ދިރާސީ އަހަރަށް ބަދަލު ގެންނަނީ ކުލާސްރޫމުގައި ކިޔަވައިދޭ ވަގުތު ގެއްލިގެން ނުދާނެ ގޮތަށް: ތައުލީމީ ވަޒީރު

ދިރާސީ އަހަރަށް ބަދަލު ގެންނަނީ ކުލާސްރޫމުގައި ކިޔަވައިދޭ ވަގުތު ގެއްލިގެން ނުދާނެ ގޮތަށް ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރުންގެ މަޖިލީހުގައި މިއަދު ނިންމި ނިންމުގެ އިތުރު ތަފްޞީލެއް ދެއްވުމުގެ ގޮތުން، ތަޢުލީމީ ވަޒީރު، ދަރިވަރު ނޫހަށް މިރޭ ވިދާޅުވީ ދިރާސީ އަހަރަށް ގެނެވޭ ބަދަލުގެ ސަބަބުން ގްރޭޑް 9 އަދި 10ގައި ކިޔަވާ ދަރިވަރުންނަށް އެއްވެސް ބަދަލެއް ނާއްނާނެ ކަމަށެވެ. ކުރިން ވެސް ރޭވިފައިވާ ގޮތަށް އެ ދަރިވަރުން އޯލެވެލް އިމްތިހާނު ހަދާނީ މޭ/ޖޫން ގައި ކަމަށެވެ.

ވަޒީރުންގެ މަޖިލީހުން ނިންމީ، އަންނަ އަހަރު ބޮޑު ޗުއްޓީ ޑިސެމްބަރ މަހުގައި ދިނުމާއެކު، ތަޢުލީމީ އަހަރު 2026ވަނަ އަހަރުގެ ޖެނުއަރީ މަހުން ފަށާގޮތަށެވެ.

" ސިލަބަސް ކަވަރުކުރުމުގައި އެއްވެސް ވަރަކަށް ކްލާސްރޫމް ލާރނިންގ ޓައިމް ގެއްލިގެން ނުދާނެ" ވަޒީރު ޑރ. އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ، ފަސް ސެމިސްޓަރަށް ބަހާލައިގެން ގެނެވޭ މިބަދަލުގެ ސަބަބުން ރާއްޖޭގެ ފިސްކަލްއަހަރާއި ތަޢުލީމީ އަހަރާއި އެލައިންކުރެވި އޭގެ މަންފާ ސްކޫލް ހިންގުމުގެ ނިޒާމަށް ކުރާނެ ކަމަށެވެ.

އަދި ވިދާޅުވީ، ރަށުން ބޭރުގައި ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް އަހަރުގެ ތެރެއިން ލިބިލައްވާ ޗުއްޓީތައް، މިހާރަށްވުރެ މަދެއް ވެސް ނުދާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ، ދިރާސީ އަހަރަށް ގެނެވުނު ބަދަލާ ގުޅޭ އިތުރު މަޢުލޫމާތު އެ ވުޒާރާގެ ފަރާތުން ޢާންމުކުރަމުން ގެންދާނެ ކަމަށެވެ.

ދިރާސީ އަހަރަށް ގެނެވޭ ބަދަލާއެކު އަންނަ އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު މަހުގައެވެ. އަދި އަހަރުގެ މެދުތެރެއިން، ޖުލައި މަހު 3 ހަފްތާގެ ޗުއްޓީއެއް ލިބޭނެއެވެ. ބޮޑު ޗުއްޓީގެ ގޮތުގައި ޑިސެމްބަރު މަހު ލިބޭނީ ހަތަރު ހަފްތާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *