ޕްރިންސިޕަލް ސައީދަށް، އިސްކަންދަރުގެ ދަރިވަރުން އަލްވަދާއު ދެންނެވީ ކާޑާއި މާމަލުން

އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދު، 13 އަހަރަށްފަހު، ވަކިވެވަޑައިގެންނެވުމަކީ އެއީ އެ ސްކޫލުގެ ދަރިވަރުންނާއި ސްޓާފުންނަށް ލިބުނު ހިތްދަތި، ކަމެކެވެ.

ސައީދު މިހާރު ހުންނެވި ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަޤާމުގައެވެ. ޕްރިންސިޕަލް ކަމުން ވަޑިވެވަޑައިގެންނެވުމުން ސައީދަށް އަލްވަދާއު ދެންނެވުމަށް އެ ސްކޫލުގެ ދަރިވަރުން ބޭއްވި ޚާއްޞަ އެސެމްބްލީ އޮތީ އިއްޔެ އެ ސްކޫލުގައެވެ. އަލްވަދާއުގެ ރަސްމިއްޔާތު އެ ސްކޫލުގެ ދެ ދަންފަޅީގައި ވެސް ކުރިއަށް ގެންދިޔައެވެ.

ސައީދަށް، ދަރިވަރުން އަލްވަދާއު ދެންނެވީ ކެޑޭޓުންގެ ގާރޑް އޮފް އޮނާގައި ރަތްދޫލައިންނެވެ. ދަރިވަރުން ހަދިޔާ ކުރީ އެ ދަރިވަރުންގެ ހިތުގެ ޝުއޫރުން އަމުލާފައިވާ ކާޑު ތަކާއި މާމަލުންނެވެ.

އިސްކަންދަރު ސްކޫލުގެ ކޮންމެ ކުލާހަކުން، އެ ކުލާހުގެ ހުރިހާ ކުދިންގެ ޝުއޫރު ހިމެނޭ ޚާއްޞަ ކާޑައަކާއި މާބޮނޑިއެއް ސައީދަށް އެރުއްވިއެވެ. އެސަމްބްލީގައި ބައިވެރިވި ހުރިހާ ދަރިވަރުން ތިބީ ޕްރިންސިޕަލަށް އޮތް ލޯބި ރަމްޒުކޮށް ދިނުމުގެ ގޮތުން ރަތް ކުލައިގެ "ހާޓެއް" ހިފަހައިގެންނެވެ.

އިސްކަންދަރު ސްކޫލުގެ ސްޓާފުންގެ ފަރާތުން ބާއްވާ ވަދާއީ ހަފްލާ އޮންނާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެ ސަކޫލުގައެވެ.

އިސްކަންދަރު ސްކޫލުން ބުނީ، ހުސައިން ސަޢީދު އެ ސްކޫލުގެ ޕްރިންސިޕަލްގެ މަޤާމުގައި ހުންނަވައިގެން ވޭތުވެދިޔަ 13 އަހަރު ކުރެއްވި ޚިދުމަތަކީ ސްކޫލްގެ ތާރީޚްގައި ރަން އަކުރުން ލިޔެވޭނެ ޚިދުމަތް ތަކެއް ކަމަށެވެ. ހުސައިން އެ ސްކޫލާ ގުޅިވަޑައިގެންނެވި އިރު ސްކޫލް އޮތް ޙާލަތާ މިހާރު ސްކޫލަށް އައިސްފައިވާ ބަދަލުތަކުން އެކަން ވަޒަން ކުރެވޭނެ ކަމަށް ވެސް އެ ސްކޫލުން ބުނެއެވެ.

އިސްކަންދަރު ސްކޫލްގެ ދަރިވަރުން ބައިވެރިވާ އިމްތިޙާނުތަކުން ރަނގަޅު ނަތީޖާ  ހޯދުމުގައި ވެސް ހުސައިން ސައީދުގެ ދުރުވިސްނޭ ސިޔާސަތު މުހިއްމު ދައުރެއް އަދާކުރި ކަމަށާއި އިތުރު ހަރަކާތްތަކުން ސްކޫލް ހޯދި ކާމިޔާބުތައް ވެސް ގިނަ ކަމަށްއެ ސްކޫލުން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *