮތް ވަނީ ދަސްކޮށްފައެވެ. ސައުންޑް އެންޑް އޯޑިއޯގައި މަސައްކަތް ކުރާ ކުދިން، އޯޑިއޯ މިކްސަރުގައި އޯޑިއޯ އިންޕުޓާއި އައުޓްޕުޓް ލެވެލް މެނޭޖްކުރުމާއި އޯޑިއޯ މިކްސަރުގެ ޕްރީސެޓްތައް އޮޕަރޭޓް ކުރާނެ ގޮތްތަކާއި އޯޑިއޯ މިކްސަރ ގެ އިކުއަލައިޒޭޝަން މެނޭޖްކުރުމާއި ސައުންޑް ސިސްޓަމްގައި ފީޑްބެކް ތައް ދިމާވާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ވަނީ ދަސްކޮށްފައެވެ.

 

ވީޑިއޯ އެޑިޓްކުރަން ޚާއްޞަ ދަރިވަރުންގެ މަސައްތަކީ ނަގާ ވީޑުއޯތައް ބޭނުންވާ ގޮތަށް އެޑިޓްކޮށް، ކެޕްޝަންތައް ހިމަނައިގެން އެ ހުރިހާ ދަރިވަރުންގެ މަސައްކަތަށް ފުރިހަމަކަން ގެނެސްދިނުމެވެ.

އަދި ޓީވީ ކޮމްޕެޓިޝަން ފޯމެޓްތަކާ އެއްގޮތަށް ސައުންޑާއި އޯޑިއޯ ސިސްޓަމް އޮޕަރޭޓް ކުރާނެ ގޮތް ވެސް އެ ދަރިވަރުން ވަނީ ދަސްކޮށް ޕްރެކްޓިސް ކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *