އާބާދީ މަދު ރަށްރަށުގެ ދަރިވަރުން، ރަށުގައި ތިބެގެން ކިޔެވުމުގެ ފުރުޞަތު ހޯދައި ދިނުމަށް ފެށި ސެޓަލައިޓް ސްކޫލަށް މިއަދަށް ދެ އަހަރު ފުރުނީއެވެ.
ސެޓަލައިޓް ސްކޫލް ނިޒާމުގައި ކިޔަވާ ދެނީ އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށެވެ. ސެޓަލައިޓް ސްކޫލް ހުޅުވީ ތިން ސްކޫލެއްގެ 30 ދަރިވަރުންނާއެކު ގައެވެ. އެކަމަކު މިހާރު، ރާއްޖޭގެ ހަ ސްކޫލެއްގައި 51 ދަރިވަރުން ދަނީ ސެޓަލައިޓް ސްކޫލުގެ ނިޒާމުން ކިޔަވަމުންނެވެ. އެއީ ވ. ތިނަދޫއާއި ވ. ރަކީދޫއާއި އދ. ދިއްދޫއާއި ބ. ފުޅަދޫއާއި ބ. ފެހެންދޫއާއި ގއ. ކޮނޑޭ ސްކޫލުގެ ދަރިވަރުންނެވެ. އެ ހުރިހާ ސްކޫލުތަކެއްގެ ބެލެނިވެރިއަކީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލެވެ.
ހުރަވީ ސްކޫލް ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ޕްރިންސިޕަލް ފަޞާނާ މުޙައްމަދު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ސެޓަލައިޓް ސްކޫލަކީ ސައްތައިން ސައްތަ ކާމިޔާބު ސްކޫލެއް ކަމަށާއި، އެ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުމާއި އުނގެނުމުގެ ފެންވަރު ވަރަށް ބޮޑުތަން މަތިވެފައިވާ ކަމަށެވެ. އޭގެ ހެޔޮ ނަތީޖާ އެ ސްކޫލްތައް ހުރި ރަށްރަށުން މިހާރު ފެންނަމުންދާ ކަމަށެވެ.

" ސެޓްލައިޓް ސްކޫލުގައި ހަމައެކަނި ތަފާތުވާ ތަންކޮޅަކީ އެ ކުދިން ދުރުގައި ތިބިކަން. ޓީޗަރުން އެ ސްކޫލްތަކަށް އެބަދޭ. ކުދިން ގެނެސްގެން ސްޓަޑީ ކޭމްޕް އެބަ ބާއްވަން" އެކުދިންނަށް އަންނަ ކުރިއެރުމާމެދު ފަޞާނާގެ އުއްމީދު ބޮޑެވެ.
" ހުރަވީގައި ކުރާ ކޮންމެ ކަމަކީ ސެޓްލައިޓް ސްކޫލުގައި ކުރާ ކަމެއް. މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރިޔަސް ކުދިންގެ ކެޕޭސިޓީ ބިލްޑްކުރަން ހަރަކާތެއް ބޭއްވިޔަސް، އެކަމެއްގައި ސެޓްލައިޓް ސްކޫލުގެ ދަރިވަރުން ބައިވެރިކުރަން. އަޅުގަނޑުމެންގެ ކުދިންނަށް އަންނަ ކުރިއެރުން އެ ކުދިންގެ ކިބައިން ވެސް ފެނޭ"

ފަސާނާ ވިދާޅުވި ގޮތުގައި، ސެޓްލައިޓް ސްކޫލް ފެށިއިރު، އެސަމްބްލީގައި ޤުރުއާން ކުޔެވުމާއި އެހެނިހެން ހަރަކާތްތަކުގައި ބައިވެރުވުން ވަރަށް ކުޑަ ނަމަވެސް މިހާރު އެ މަންޒަރު މުޅިން ތަފާތު ވެއްޖެ ކަމަށެވެ. އޭގެ ހެޔޮ ބަދަލު ހުރިހާ ދަރިވަރުންގެ ފެންނަ ކަމަށް ފަޞާނާ ވިދާޅުވިއެވެ.
" ސެޓްލައިޓް ސްކޫލުގެ ޕީޓީއޭއެއް އޮންނާނެ. ސްކޫލް ޕޯސްޓް އޮންނާނެ. ކެޕްޓަން ހުންނާނެ. ފިޒިކަލީ ގޮސްގެން ކިޔަވާ ކުދިންނަށް ވުރެ ގިނަ ފުރުޞަތު އެކުދިންނަށް މިއަދު ފަހިވެފައި އޮތީ" ފަޞާނާ ވިދާޅުވިއެވެ.
ޑިސެމްބަރު މަހުގެ ތެރޭގައި ހުރަވީ ސްކޫލުން، ގުރޭޑް ދިހައެއްގެ ދަރިވަރުންނަށް ބޭއްވި ސްޓަޑީ ކޭމްޕްގައި ވެސް ސެޓްލައިޓް ދަރިވަރުން ގެނެސްގެން ބައިވެރިކުރުވިއެވެ. އޭގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ފަޞާނާ ވިދާޅުވިއެވެ. އޭގެ ސަބަބުން އެއްތަނަކުން ފެނިދެނިވެ، ކުދިންގެ ތެރޭގައި ކުރިން ނެތް އެކުވެރިކަމާއި އެއްބައިވަންތަކަން މިހާރު އޮތްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ފަޞާނާގެ އުއްމީދަކީ ސެޓްލައިޓް ސްކޫލުގެ ދަރިވަރަކު ޤައުމީ ގަދަ ދިހައެއްގައި ހިމެނުމެވެ.
" އެންމެ ކުއްޖެއް ނަމަވެސް ޤައުމީ ގަދަ ދިހައެއްގައި ހިމެނުމަކީ އެއީ ކުރެވޭ އުއްމީދެއް. އެ ފެންވަރުގެ ދަރިވަރުން އެބަތިބި. އެވަރަށް މަސައްކަތް ވެސް ކޮށްދެމުން މި ދަނީ" އޭނާ ވިދާޅުވިއެވެ.
ސެޓްލައިޓް ސްކޫލުގައި ކިޔަވައި ދެނީ ހުރަވީ ސްކޫލުގެ މުދައްރިސުންނެވެ.
advertisment
ހިޔާލު