ބާވެ ބޭނުން ނުކުރާތާ ފަސް އަހަރު ފަހުން، އިސްކަންދަރު ސްކޫލުގެ ދެ ބުރި އިމާރާތް ތަޅާލަނީ

ބޭނުން ނުކުރާތާ ފަސް އަހަރު ވެފައިވާ އިސްކަންދަރު ސްކޫލުގެ އޭ ބްލޮކް ހިމެނޭ ދެ ބުރި އިމާރާތް ތަޅާލަން ނިންމައި އެކަން ކުރާނެ ބަޔަކު ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ވަނީ އެކަން ކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ވެސް ކޮށްފައެވެ.

އިސްކަންދަރު ސްކޫލަށް ވަންނައިރު ކަނާއަތް ފަރާތުގައި ހުރި ދެ ބުރި އިމާރާތް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް، އިންސްޕެކްޝަން ހެދުމަށް ފަހު، އެމްއެންޑީއެފްގެ ސިވިލް އިންޖީނިއަރުން ދިން ލަފާގެ މަތިން އެ އިމާރާތް ބޭނުން ނުކުރާތާ މިހާރު ފަސް އަހަރު ވެއްޖެއެވެ. މިހާރު ގުދަނަކަށް ބޭނުން ކުރާ އެ އިމާރާތް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް މީގެ ނުވަ އަހަރު ކުރިން ވެސް އެޑިއުކޭޝަން މިނިސްޓްރީގެ ސިވިލް އިންޖީނިއަރިންގެ ޓީމަކުން ނިންމައި އެކަން އިސްކަންދަރަށް އެންގި ކަމަށް ވެއެވެ.

ހަތް ކުލާސް ރޫމާއި ޕްރިންސިޕަލާއި ޑެޕިއިޓީ ޕްރިންސިޕަލުން ކުރިން މަސައްކަތް ކުރީ އެ އިމާރާތުގައެވެ.

އިސްކަންދަރު ސްކޫލުގެ ދެ ބުރި އިމާރާތް ތަޅާލާނެ ބަޔަކު ހޯދަން އިއުލާން ކުރި ނަމަވެސް އެތަނުގައި އިމާރާތެއް އެޅުމާ ގުޅޭ ތަފްޞީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އިސްކަންދަރުގެ ދެ ބުރި އިމާރާތް ތަޅާލުމުގެ ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 21 ވަނަ ދުވަހުގެ 10:20 އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *