"ނައީޝްގެ ޚަބަރެއް ނުވެ ދާ ކޮންމެ ދުވަހަކީ މި ސްކޫލަށް ލިބޭ ހިތާމައެއް. ހިތްދަތި ކަމެއް" އައްޑޫ ހައި ސްކޫލް
ޕްރިންސިޕަލް އިބްރާހިމް ނަދީމް ދަރިވަރު ނޫހަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މުޙައްމަދު ނައީޝް 18އ، ގެއްލުނު ފަހުން ލިބުނު މައުލޫމާތަށް ބަލާއިރު، މޫދަށް ދިޔައިރު ފުރިޖެއްގެ ބައެއް ގެންދިޔަ ކަމަށެވެ. އޭތި ބެހިގެންދާއިރު އޭގެ އެހީގައި ކޮންމެވެސް ގޮތަކުން ދިރިހުއްޓާ ފެނިދާނެ ކަމުގެ އުއްމީދު ކުރެވޭ ކަމަށް ނަދީމް ވިދާޅުވިއެވެ.
" ވިއްސާރަ މޫސެއް ވީމާ ފެން ވެސް ލިބޭނެތާ. ﷲ ރަހުމަތުން ރަނގަޅެއް ވެދާނެ ކަމުގެ އުއްމީދު ކުރެވޭ"
ނައީޝް ކިޔަވަމުން ދިޔައީ އައްޑޫ ހައި ސްކޫލުގެ 12ގައެވެ.
ނައީޝް ގެއްލުނުތާ މިއަދަށް ހަފުތާއެއް ވީއެވެ. ނައީޝް ގެއްލުނީ، މި މަހުގެ 21 ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީ ގަމުގެ ދެކުނުގެ ފަރާތު މޫދަށް އިހި ނަގަން ފައިބައިގެން އުޅެނިކޮށް އޮޔާދަމައިގެންނެވެ. ނައީޝް ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ އޭނާއާއެކު އިހި ނަގަން ފޭބި ދެ ކުދިންނަށް ނައީޝް ސަލާމަތް ކުރަން ކުރި މަސައްކަތް އޮއި ގަދަވުމުގެ ސަބަބުން ނާކާމިޔާބުވުން ވުމުން އެއްގަމަށް ގޮސް ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ. އެއީ އެރޭ 10:45 ހާއިރުއެވެ.
ނަދީމް ވިދާޅުވީ، ނައީޝްއަކީ އަޚްލާގު ރަނގަޅު ބަސްމަދު ކުއްޖެއް ކަމަށެވެ. ކިޔެވުމަށް އެހާމެ މޮޅު ކުއްޖެއް ކަމަށެވެ. އެތްލެޓިކްސްއާއި ފުޓްބޯޅައިގެ އިތުރުން އެ ސްކޫލުން ކުރިއަށް ގެންދާ ހުރިހާ ކުޅިވަރު ހަރަކާތްތަކުގައި ނައީޝް ބައިވެރިވެއެވެ.
" ސްކޫލުގައި ނުބާއްވާނެ ނައީޝް ބައިވެރިނުވާ ކުޅިވަރު ހަރަކާތެއް" ނަދީމް ވިދާޅުވިއެވެ.
ނައީޝްއަކީ އައްޑޫ ހައި ސްކޫލުގެ ސްޓޫޑެންޓް އެސޯސިއޭޝަންގެ މިދިޔަ އަހަރުގެ ވައިސް ޕްރެޒިޑެންޓެވެ. އެންމެ ފަހުން ބައިވެރިވީ މަސްވެރިންގެ ދުވަސް ފާހަގަކުރަން މަރަދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ދަނޑިޖެހުމުގެ އައިޓަމެއް ގައެވެ.
"ނެޝަނަލް ޓޮޕްޓެންއަށް ވިސްނާ ކަމަށްވަންޏާ އޭނާއަކީ އޭގައި ހިމެނޭނެ ކުއްޖެއް"
އެމްއެންޑީއެފުން ބުނީ، ނައީޝް ހޯދަން ކުރިއަށް ގެންދާ އޮޕަރޭޝަންގައި ވައިގެ މަގުން 9916.46 ސްކޮޔާ ނޯޓިކަލް މޭލާއި ކަނޑު މަގުން 2386.51 ސްކޮޔާ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 1.026 ސްކޮޔާ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. ނައީޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެކެވެ.
ނައީޝް ހޯދުމުގެ މަސައްކަތަށް މޫސުން ގޯސްވި ނަމަވެސް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށް އެމްއެންޑީއެފުން ނުންޏެވެ.
advertisment
ހިޔާލު