ބިދޭސީ މުދައްރިސުންނަށް އަހަރަކު 350 މިލިއަން ރުފިޔާ ޚަރަދުވޭ

ރާއްޖޭގައި މިހާރު 1،800 އެއްހާ ބިދޭސީ މުދައްރިސުން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެ މުދައްރިސުންނަށް އަހަރަކު، 350 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ޕީއެސްއެމްނިވްސްއަށް ދެއްވި ބަސްދީގަތުމެއްގައި ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވީ، ބިދޭސީންގެ ވަޒީފާތަކަށް ދިވެހި މުދައްރިސުން ތަމްރީނު ކުރުމުގެ ޤައުމީ މަޝްރޫއެއް ފައްޓަވަން ނިންމާފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، މުދައްރިސުން ތަމްރީނު ކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ދިވެހިން ވަޒީފާއަށް ނެރުމާއި ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމެއެވެ.

" ދިވެހިން، ޓީޗަރުންގެ ގޮތުގައި ތަމްރީނުކޮށް ސްކޫލް ސްކްޓަރއަށް ނެރެވިއްޖެކަމުގައި ވަނީނަމަ ވަޒީފާ ލިބިގެން އެދިޔައި 1800 ދިވެހިންނަށް. އޭގެ ސަބަބުން އަޅުގަނޑުމެންގެ އިކޮނޮމީ ތެރޭގައި 350 މިލިއަނެއްހާ ރުފިޔާ ހިފެހެއްޓޭނެ. އޭގެ މަންފާ ދިވެހިރާއްޖެއަށް ކުރާނެ." ޑރ. އިސްމާއިލް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އަޅުގަނޑުމެންގެ ޤައުމުގައި ޓީޗަރުން މަދުވާން ފަށާފައިވާ ކަމަށާއި، ޚާއްޞަކޮށް ދެވެހި އިސްލާމް މާއްދާ ކިޔަވައި ދެއްވާ ބޭފުޅުން އަޅުގަނޑުމެން ގިނަ ކުރަން ވެއްޖެ ކަމަށެވެ.

" ތަޢުލީމީ ދާއިރާއަށް ޓީޗިން ހަދަން ވަންނަ ކުދިން ވެސް މަދުވެއްޖެ. ޤައުމީ ފެންވަރުގެ ޕްރޮގްރާމެއްގެ ތެރެއިން ޚާއްޞަކޮށް އޯލެވެލްއާއި އޭލެވެލް ނިންމާ ދަރިވަރުންނަށް މި ޕްރޮގްރާމް އަމާޒުކޮށްފި ކަމުގައި ވަނީނަމަ އަޅުގަނޑަށް ގަބޫލު ކުރެވެނީ ޤައުމީ ފެންވަރުގެ ޕްރޮގްރާމެއްގެ ތެރެއިން ޓީޗަރުން ތަމްރީނު ކުރެވި ދިވެހިރާއްޖެއަށް ދިމާވެފައިވާ ޓީޗަރސް ސޯޓޭޖަށް ކޮންމެ ވެސް ވަރެއްގެ ހައްލު ތަކެއް ލިބިގެން ދާނެ ކަމަށް" ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.

ސާނަވިއާ ހަމައަށް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ބިނާ ކުރަން ސަރުކާރުން ނިންމާފައި ވަނީ ފަސް އަހަރު ދުވަހުގެ ޕްލޭނެއްގެ ދަށުންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ އާ ސްކޫލުގެ ބިންގާ އަޅުއްވައި ދެއްވައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ޕްރައިމަރީ އަދި ސެކަންޑަރި ލެވެލްތަކުގައި ކިޔަވައިދޭ ހުރިހާ ޓީޗަރުންނަކީ ފެންވަރު ރަނގަޅު، ދިވެހި ޓީޗަރުންނަށް ހަދަން ކެބިނެޓްގައި މަޝްވަރާކޮށް ނިންމާފައިވާ ކަމަށެވެ.

" އޭގެ ނަތީޖާއަކަށް ވާނީ، އަޅުގަނޑުމެންގެ ތުއްތު ދިވެހި ކުދިންގެ ދިވެހި ސިކުނޑިތައް، ދިވެހި ޤައުމިއްޔަތުގެ މަތީގައި ބިނާކުރަން ތިބޭނީ ދިވެހި ޓީޗަރުންނޭ. އެއީ، ވަރަށްވެސް މުހިންމު ކަމެއް. އިރާދަކުރެއްވިއްޔާ، އޭގެ ފޮނިމީރުކަން އަޅުގަނޑުމެންގެ ޢާއިލާތަކަށް، އަޅުގަނޑުމެންގެ ޅަދަރިންނަށް، އަޅުގަނޑުމެންގެ ޒުވާނުންނަށް ލިބިގެންދާނެ" ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބަށް ބަލާއިރު، ސްކޫލްތަކުގައި 9،835 މުދައްރިސުން މަސައްކަތް ކުރަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *