ލ. ގަމުގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ކެމްޕަހުގެ މެނޭޖަރަށް ތޯހާ އަބޫބަކުރު ހަމަޖައްސައިފިއެވެ. މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެ އިއްޔެ އޮފީހަށް ނުކުންނަވައި، ފުރަތަމަ ވެސް އޭނާ ފެއްޓެވި އެއް މަސައްކަތަކީ ވަގުތީ ކެމްޕަސް ދާއިމީ ކުރުމަށް ކުރަންޖެހޭ މަސައްކަތެވެ.
" އަޅުގަނޑު ވާނީ އެކަމާ ގުޅިގެން ކައުންސިލާއެކު މަޝްވަރާ ކުރަން ސިޓީއަކުން ދަންނަވާފައި" ދަރިވަރު ނޫހަށް ތޯހާ ވިދާޅުވިއެވެ.
ތޯހާ ވިދާޅުވީ، އޭނާ އެ މަޤާމަށް ކުރިމަތިލެއްވީ ޤައުމީ ޔުނިވަރސިޓީގެ ވަގުތީ ކެމްޕަސް ދާއިމީ ކެމްޕަހަކަށް ބަދަލު ކުރުމުގެ ވިސްނުމުގައި ކަމަށެވެ.
" އެމްއެންޔޫގެ ކެމްޕަސް ދާއިމީ ކެމްޕަކަށް ބަދަލުވެގެން ދިއުމަކީ މުޅި ލ. އަތޮޅުގެ ހުރިހާ ރައްޔިތުން އެދޭ އެދުމެއް. އެމީހުންގެ އެ ހުވަފެން ހަޤީގަތަކަށް ހެދިދާނެ ކަމަށް ޤަބޫލު ކުރެވިގެން ކެމްޕަހުގެ މެނޭޖަރު ކަމުގެ ޒިންމާއާ ހަވާލުވީ" ތޯހާ ވިދާޅުވިއެވެ.

ކުރިން ޕްރީ ސްކޫލެއްގެ ގޮތުގައި ހިންގި އިމާރާތް ވަގުތީ ކެމްޕަހެއްގެ ގޮތުގައި ޤައުމީ ޔުނިވަރސިޓީއަށް ހަމަޖެއްސީ 2011 ވަނަ އަހަރުއެވެ. އޭގެ ފަހުން ގަމު ކެމްޕަހުގެ ގޮތުގައި އެބިން ޤައުމީ ޔުނިވަރސިޓިއަށް ހަމަޖެއްސި ނަމަވެސް ރަޖިސްޓްރީކޮށް ނުދެއެވެ.
ތޯހާ ވިދާޅުވީ، ދިގު މުއްދަތެއް ފާއިތުވިއިރު، ދާއިމީ ރަޖިސްޓްރީ ނުލިބި އޮތުމުގައި ސަބަބުތަކެއް އެބަހުރި ކަމަށާއި، އުއްމީދަކީ ސަރުކާރާއި ކައުންސިލާއި އަދި ޤައުމީ ޔުނިވަރސިޓީ ގުޅިގެން ކުރެވޭ މައްސައްކަތްތަކުން ވީހާވެސް އަވަހަކަށް ހައްލުވެގެން ދިއުން ކަމަށެވެ.
" އެންމެ މުހިންމު ކަމަކީ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ގުޅުން ނެތުން. އިތުރުބާރު ކުރެވޭ ގުޅުމެއް ޤާއިމް ކުރެވިއްޖެނަމަ އެއީ ވާނެ ކަމެއް" ތޯހާ ވިދާޅުވިއެވެ.
2005 ވަނަ އަހަރުން ފެށިގެން މަތީ ތަޢުލީމުގެ ކޯސްތަކަށް ކިޔަވައި ދެއްވަމުން ގެންދަވާ ތޯހާ އެންމެ ފަހުން ހުންނެވީ ލ. އަތޮޅުގައި ހުންނަ ވިލާ ކޮލެޖް ކެމްޕަސްގެ މެނޭޖަރެއްގެ މަޤާމުގައެވެ. އެ މަޤާމުގައި 5 އަހަރު ހޭދަ ކުރެއްވިއެވެ.
ކުރިން އެމްއެންޑީއެފްގައި މަސައްކަތް ކުރެއްވި ތޯހާ ވަނީ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ކޮލެޖްގެ ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް ކޯސްތަކުގެ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އަދި މައި ކޮލެޖާއި އެމްއެންޔޫގެ ޕާޓް-ޓައިމް ލެކްޗަރާއެއްގެ އިތުރުން އެވިޑް ކޮލެޖްގެ މާސްޓަރސް ކޯސްތަކުގެ ދަރިވަރުން ސްޕަވައިސް ކުރުމުގައި މަސައްކަތް ކުރައްވާފައިވެއެވެ. ވިލާ ކޮލެޖުން ހިންގާ ޔުނިވަރސިޓީ އޮފް ވެސްޓަން އިންގްލޭނޭޑްގެ ކޯސްތަކުގައި ވެސް ލެކްޗަރާއަކަށް ވެސް އޭބާ މަސައްކަތް ކުރެއްވިއެވެ.
ތޯހާ ވަނީ ޔުނިވަރސިޓީ އޮފް ވެސްޓަން އިންގްލޭނޭޑުން ސައިންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން މާސްޓަރސް ފުރިހަމަ ކުރައްވާފައެވެ. އަދި ޕޯސްޓް ގުރެޖުއޭޓް ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ހައްދަވައި، އަދި ހިއުމަން ރިސޯސަސް މެނޭޖްމަންޓްގެ ދާއިރާއިން ބެޗްލާސް އޮފް އޮނާސް ހާޞިލް ކުރައްވާފައެވެ.
advertisment
ހިޔާލު