ސްކޫލްތަކުގެ އިތުރު ހަރަކާތްތަކާއި ކުޅިވަރު ކުޅެން ބޭނުން ކުރާ ދަނޑުގައި އާންމުކޮށް އަޅަމުން އަންނަނީ ޓާފެވެ. އެކަމަށް ބޮޑު ޚަރަދެއް ވެސް ސްކޫލްތަކުން ކުރެއެވެ. ބައެއް ސްކޫލްތަކުން އެކަން ކުރަނީ ހެޔޮއެދޭ ފަރާތްތަކެއްގެ ދީލަތި އެހީ ގައެވެ.
ބ. ކިހާދޫގައި ހުންނަ ކިހާދޫ ސްކޫލުގެ ކުޅިވަރު ދަނޑުން ފެނުނީ ތަފާތު މަންޒަރެކެވެ. އެ ދަނޑުގައި ހެއްދީ ގުދުރަތީ ވިނައެވެ. އެ މަސައްކަތް ކުރީ އެ ސްކޫލުގެ ސްޓާފުންނެވެ. އެ ސްކޫލުގެ ގޯތިތެރޭގައި އޮތް ބޮޑު ސަރަހައްދެއްގައި އޮތީ ފެހިކަން ގަދަ ވިނަ ހައްދާފައެވެ.
ކިހާދޫ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޒުބައިދު މިއަދު ވިދާޅުވީ، އެ ސްކޫލުގެ ކުޅިވަރު ދަނޑަށް އެ ބަދަލު ގެނައީ އެ ސްކޫލުގެ މަސައްކަތު މީހުންގެ ބުރަ ހީވާގި މަސައްކަތުން ކަމަށެވެ.
އޭނާ ވިދާޅުވީ، އެ ސްކޫލާ އިންވެގެން އޮތް 15،000 އަކަ ފޫޓްގެ އެ ސަރަހައްދުގައި ވިނަ އިންދައި ބަލަހައްޓަމުން ގެންދާތާ މިހާރު ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ، ފެންދީ ވިނަ ކޮށައި ހަދަނީ ވެސް އެ ސްކޫލުގެ މަސައްކަތު މީހުން ކަމަށެވެ.
ހުރިހާ ސްޓާފުންގެ އެހީތެރިކަން ވެސް އެކަމަށް ލިބޭ. ދަނޑުގައި ވިނަ ހައްދައި، މަރުވާ ވިނަތައް ނަގައި އެތަންތަނުގައި ޕެޗްއަޅައި ހަދަނީ މަސައްކަތު މީހުން. ދަނޑުން އެ ފެންނަ ޗާލުކަން އެއީ މަސައްކަތު މުވައްޒަފުންގެ މަސައްކަތް" ޒުބައިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެހާ ބޮޑު ސަރަހައްދެއްގައި ވިނަ ހައްދައި، ދިގުވާ ވިނަތައް އެއް ވަރަކަށް ކޮށައި ބެލެހެއްޓުމަކީ އެއީ ފަސޭހަ ކަމެއް ނޫނެވެ.
ޒުބައިރު ވިދާޅުވީ، އުމްރާނީ ތަރައްޤީގެ ބައެއް މަސައްކަތްތައް އެ ސްކޫލުގައި ކުރިއަށް ގެންދަން ރާވާއިރު، އެ ދަނޑު އެ އޮތް ގޮތަށް ބޭއްވުން މުހިންމު ކަމަށެވެ. އެ ދަނޑަކީ ދަރިވަރުން ކުޅޭށާއި، ސްކޫލުގެ އިތުރު ހަރަކާތްތައް ބާއްވަން ބޭނުންކުރާ އެންމެ މުހިންމު ތަނެވެ.
" މަލްޓީ ޕާރޕަސް ހޯލެއް ހިމެނޭ އިމާރާތެއްގެ އެޅުމުގެ މަސައްކަތް ޕްލޭންގައި އެބައޮތް. އެފަދަ އިމާރާތެއް އެތަނުގައި ނާޅާ ވާނެ ގޮތެއް އޮތް ތޯ އަޅުގަނޑުމެން ބަލާނަން. ބޭނުން ވަނީ އެ ހިތްގައިމު ސަރަހައްދު ކުދިން ކުޅެން އޮންނަ ތަނެއްގެ ގޮތުގައި ބާއްވަން. އޭގެ ބަދަލުގައި އިމާރާތެއް އަޅާނަމަ އަޅާން ވީ މިހާރު ހުރި ބާ އިމާރާތް ތަޅާލާފައި އެތަނުގައި" ޒުބައިރު ވިދާޅުވިއެވެ.
ޕްރީ ސްކޫލުން ފެށިގެން ގުރޭޑް 10އާ ހަމައަށް 150 އާ ކައިރިކުރާ އަދަދެއްގެ ދަރިވަރުން ކިހާދޫ ސްކޫލުގައި ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު