އިސްލާމްދީނަށް ލޯބިކުރާ ހަރުދަނާ ޖީލެއް ބިނާކުރުމަށް "ރިސާލަތު"ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ތަޢާރަފު ކޮށްފިއެވެ. އަންނަ ރޯދަމަހަށް ޚާއްޞަ ކޮށްގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފެށި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އެކަމަށް ޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވި ގޮތުގައި ރިސާލަތު ޕްރޮގްރާމުން، ދިވެހި ރައްޔިތުންނަށް އިސްލާމް ދީނުގެ ރުކުންތަކަށް އަހުލުވެރިކުރުމާއި، ކީރިތި މާތް ނިބިއްޔާގެ ލޮބުވެތި އާލުބައިތުންނާއި ސަޙާބީން ފަދައިން އިސްލާމްދީނުގެ އަސާސުތަކުގައި ހިފަހައްޓައި މުޖްތަމަޢުގެ އެއްބައިވަންތަ ކަމާއި، ހަމަޖެހުމަށް ލޯބިކުރާ ޖީލެއް ދިވެހި މުޖްތަމަޢުގައި ބިނާކުރެވޭނެ ކަމަށެވެ.
" ރިސާލަތު ޕްރޮގްރާމުގެ މަޤްޞަދަކީ، އިސްލާމީ ސައްޙަ އަޤީދާގެ މައްޗަށް މުޅި ޤައުމު ތަރުބިއްޔަތު ކުރުން. ޤައުމުގެ ހުރިހާ ސަފުތަކެއްގައި، ކުޑަކުދިންނާ ބޮޑެތި މީހުންނާއި ޒުވާނުންނާއި އެންމެހާ ފަރާތްތައް ތަރުބިއްޔަތު ކުރުން. ދީން ދެކެ ލޯބި ވުމުގެ ސިފަ އެއްވެސް މަޖޫބުރުކަމެއް ނެތި އަށަގެންނެވުން"ޑރ. ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ހަރުކަށި ފިކުރުތަކާއި ނޭއްގާނީ އުޞޫލުތަކާއި އަލްމާނީ ވިސްނުންތަކާއި އިލްޙާދީ ވިސްނުންތަކުގެ ތެރެއަށް ޒުވާނުންނާއި އަފުރާދުން ވެއްޓިގެން ދަނީ އަޤީދާއާއި އިސްލާމްދީނުގައި ހުރި އުޞޫލީ ކަންތައްތަކަށް މީހުން ހޭލުންތެރި ނުވުމުގެ ސަބަބުން ކަމަށެވެ.
" ޚިލާފު ހުރި މައްސަލަތަކާއި ދީނީ ދެބަސްވުންތަކުގެ ތެރެއަށް އަޅުގަނޑުމެން ވެއްޓިގެން ދާކަށް ނުޖެހޭ. އަޅުގަނޑުމެން އެންމެނަށް އެއްބަސްވެވޭ އުޞޫލީ ކަންތައްތަކަށް އަޅުގަނޑުމެންގެ ޤައުމުގައި، އަޅުގަނޑުމެންގެ ޒުވާން ޖީލު ތަރުބިއްޔަތު ކުރަން އެބަޖެހޭ" މިއަދުގެ ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވިއެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ވިދާޅުވީ، ރިސާލަތު ޕްރޮގްރާމް ތަރުތީބުވެފައި އޮންނާނީ މިސްކިތުގައި ދެވޭ ދަރުސެއްގެ މައްޗަކަށް ނޫންކަމަށާއި މީޑިއާގެ އެކިއެކި ވަޞީލަތްތަކާއި ފޯރަމްތަކާއި ދަރުސްތަކާއި ފެސްޓިވަލްތައް ވެސް ބާއްވާނެ ކަމަށެވެ. އޭގެ ތެރޭގައި ރިސާލަތުގެ ޕްރޮގްރާމުގައި ކަނޑައަޅާ މައުޟޫތަކަށް ހުޠުބާ ވެސް ގެނެސްދޭނެއެވެ. އަދި ދަރުސްތަކާއި މީޑިއާ ޕްރޮގްރާމްތަކާއި ސްކޫލް އެގްޒިބިޝަންތަކާއި އާންމުންނަށާއި ސްކޫލް ދަރިވަރުންނަށް ބާއްވާ މުބާރާތްތައް ހިމެނެއެވެ. މީގެ އިތުރުން "ޢުމުރާ ޓުއާ"ގެ ގޮތުގައި ޒުވާނުންނަށް އުމުރާގެ ކަންތައްތައް ކުރިއަށް ގެންދާ ގޮތް ކިޔައި ދިނުމަށް އެފަދަ އިސްލާމީ ތާރީޚު ކިޔައިދިނުމަށް ދަތުރުތަކެއް ވެސް ބާއްވަން ރާވާފައިވެއެވެ.
" މިޑިއާގެ ހުރިހާ ވަޞީލަތެއްގެ ބޭނުން އަޅުގަނޑުމެން ހިފާނަން. އަޅުގަނޑުމެން ހުޅުވާލަނީ މީޑިއާތަކަށާއި ކައުންސިލްތަކާއި އިތުބާރު ހިފޭ ޖަމިއްޔާތަކަށް އަޅުގަނޑުމެންނާ ބައިވެރިވެ ޕްރޮގްރާމްތައް ކުރިއަށް ގެންދަން. އެ ޕްރޮގްރާމްތައް އަޅުގަނޑުމެން ސްޕޮންސަރ ކޮށްދޭނަން"
ރިސާލަތު ޕްރޮގްރާމް އަމާޒު ކުރަނީ ދަރިވަރުންނާއި ޒުވާނުންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި އަންހެނުން ހިމެނޭހެން ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށެވެ.
advertisment
ހިޔާލު