އެއްމެދު އިމާރާތްތައް މެނޭޖްކޮށް ބަލަހައްޓާނެ މީހުން ތަމްރީނު ކުރުމުގެ އެއްބަސްވުމެއްގައި، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ސޮއިކޮށްފިއެވެ.
" ޕްރޮޕަޓީ މެނޭޖްމަންޓް" އާއި "ސްޓްރާޓާ ކޮމިއުނިޓީ އިން މެނޭޖްމަންޓް" ގެ ނަމުގައި ކޯސްތަކެއް އެމްއެންޔޫގައި ފެށުމުގެ އެއްބަސް ވުމުގައި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒު އާދަމެވެ. ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު، އިބްރާހިމް ނިޒާމެވެ.
މި ކޯސްތަކުގެ ބޭނުމަކީ އެއްމެދު އިމާރާތް ބެލެހެއްޓުމާއި އެ އިމާރާތްތަކަށް ދިމާވާ މައްސަލަތަކާއި އެތަންތަނުގައި އާންމުކޮށް ބޭނުން ކުރަން އޮންނަ ސަރަޙައްދުތައް މެނޭޖްކޮށް ބަލަހައްޓަން ބޭނުންވާ މީހުން ބިނާކުރުމެވެ. ރާއްޖެއިން ބޭރުގައި ވެސް މިފަދަ އިމާރާތްތައް މެނޭޖްކުރުމަށް ވަކި ކުންފުނިތައް ނުވަތަ އެޖެންޓުން ތިބެއެވެ. މިފަދަ އެޖެންޓުންނަކީ ވަކި ޝަރުތުތަކެއްގެ މަތިން އެއްމެދު އިމާރާތުގެ ވެރިން އެކުވެގެން އުފައްދާ ކޯޕަރޭޝަންތައް ހިންގުމުގެ ޢިލްމާއި ހުނަރު ލިބިފައިވާ ފަރާތްތަކެވެ.
ޤައުމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަޙްމަދު ހައިދަރު ވިދާޅުވީ، ރާއްޖޭގައި ފާއިތުވި ފަނަރަ ވަރަކަށް އަހަރުގެ ތެރޭގައި އުސް އިމާރާތްތަކާއި ފުލެޓްތައް ހަދަމުންދާ އަދަދު އިތުރުވަމުން ދާއިރު، އެފަދަ ތަންތަން ބަލަހައްޓާނެ މީހުން ތަމްރީނުވެފައި ތިބެން ޖެހޭ ކަމަށާއި، އެކަން ކުރަން މާ ލަސް ވެއްޖެ ކަމަށެވެ. އެފަދަ މީހުން ނެތުމުން މިހާރު ދިމާވާ މައްސަލަތައް ހައްލު ކުރުމުގައި ދަތިތަކެއް ދިމާވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އެމްއެންޔޫ ބިޒްނަސް ސްކޫލުގެ ޑީން އަބްދުއްރަހުމާން މުބާރިޤް ވިދާޅުވީ، ޕްރޮޕަޓީ މެނޭޖްމަންޓާއި ސްޓްރާޓާ ކޮމިއުނިޓީ މެނޭޖްމަންޓް ކޯސްތަކަކީ އެމްއެންޔޫގައި އަލަށް ފަށާ ކޯސްތަކެއް ކަމަށާއި، ފުރަތަމަ ފަށާ ކޯސްތައް ހިންގާނީ ތިން ހަފްތާގެ މުއްދަތަށް ކަމަށެވެ. އިސްކަން ދޭނީ އެ ދާއިރާއާ ގުޅުން ހުރި 30 ފަރާތަށް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ކޯސްތަކުގައި ބައިވެރިވާން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.
މުބާރިޤް ވިދާޅުވީ، ޕްރޮޕަޓީ މެނޭޖްމަންޓް އާއި ސްޓްރާޓާ ކޮމިއުނިޓީ މެނޭޖްމަންޓް ކޯސްތަކަކީ ބިޒްނަސް ސްކޫލުން ހިންގި ނަމަވެސް ޝަރުއީ ދާއިރާއާއި އާކިޓެކްޗަރއާ ވެސް ގުޅުން ހުރި ކޯސްތަކެއް ކަމަށް ވާތީ، އެ ކޯސްތައް ކުރިއަށް ދާނީ އެ ޔުނިވަރސިޓީގެ ޝަރީއާއިން ލޯ އާއި ފެކަލްޓީ އޮފް އިންޖިނިއަރިންގ އެންޑް ސައިންސް އެންޑް ޓެކްނޮލޮޖީއާ ގުޅިގެން ކަމަށެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ދާއިރާއިން މަތީ ތައުލީމުގެ ކޯސްތައް ވެސް ހިންގާނެ ކަމަށެވެ.
advertisment
ހިޔާލު