ހަ ސްކޫލެއްގައި ސްޓެމް އެޑިޔުކޭޝަން ފަށަން ކޮންސަލްޓެންޓުން ހޯދަން އިޢުލާން ކޮށްފިއެވެ. މިއީ ވޯލްޑް ބޭންކުގެ އެހީގައި ހިންގާ އެޓޯލްސް އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ. ސްޓެމް އެޑިޔުކޭޝަންއަކީ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް އެއްކޮށްލައިގެން ކިޔަވައިދިނުމެވެ. މި މަޝްރޫގެ ދަށުން ރާއްޖޭގެ 28 ސްކޫލެއްގައި ސްޓެމް އެޑިޔުކޭޝަން ޕްރޮގްރާމް ކުރިއަށް ގެންދެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ވަކިވަކިން ކުރި ދެ އިޢުލާނުގެ ތެރެއިން ފުރަތަމަ އިޢުލާނުގައި، ކޮންސަލްޓެންޓަކު ހޯދަނީ، ނ. އަތޮޅު ހޮޅުދޫގައި ހުންނަ މޭނާ ސްކޫލާއި ރ. ހުޅުދުއްފާރު ސްކޫލާއި ބ. އޭއީސީއާއި ޅ. އޭއީސީގައި ސެޓެމް އެޑިޔުކޭޝަން ފެށުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތް ތަކަށެވެ. ދެ ވަނަ އިއުލާނުގައި، ކޮންސަލްޓެންޓަކު ހޯދަނީ ހއ. އިހަވަންދޫ ސްކޫލާއި ކުޅުދުއްފުށީ އަފީފުއްދީން ސްކޫލާއި ށ. ފުނަދޫ ސްކޫލުގައި ސްޓެމް އެޑިޔުކޭޝަން ފެށުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ތަކަށެވެ.
އެ އިއުލާނުގައި ބުނެފައިވަނީ، ކޮމްޕިއުޓަރ ސައިންސް، ސޮފްޓްވެއަރ އިންޖިނިއަރިންގ ނުވަތަ އެފަދަ އެހެން ދާއިރާއަކުން ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ޕްރޮގްރާމިން ލެންގުއޭޖްތަކުގެ ތަޖުރިބާ، ކޮންސަލްޓެންޓަކަށް އެދި ހުށަހަޅާ ފަރާތެއްގައި ހުންނަން ޖެހޭނެ ކަމަށެވެ. އަދި މައިކްރޯ ބިޓް ޕީޑީ އޮންލައިން ކޯސްތައް ފުރިހަމަކޮށްފައި ވުމާއި، މައިކްރޯ ބިޓް ނުވަތަ އާޑުއިނޯ ފަދަ ފިޒިކަލް ކޮމްޕިއުޓިން ޑިވައިސްތަކަށް އަހުލުވެރިވެފައިވާ މީހަކަށް ވެސް ވާން ޖެހޭނެ ކަމަށެވެ.

މި ހަ ސްކޫލުގައި ވެސް ސްޓެމް އެޑިޔުކޭޝަން ފަށަން ބޭނުންވާ މަސައްކަތްތަކަށާއި އަދި ޓްރެެއިނިންގ ކުރިއަށް ގެންދަން ކޮންސަލްޓެންޓުން ހޯދަނީ ތިން މަސް ދުވަހުގެ މުއްދަތަށެވެ.
މި މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ 12:00 ގެ ކުރިން ކަމާ ގުޅުން ހުރި ލިޔެކިޔުންތައް އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ.
ސެޓެމް އެޑިޔުކޭޝަން ސްކޫލްތަކުގައި ފަށަން ބޭނުންވާ ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް ނެޝަނަލް އިންސްޓިޓިއުޓް ފޮރ އެޑިޔުކޭޝަނުން ފެށީ މިދިޔަ އަހަރު އޮގަސްޓް މަހުގެ އަށް ވަނަ ދުވަހުއެވެ. އެ ދުވަހު ފެށި ތަމްރީނު ފްރޮގްރާމްގައި 98 ޓީޗަރުން ބައިވެރިވިއެވެ. އޭގެ ކުރިން އޮންލައިންކޮށް ފުރިހަމަ ކުރަން ޖެހޭ ތަމްރީނު ޕްރޮގްރާމް ވެސް ޓީޗަރުން ފުރިހަމަ ކުރިއެވެ.
ވޯލްޑް ބޭންކުގެ އެހީގައި ހިންގާ އެޓޯލްސް އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް 10 މިލިއަން ޑޮލަރު ކަނޑައަޅާފައި ވެއެވެ.
advertisment
ހިޔާލު