ނާއިޝް ހޯދުމުގެ މަސައްކަތް ފުޅާކޮށްފި

އިހި ނަގަން މޫދަށް އެރި އުޅެނިކޮށް ގެއްލުނު އައްޑޫ ހައި ސްކޫލްގެ ގުރޭޑް 12 ގައި ކިޔަވަމުންދާ މުހައްމަދު ނާއިޝް ނަސްރު، 18އ، ( ކުރެދުމާގެ / ސ. މަރަދޫ) ހޯދުމުގެ މަސައްކަތް ފުޅާކޮށްފިއެވެ. އޭނާ ހޯދަން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ދޮށިމޭނާ" އާއި "ހާބަރކްރާފްޓް 105″، ޑައިވަރުންގެ ޓީމެއް މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ނާއިޝް ހޯދަން، ވީހާވެސް ގިނަ ބައެއްގެ އެހީތެރިކަމަށް މަރަދޫ އަވަށު އޮފީހުން ވަނީ އެދިފައެވެ. ނާއިޝް ހޯދުމުގެ މަސައްކަތުގައި މަރަދޫގެ މަސް ދޯނި ފަހަރު ވެސް އަންނަނީ ބައިވެރިވަމުންނެވެ.

އައްޑޫސިޓީ ގަމުގެ ދެކުނުގެ ފަރާތު މޫދަށް އިހި ނަގަން އެރި އުޅެނިކޮށް ނާއިޝް ގެއްލިގެން އެމްއެންޑީއެފް ރިޕޯޓްކޮށްފައި ވަނީ ރޭ 22:10 ހާއިރުއެވެ. ނާއިޝްއާއެކު އިތުރު ދެ ކުއްޖަކު ވެސް އިހި ނަގަން މޫދަށް ފޭބިއެވެ. ނާއިޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ، ނާއިޝް ގެއްލުނު ކަމަށް ބުނާ ސަރަހައްދުން ދަތުރު ކުރާ އުޅަނދު ފަހަރުންނާއި އެ ހިސާބުގެ ރަށްތަކުން ވެސް ބަލައި ދިނުމަށް އެދިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *