ސެން ދެ ކުދިންނަށް ޖުވެލަރީ ހަދަން ދަސްކޮށްދީގެން އިނާޝާ މިސްއަށް އެންމެންގެ ތަޢުރީފު

އއ. އުކުޅަހު ސްކޫލުގެ ސެން ދެ ދަރިވަރުންނަށް ޖުވެލަރީ ހަދަން ދަސްކޮށްދީގެން، އެ ސްކޫލުގެ ސެން ޓީޗަރު އިނާޝާ އިމާދަށް އެތައް ބަޔަކު ތައުރީފު ކުރިއެވެ. ފާއިތުވި އަހަރުގެ އެންމެ މަޤުބޫލު ވީޑިއޯއަކީ ވެސް، އެ މަސައްކަތް ދަސްކޮށްދޭން ކުރި މަސައްކަތް ދައްކައި ދިނުމަށް ދަރިވަރުން ގެނެސްދިން ވީޑިއޯއެވެ. 2.38 މިނެޓްގެ އެ ވީޑިއޯގައި، ކިޔައިދެއްވީ، އުކުޅަހު ސްކޫލުގެ ގުރޭޑް 7ގައި ކިޔަވަމުން އަންނަ ޚާއްޞަ އެހީއަށް ބޭނުންވާ ދެ ދަރިވަރުންނަށް ޖުވެލަރީ ހަދަން ދަސްކޮށްދޭން ކުރި މަސައްކަތެވެ.

" ވަރަށް އުފާވި ކުރި މަސައްކަތް އެންމެން ބަލައިގަތީމާ. ނުވެސް ދަންނަ އެތައް ބަޔަކު މެސެޖްކޮށް ގުޅާފައި ހިތްވަރު ދިން. އަދި އެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތް އޮޅުން ފިލުވި" އިނާޝާ ދަރިވަރު ނޫހަށް ބުންޏެވެ.

ޓީޗަރަކަށް ވުމަކީ އެއީ އިނާޝާ ކުޑައިރުއްސުރެ އެންމެ ބޭނުންވި ވަޒީފާއެވެ. އޭލެވެލް ނިންމާފައި، ރަށުގައި ހުރެގެން ވަޒީފާ އަދާކުރަން ބޭނުންވާތީއާއެކު ރަށު ސްކޫލަށް ވެންނެވީ ރިލީފް ޓީޗަރެއްގެ ގޮތުގައި 2013 ވަނަ އަހަރެވެ. އޭރު އުމުރުން އެންމެ 22 އަހަރެވެ. އޭރު ވެސް މަސައްކަތް ކުރީ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނާ އެކުގައެވެ. ކިޔަވައި ދެއްވަމުން 2016 ވަނަ އަހަރު ޑިޕޮލޮމާއަށް ކިޔެވީ އިންކޫލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިންނެވެ. އޭގެ ފަހުން ޤައުމީ ޔުނިވަރސިޓީން ބެޗްލާސް އޮފް ޓީޗިންގ ( ސްޕެޝަލް އެޑިޔުކޭޝަން) ކޯސް ފުރިހަމަކޮށް، އިންކުލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިން މާސްޓަރސް ހެދީ ޒިކުރާ ކޮލެޖުންނެވެ.

އިނާޝާ މިސް ބުނީ، އިންކުލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިން ކުރިއަށްދާން ވިސްނީ، ސެން ކުދިން ކިޔަވަން އަންނައިރު އެ ކުދިންނަށް ޚާއްޞަ ޓީޗަރުން ނުތިބޭތީ، އެކުދިންނަށް އެކަށީގެންވާ ގޮތުގައި އަޅާނުލެވޭތީ އެކަމަށް ފަރުދެއްގެ ހައިސިއްޔަތުން ވެސް ކަންތައްތަކެއް ކޮށްދެވޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ. އެކުދިންނަށް އަންނަ ކުރިއެރުން ތަކުން އޭގެ ނަތީޖާ ފެންނަ ކަމަށެވެ.

އިނާޝާ މިސް ބުނި ގޮތުގައި، ކުދިންނަށް ކިޔަވައި ދެމުން ކިޔެވުމަކީ އެއީ ވަރަށް ބުރަ އެހާމެ އުނދަގޫ ކަމެކެވެ. އެކަމަކު ވެސް ހިތްވަރު ކޮށްފައި ކިޔެވުން ކުރިއަށް ގެންދެވުނީ މަންމައާއި ފިރިމީހާއާއި އާއިލާގެ އެއްބަނޑު އެއްބަފާ މީހުންގެ ފަރާތުން ލިބެމުން ދިޔަ އެހީތެރިކަމުގެ ސަބަބުންނެވެ.

" ވަރަށް އުނދަގޫ ހާލަތްތަކެއް ކުރިމަތިވި. އެކަމަކުވެސް ހިތްވަރު ކޮށްފައި، ކުރިއަށް ދެވުނީ ޚާއްޞަކޮށް މަންމަގެ އެހީތެރިކަމާއި ހެޔޮ ދުޢާއިން" ދެ ކުދިންގެ މަންމަ އިނާޝާ މިސް ބުންޏެވެ.

އިނާޝާ މިސް ބުނި ގޮތުގައި، އުކުޅަހު ސްކޫލުގެ ސެން ކުލާހުގައި 22 ކުދިން ކިޔަވަމުން ދާއިރު، އެކުދިންނަށް އެކަށީގެންވާ މަސައްކަތެއް ދަސްކޮށް ދެވުމަކީ އެއީ އެންމެ ކުރަން ބޭނުންވާ ކަންތައްތަކެވެ. ވޮކޭޝަނަލް އެޑިޔުކޭޝަންގެ ތެރެއިން ދިރިއުޅުމަށް އެކުދިން ތައްޔާރު ކުރުމަށް ލިބެން ހުރި ވަޞީލަތްތަކުގެ އެހީގައި ކަންތައްތަކެއް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އޭގެ ތެރެއިން އެއް މަސައްކަތަކީ ދެ ދަރިވަރަކަށް ޖުވެލަރީ ހަދަން ދަސްކޮށްދިނުމެވެ.

ދަތި އުނދަގޫ އެތައް މަރުހަލާއެއްގެ ތެރެއިން އެ މަސައްކަތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުމަކީ އެއީ ކުރިމަގުގައި އެފަދަ މަސައްކަތްތައް ކުރިއަށް ގެންދަން ލިބުނު ހިތްވަރެކެވެ.

" ޖުވެލަރީ ހަދަން ދަސްކޮށްދީ، އެ ދަރިވަރުންގެ ހުނަރު ފެނުމުން، އެހެން މީހުންނާއި ކުދިން އެ ކުދިންނާމެދު ދެކޭގޮތް ބަދަލުވެއްޖެ" އިނާޝާ މިސް ސިފަކުރެއްވީ އެއީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައެވެ.

" މިއީ ސްކޫލާއި ދަރިވަރުންނާއި އަދި މުޅި މުޖްތަމައު ގުޅިގެން ކުރެވޭނެ ކަމެއް"

ޖުވެލަރީ ހެދުމަށްފަހު، އިނާޝާ މިސް މިހާރު ތައްޔާރުވަމުން ދަނީ ކުކީސް ހަދަން ދަސްކޮށް ދިނުމުގެ މަސައްކަތެވެ. އެ މަސައްކަތް ދެ ވަނަ ޓާމުގެ ތެރޭގައި ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އިނާޝާ މިސް ބުންޏެވެ.

400 އާ ކައިރިކުރާ އަދަދެއްގެ ދަރިވަރުން ކިޔަވަމުންދާ އުކުޅަހު ސްކޫލުން ފެނުނީ އެހެން ސްކޫލްތަކަށް ނަމޫނާއެކެވެ. އެ ނަމޫނާ ދެއްކުމުގައި އިސްނެންގެވީ އިނާޝާ މިސްއެވެ. މިސްއަށް އޮތީ ތައުރީފެވެ. ހިފެހެއްޓުމެއް ނެތް ޝުކުރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *