ކިނބިދޫ ސްކޫލަށް 75 އަހަރު ފުރިއްޖެ

ތ. އަތޮޅު ކިނބިދޫ ސްކޫލަށް 75 އަހަރު މިއަދު ފުރިއްޖެއެވެ. އެ ސްކޫލް ހުޅުވީ ކިނބިދޫ މަދަރުސާގެ ނަމުގައި 8 ޖަނަވަރީ 1949ގައެވެ.

އެ ސްކޫލަށް 75 އަހަރު ފުރުނު އަލިމަސްޔޫބީލް ފާހަގަ ކުރުމުގެ ހަރަކާތްތައް ފެށީ އާދީއްތަ ދުވަހުގެ ރޭ، ޖަމާއަތުގައި ކުރި ފަތިސް ނަމާދުންނެވެ. ފަތިސް ނަމާދުގެ ޖަމާއަތުގައި އެ ސްކޫލުގެ އެހާރާއި މިހާރުގެ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވިއެވެ. އަދި އެ ރަށުގެ ރައްޔިތުންގެ ތެރެއިން ވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.

ކިނބިދޫ ސްކޫލުގެ އަލިމަސްޔޫބީލް ފާހަގަކުރަން ބޭއްވި ޚާއްޞަ އެސަމްބްލީގައި އިސްދަރިވަރު، އަބްދުﷲ އަޙްމަދު އެ ސްކޫލްގެ ތާރީޚް ކިޔައިދެއްވަނީ- ފޮޓޯ: ކިނބިދޫ ސްކޫލް

ކިނބިދޫ ސްކޫލުން ބުނީ އަލިމަސްޔޫބީލްގެ ހަރަކާތްތައް އަހަރު ދުވަހަށް ރާވާފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ހަރަކާތްތައް އިއްޔެއާއި ރޭ ކުރިއަށް ގެންދިޔައެވެ.

ކިނބިދޫ ސްކޫލަށް 75 އަހަރު ފާހަގަކުރުމުގެ ގޮތުން ހެނދުނުގެ ކަސްރަތު ހަރަކާތެއް ހޯމަ ދުވަހު ހެނދުނު ކުރިއަށް ގެންދިޔައެވެ. މި ކަސްރަތު ހަރަކާތުގައި ސުކޫލްގެ ދަރިވަރުންނާއި މުވައްޒަފުންނާޢި ބެލެނިވެރިން އަދި އިސް ދަރިވަރުން އަދި ރަށުގެ ރައްޔިތުން ބައިވެރިވެފައިވެއެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ ކިނބިދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުންނެވެ.

ކިނބިދޫ ސްކޫލުގެ އަލިމަސްޔޫބީލް ފާހަގަކުރަން ބޭއްވި ކަސްރަތުގެ ހަރަކާތް- ފޮޓޯ: ކިނބިދޫ ސްކޫލް

ކިނބިދޫ ސްކޫލުގެ މިހާރުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން އަލިމަސްޔޫބީލް އެސަމްބްލީ އޮތީ އެ ސްކޫލުގައެވެ. ހެނދުނު ދަންފަޅި ފެށުމުގެ ގޮތުން ބޭއްވި މި ޚާއްޞަ އެސަމްބްލީގައި އެ ސްކޫލުގެ ތާރީޚުގެ މައްޗަށް އިސްދަރިވަރު، އަބްދުﷲ އަޙްމަދު ވާހަކަ ދެއްކެވިއެވެ.

އޭގެ ފަހުން، ވަކިވަކި ކުލަސްތަކުން ހުށަހެޅި އައިޓަމްތަކުގެ އިތުރުން އަހަރީ ކޭކު ފެޅިއެވެ.

އަހަރީ ދުވަހުގެ ކުޅިވަރު ހަރަކާތެއްގެ ގޮތުގައި އިސްދަރިވަރުންގެ ބައްޓާއި ފުޓްސެލް މެޗް ތަކެއް އިއްޔެއާއި ރޭ ބޭއްވިއެވެ.

ކިނބިދޫ ސްކޫލްގެ ތާރީޚް

ކިނބިދޫ މަދަރުސާ 1949 ވަނަ އަހަރުގެ ޖެނުއަރީ 8ގައި ހުޅުވިއިރު، ތިބި 40 ދަރިވަރުންނަށް ކިޔަވައިދޭން ތިބީ ތިން މުވައްޒަފުންނެވެ. ކިޔަވައިދޭން ފުރަތަމަ ފެށީ ހަތަރު ގުރޭޑަށެވެ. ދިވެހި މީޑިއަމަށް އޭރު ކިޔަވައި ދިނީ، ދިވެއްސާއި އިސްލާމުގެ އިތުރުން ޤުރުއާނާއި ހިސާބެވެ. އަރަބިތާނަ ލިޔުމާއި އަޚްލާގުގެ ޢިލްމެވެ. ކިޔަވައިދޭން ބޭނުން ކުރީ ރައްޔިތުންގެ މައުލޫދު ހަރުގެއެވެ. ފަހުން މިހާރުގެ ޕްރީ ސްކޫލަށް ކިޔެވުން ބަދަލުކުރިއެވެ.

1952ގައި އެ ސްކޫލުގެ ހިންގުމާ ހަވާލުވީ، ލިލީގޭ އަލްމަރުހޫމް އަބްދުﷲ ރަޝީދެވެ. އޭނާ، މެދުކެނޑުމެއް ނެތި 44 އަހަރު ދުވަހު ސްކޫލް ހިންގުމުގައި އެންމެ އިސް މީހެއްގެ ގޮތުން މަސައްކަތް ކުރެއްވިއެވެ.

ކިނބިދޫ ސްކޫލް މިހާރު ހުރި އިމާރާތަށް ބަދަލުވީ 1999 ވަނަ އަހަރުއެވެ. އޭރު ހުރީ ފަސް ކުލާސް ރޫމާއި އޮފީސް ބައެކެވެ.

އެ އަހަރު، ހުވަދުމާގޭ މުޙައްމަދު އިބްރާހިމްގެ ނާޠިރު ކަމުގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެއްޓެވިއެވެ. އެ ހިސާބަށް ސްކޫލް ހިންގަމުން އައީ ކިނބިދޫގެ ރައްޔިތުންގެ ސްކޫލެއްގެ ގޮތުގައެވެ.

ސްކޫލް ހުޅުވީ ކިނބިދޫ މަދަރުސާގެ ނަމުގަ އެވެ. ފަހުން މަކުތަބުއް ޝިހާބަށް ބަދަލުކުރިއެވެ. އޭގެ ފަހުން މަކުތަބުއް އިޖްތިހާދަށް ބަދަލުކުރިއެވެ. އެއަށްފަހު ކިނބިދޫ މަކުތަބުގެ ނަމުން ކިނބިދޫ ސްކޫލްގެ ނަމަށް ބަދަލުކުރިއެވެ.

ރައްޔިތުންގެ ޚަރަދުގައި ހިންގަމުން އައި ސްކޫލް ސަރުކާރުގެ ސްކޫލެއްގައި ގޮތުގައި ހަމަޖެއްސީ 2000 ވަނަ އަހަރުއެވެ. އޭގެ ދެ އަހަރު ފަހުން 2002 ވަނަ އަހަރު ފުރަތަމަ ފަހަރަށް އޯލެވެލްގައި ބައިވެރިވިއެވެ. 2006 ވަނަ އަހަރު އޯލެވެލްގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ދެ ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނެވެ.

ކިނބިދޫ ސްކޫލަށް 75 އަހަރު ފުރުނު އިރު، އެ ސްކޫލުގައި 257 ދަރިވަރުން ކިޔަވަމުން ގެންދެއެވެ. މުވައްޒަފުންގެ އަދަދަކީ 40 އެވެ. ޕްރިންސިޕަލަކީ އަޙްމަދު އަބްދުﷲއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *