ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ މެއި 26 ގައި

‎މިހާރު ހިނގަމުންދާ ދިރާސީ އަހަރުގެ ކިޔެވުން 30 އެޕްރީލަށް ނިންމައި، އަންނަ ދިރާސީ އަހަރުގެ ކިޔެވުން މެއި 26ގައި ފަށާގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

ދިރާސީ އަހަރު، ކުރިން ވެސް އޮތް ގޮތަށް ބަދަލުކުރަން ނިންމައި، އިއުލާން ކުރީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމަށް ފަހުއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ، ފަސް ސެމިސްޓަރއަށް ބަހާލައިގެން ދިރާސީ އަހަރަށް ބަދަލު ގެންނާށެއެވެ.

މި ބަދަލާއެކު މިހާރު ކުރިއަށްދާ ދިރާސީ އަހަރު ނިމޭނީ އަންނަ އެޕްރީލް މަހުގެ 30ގައެވެ.

ދިރާސީ އާ އަހަރު، 26 މެއި 2024 ގައި ފަށައި،  20 ފެބުރުއަރީ 2025 ގައި ނިންމާނެއެވެ. 2025 ވަނަ އަހަރު ދިރާސީ އަހަރު ކުރިއަށް ދާނީ މާރޗް 9ން ޑިސެމްބަރު 20 އާ ހަމައަށެވެ.

އަންނަ އަހަރުގެ ޑިސެމްބަރު މަހު ބޮޑު ޗުއްޓީއަށްފަހު، ސްކޫލްތައް ހުޅުވޭނީ ޖެނުއަރީގައެވެ. އޭގެ ފަހުން ދިރާސީ އަހަރު ފަށާނީ ޖެނުއަރީ މަހު އެވެ.

ދިރާސީ އަހަރަށް ގެނެވޭ ބަދަލުގެ ސަބަބުން ގްރޭޑް 9 އަދި 10ގައި ކިޔަވާ ދަރިވަރުންނަށް އެއްވެސް ބަދަލެއް ނާއްނާނެ ކަމަށާއި ކުރިން ވެސް ރޭވިފައިވާ ގޮތަށް އެ ދަރިވަރުން އޯލެވެލް އިމްތިހާނު ހަދާނީ މޭ/ޖޫން ގައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެެއެވެ.

އެ މިނިސްޓްރީން ބުނީ، ސިލަބަސް ކަވަރުކުރުމުގައި އެއްވެސް ވަރަކަށް ކްލާސްރޫމް ލާރނިންގ ޓައިމް ގެއްލިގެން ނުދާނެ ކަމަށެވެ.

ތައުލީމީ ވަޒީރު އިސްމާއިލް ޝަފީޢު ރޭ ވިދާޅުވީ، ފަސް ސެމިސްޓަރަށް ބަހާލައިގެން ގެނެވޭ މިބަދަލުގެ ސަބަބުން ރާއްޖޭގެ ފިސްކަލްއަހަރާއި ތަޢުލީމީ އަހަރާއި އެލައިންކުރެވި އޭގެ މަންފާ ސްކޫލް ހިންގުމުގެ ނިޒާމަށް ކުރާނެ ކަމަށެވެ.

އަދި ވިދާޅުވީ، ރަށުން ބޭރުގައި ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް އަހަރުގެ ތެރެއިން ލިބިލައްވާ ޗުއްޓީތައް، މިހާރަށްވުރެ މަދެއް ވެސް ނުދާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *