ހދ. އޭއީސީގައި ދަރިވަރުން ހެއްދި ލެޓިއުސް ވިކި ހުސްވާން މިފަހަރު ނެގީ ދިހަ މިނެޓް

ހދ. އޭއީސީގައި ހެއްދި ލެޓިއުސް އެ ސްކޫލުގެ ދަރިވަރަކު ވިއްކަނީ: ސްކޫލުގެ އެ އުފެއްދުމަށް އާންމުންގެ ތަރުހީބު ބޮޑު – ފޮޓޯ: ހދ. އޭއީސީ

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ހެއްދި ލެޓިއުސް ވިކި ހުސްވާން މި ފަހަރުވެސް ނެގީ އެންމެ ދިހަ މިނެޓެވެ. މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން ހެއްދި ލެޓިއުސް ވިކި ހުސްވާން ނެގީ ވިއްސަކަށް މިނެޓެވެ.

ކުރީ ފަހަރު، ހޮނިހިރު ބާޒާރުގައި ލެޓިއުސް ވިއްކި ނަމަވެސް މިފަހަރު ވިއްކީ އެ ސްކޫލުގެ ގޯތިތެރޭގައެވެ.

" މި ފަހަރު ކުރިއަށްވުރެ އަވަހަށް ވިކި ހުސްވެއްޖެ" ހދ. އޭއީސީގެ ލިޑިންގ ޓީޗަރު، އަދި ތިމާވެށީ ކުލަބުގެ ކޯޑިނޭޓަރު ރުޚްސާނާ އާދަމް ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

ރުޚްޞާނާ ވިދާޅުވި ގޮތުގައި، ކިލޯކިރައިގެން ނުވިއްކާތީ، ވިއްކި ކިލޯގެ އަދަދެއް ބަލާފައި ނުވާ ކަމަށާއި މިފަހަރު ވިއްކީ ކުރިން ވިއްކި އަގަށްވުރެ ހެޔޮކޮށެވެ. މިފަހަރު ލެޓިއުސް ވިއްކައިގެން 795 ރުފިޔާ ލިބުނެވެ. ލެޓިއުސް ބޮޑިއެއް ވިއްކީ 15ރ އަދި 20ރ އަށެވެ.

ހދ. އޭއީސީގައި ލެޓިއުސް ހައްދަން ފެށީ ވެލްނެސް މެޓަރސްގެ ގަސްއިންދުމުގެ ޕްރޮގްރާމުގެ ތެރެއިން ގާއިމް ކުރި ހައިޑްރޯފޯނިކް ސިސްޓަމްގައެވެ. އޭގެ އިތުރު ސިސްޓަމްތަކެއް ޤާއިމްކޮށް، ލެޓިއުސްގެ އިތުރުން ކިއުކަމްބާއާއި ޓޮމާޓޯއާއި ބެޕްޕަޕާ ހައްދަން ނިންމާފައިވާ ކަމަށް ރުޚްސާނާ ވިދާޅުވިއެވެ.

ރުޚްސާނާ ވިދާޅުވީ، އެ ސްކޫލުގެ ތިމާވެށި ކުލަބުގެ 59 ދަރިވަރުންގެ މަސައްކަތް އިތުރަށް ފުޅާކުރަމުންދާއިރު، އެ ސްކޫލުގެ ދަނޑުވެރި ކަމަސައްކަތަކީ ކާމިޔާބު، ކުދިން ޝަޢުޤުވެރިވާ މަސައްކަތެއް ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *