ދިރާސީ އައު އަހަރަށް ގެނައި ބަދަލާއެކު މިހާރު ގުރޭޑު 8 ގައި ކިޔަވަމުންދާ ދަރިވަރުންނަށް ކެމްބުރިޖު އަދި އެސްއެސްސީ މުޤައްރަރަށް ކިޔަވައިދޭން ބައެއް ސްކޫލްތަކުން ފަށައިފިއެވެ.
ދިރާސީ އައު އަހަރަށް ގެނައި ބަދަލާ ގުޅިގެން މި ހިނގާ ދިރާސީ އަހަރު ގުރޭޑް 8ގައި ތިބި ދަރުވަރުން އޯލެވްއަށް ތައްޔާރު ވުމަށް ސްޓްރީން ކަނޑައަޅައި، ކިޔަވައިދޭން އެޑިޔުކޭޝަން މިނިސްޓްރީން އޮތީ އަންގާފައެވެ. އެ މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސަރކިއުލަރގައި ބުނެފައިވާ ގޮތުން މި ހިނގާ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން ސްޓްރީމް ތަކަށް ކިޔަވައިދޭން ޖެހެއެވެ. އޭގެ ކުރިން މިއަދުގެ ނިޔަލަށް ސްޓްރީމާ ގުޅޭ ގޮތުން ބެލެނިވެރިންނަށް މައުލޫމާތު ދީ، ދަރިވަރުން ޚިޔާރު ކުރާ ސްޓްރީމެއް، މި މަހުގެ 17ގެ ކުރިން އެޑިޔުކޭޝަން މިނިސްޓްރީއަށް އަންގަން ޖެހެއެވެ.

ބައެއް ސްކޫލްތަކުން ބުނީ، ސްޓްރީމަށް ކިޔަވައިދިނުމުގެ ތައްޔާރީތައް މިހާރު އެ ސްކޫލްތަކުގައި ނިމިފައިވާ ކަމަށާއި، ބޭނުން ވަނީ ވީހާވެސް އަވަހަށް ސްޓްރީމަށް ކިޔަވައިދޭށެވެ.
އައްޑޫ ސިޓީ ހިތަދޫ ސްކޫލުން ބުނީ ގުރޭޑު 8 ގެ ދަރިވަރުންނަށް ކެމްބުރިޖު އަދި އެސްއެސްސީ މުޤައްރަރަށް ކިޔަވައިދޭން މިއަދު ފަށާފައިވާ ކަމަށެވެ.
އެ ސްކޫލުން ބުނީ، މަގުސަދަކީ ދެ އަހަރުގެ މުޤައްރަރު ނިންމުމަށް އެންމެ ދުވަހެއް ވެސް ގެއްލުވާނުލާ 2024 ޖެނުއަރީ އިން 2025 ނޮވެމްބަރ އަށް ލިބޭ ދެ އަހަރުގެ މުއްދަތުގައި ހާސިލް ކުރުމަށް މިދަރިވަރުން ކަނޑައަޅާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ކުރެންވެން ހުރި ހުރިހާމަސައްކަތެއް ސްކޫލާއި ދަރިވަރުން އަދި ބެލެނިވެރިން ގުޅިގެން ކުރުން ކަމަށެވެ.
" ފުރަތަމަ ހަފުތާގައި ކުރިޔަށްދާނީ ދަރިވަރުން މިބަދަލަށް ތައްޔާރު ކުރުމާއި މުޤައްރަރުގެ ބައިތައް ދަރިވަރުންނަށް ބުނެދީ ދަރިވަރުން ކުރިޔަށް އޮތް ދެ އަހަރުގެ ކިޔެވުމަށް އެކުދިން ހުރިހާ ގޮތަކުން ތައްޔާރު ކުރުމަށް ކުރެވޭ މަސައްކަތް " ހިތަދޫ ސްކޫލުގެ ޕޭސްބުކް ޕޭޖުގައި ލިޔެފައިވެއެވެ.
" އިންޝާﷲ، ސްކޫލާއި، ބެލެނިވެރިންނާއި ދަރިވަރުން ގުޅިގެން މަސައްކަތް ކުރާނީ ކުރިޔަށް އޮތް ދެ އަހަރަކީ ދަރިވަރުންނަށް ހުރިހާގޮތަކުންވެސް ކާމިޔާބު ދެ އަހަރަށް ހަދަން"
މާލޭގެ ބައެއް ސްކޫލްތަކުން ވެސް ބުނީ، ސްޓްރީމް ކަނޑައަޅައި ކިޔަވައި ދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ތައްޔާރު ވެފައި ހުރުމުން މި ހަފްތާގެ ތެރޭގައި ކިޔަވައިދޭން ފަށާނެ ކަމަށެވެ.
advertisment
ހިޔާލު