ފާއިތުވި، 2021-2022 ވަނަ އަހަރު ތޮއްޑޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އައިޝަތު މިޝްޤާ ނާސިރު ހޮވައިފިއެވެ. އެއްވަނައަށް ހޮވި މިޝްޤާއަށް ޝަރަފުވެރި އެވޯޑް ހަވާލުކޮށް ދެއްވީ ރޭ އެ ސްކޫލުގައި ބޭއްވި އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރުކޮށް ދެއްވި ދިވެހި ބަހާއި، ސަގާފަތާއި، ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ.
މިޝްޤާ ވަނީ، 2021-2022 ވަނަ އަހަރު ސާނަވީ އިމްތިޙާނުގެ ހުރިހާ މާއްދާއަކުން އޭ ސްޓަރ ހޯދައި، ޤައުމީ ގަދަ ދިހަ އެއްގެ އެއްވަނަ ހޯދާފައެވެ. އަދި އިނގިރޭސި މާއްދާއިން މުޅި ދުނިޔެއިން އެއް ވަނަ ހޯދާފައެވެ. މިޝްޤާ މި ހޯދި ކާމިޔާބަކީ އެ ސްކޫލުގެ 56 އަހަރުގެ ދިގު ތާރީޚުގައި ދަރިވަރަކު ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.

އަޙްމަދިއްޔާގެ ގުރޭޑް 12ގައި މިހާރު ކިޔަވަމުންދާ މިޝްޤާއަކީ ޤައުމީ ގަދަ ދިހައެއްގެ އެއްވަނައިގައި ތޮއްޑޫ ސްކޫލުން މިހާތަނަށް ހިމެނުނު ހަމައެކަނި ދަރިވަރެވެ. އެ ސްކޫލުގެ ހަ ދަރިވަރުން 2021-2022 އަހަރުގެ ގަދަ ދިހައެއްގައި ހިމެނުނެވެ.
މިޝްޤާ ދަރިވަރު ނޫހަށް ބުނީ، އެންމެ މޮޅު ދަރިވަރުގެ ގޮތުގައި، ރަށު ސްކޫލުން ކިޔެވުން ނިންމާލުމަކީ އުއްމީދެއް ކަމަށާއި، އެ އުއްމީދު ޙާޞިލް ކުރަން ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށެވެ.
" ކިޔެވުމުގައި، އެއްކޮށް އުޅުނު ކުދިންގެ ތެރޭގައި ބޮޑު ވާދަވެރިކަމެއް އޮތް، އަބަދުވެސް ޤަބޫލުކުރަނީ ބޮޑަށް މަސައްކަތް ކުރާ ކުއްޖަކަށޭ އެއްވަނަ ލިބޭނީ. އެހެންވެ ހުރިހާ ކުދިންނަށްވުރެ ބޮޑަށް މަސައްކަތް ކުރީ" މިޝްޤާ ބުންޏެވެ.

މިޝްޤާ އަކަށް އުނދަގޫ މާއްދާއެއް ނެތެވެ. އެކަމުވެސް ނަތީޖާ ޔަޤީން ކުރަން، ހިސާބާއި ބިޒްނަސްއާއި އެކައުންޓުން ޓިއުޝަން ނެގިއެވެ. އޭގެ އިތުރުން ފިލާވަޅު ދަސްކުރަން އެންމެ ފަސޭހައީ އެހެން މީހުންނަށް ކިޔައިދީގެންނެވެ.
" އެހެން ކުދިންނަށް ކިޔައިދިނުމަކީ ވެސް ފިލާވަޅު ދަސްކުރަން ވަރަށް ފަސޭހަ ގޮތެއް. އެއީ ވެސް ބޭނުން ކުރި އެއް ސްޓައިލް" ސްކޫލްގެ ކެޕްޓަނެއްގެ ޒިންމާ ވެސް އަދާކުރި މިޝްޤާ ބުންޏެވެ.

މިޝްޤާ ބުނީ، އޭނާގެ ކާމިޔާބީގެ ހިއްސާދާރުންނަކީ މަންމައާއި ބައްޕަގެ އިތުރުން ސްކޫލެވެ. ކިޔަވައިދެއްވި މުދައްރިސުންނެވެ. އެމީހުންނަށް އެންމެ ފުންމިނުން ޝުކުރުއަދާކުރިއެވެ.
އަހުމަދިއްޔާ ސްކޫލުގައި އޭލެވެލްއަށް ކިޔަވަމުންދާ މިޝްޤާގެ ކުރިމަގު ބައްޓަން ކުރަން ނިންމާފައި ވަނީ ވިޔަފާރީގެ ދާއިރާއިންނެވެ. ކިޔަވައި ނިންމައި، ކާމިޔާބު ވިޔަފާރިވެރިއަކަށް ވުމަކީ އެއީ މިޝްޤާ ދެކޭ ހުވަފެނެކެވެ.
advertisment
ހިޔާލު