އިންޓަރނޭޝަނަލް ސްކޫލްތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ސްކޫލުތަކުގެ ކިޔެވުމުގެ ދަންފަޅި ޤައުމީ ސަލާމުން ފަށަން ތަޢުލީމީ ވުޒާރާއިން ސްކޫލްތަކަށް އަންގައިފިއެވެ.
ތަޢުލީމީ ވަޒީރު، ޑރ. އިސްމާއިލް ޝަފީޢު ސޮއިކުރައްވައި، ސްކޫލްތަކަށް ފޮނުއްވި ސާކިއުލާގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގައި ހިންގާ ސަރުކާރުގެ ސްކޫލްތަކާއި އަމިއްލަ އަދި އިންޓަރނޭޝަނަލް ސްކޫލްތަކުން ތަޢުލީމު އުނގެނޭ ދރިވަރުންނަކީ ދިވެހި ޤައުމިއްޔަތަށް އިސްކަންދޭ ދަރިންތަކަކަށް ހެދުމަކީ މަދަރުސީ ތަޢުލީމުގެ އެންމެ މުހިންމު އެއް ބަހާއެއް ކަމަށެވެ. އަދި ސްކޫލްތަކަކީ ތަރުބަވީ އެންމެ މުހިންމު މައިދާނަށް ވީހިނދު، ޤައުމީ ރުކުންތަކާއި ޤައުމީ މަސްލަހަތު އިސްކޮށް، ދިވެހި ޤައުމުދެކެ ލޯބިވާ، ވަޠަނީ ރޫޙުގައި ޤައުމަށް ޚިދުމަތް ކުރާނެ ޖީލެއް ބިނާކުރެވޭނީ ސްކޫލް މާހައުލުގައި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ސަގާފަތެއް އުފައްދައިގެން ކަމަށެވެ. މިހެންކަމުން، ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން ޤައުމިއްޔަތަށް އަހައްމިއްޔަތުކަންދޭ މިންވަރު އިތުރު ކުރުމަށްޓަކައި ސްކޫލްތަކުގައި ހިންގާ ޤައުމީ ފެންވަރުގެ ޚާއްޞަ ޕްރޮގްރާމެއްގެ ގޮތުން ސްކޫލްތައް ޤައުމީ ސަލާމުން ފަށާގޮތަށް ހަމަޖެއްސުމަށް ދަންނަވާ ކަމަށެވެ.
ޤައުމީ ސަލާމް ކިޔާ ވަގުތު، ސްކޫލް ގޯތިތެރޭގައި ތިއްބަވާ ހުރިހާ ފަރާތްތައް ވެސް ޤައުމީ ސަލާމުގައި ބައިވެރިވާންވާނެ ކަމަށާއި، މިކަން ތަންފީޒު ކުރުމުގައި، ސްކޫލްތަކުގައި އެސަމްބްލީ ބޭއްވުމާއިގުޅޭ، މި މިނިސްޓްރީގެ ސާކިއުލަރއަށް ރިޢާއަތް ކުރެއްވުން އެދޭ ކަމަށް އެ ސާކިއުލާގައި ވަޒީރު އެދިވަޑައިގެންފައިވެއެވެ.
މިހާރު ވެސް އަމަލު ކުރަމުން އަންނަ ސްކޫލްތަކުގައި އެސަމްބްލީ ބޭއްވުމާބެހޭ ސާކިއުލާގައި ބުނެފައި ވަނީ ޤުރުއާނުން އެސަމްބްލީ ފެށުމަށެވެ. ކޮންމެ ދުވަހަކު ޤައުމީ ސަލާމް ކިޔަން ޖެހޭ ގޮތަށް ހަމަޖައްސާފައިވާއިރު، ސްކޫލްތަކުން ކަނޑައަޅާ ދުވަސް ތަކެއްގައި ސްކޫލްގެ ލަވަ ވެސް އެސަމްބްލީގައި ކިޔާނެއެވެ.
advertisment
ހިޔާލު