ވާރޭފެނުގައި ތަރުކާރީ ހައްދައި "ޖީއައިއެސް މިނީ ގްރީންސް"ގެ ނަމުގައި ޣިޔާޘުއްދީނުން ބްރޭންޑެއް

ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުން، ވާރޭފެނުގައި ތަރުކާރީ ހައްދައި "ޖީއައިއެސް މިނީ ގްރީންސް"ގެ ނަމުގައި ބްރޭންޑެއް ލޯންޗްކޮށްފިއެވެ.

އެގްރޯ ނެޓްގެ މާލީ އެހީތެރިކަމާއެކު ޣިޔާޘުއްދީނުގެ ދަރިވަރުން ހެއްދި ތަރުކާރީ ބްރޭންޑް ލޯންޗްކޮށް ދެއްވީ ތަޢުލީމީ ވަޒީރުގެ ނައިބު އާމިނަތު މާރިޔާއެވެ. މި ރަސްމިއްޔާތުގައި ޣިޔާޘުއްދީނުގެ މިނީ ގްރީން ގަރޑަން އިފްތިތާޙް ކޮށްދެއްވީ އެގްރޯ ނެޓްގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު އުލްވާންއާއި ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް އަލީ މުސްތަފާއެވެ.

ޣިޔާޘުއްދީނުން ވަނީ އެ ސްކޫލުގެ ފުރާޅުތަކުން ނަގާ ފެން ރައްކާކޮށް، އެ ފެން ގަސް އިންދުމުގައި ބޭނުން ކޮށްފައެވެ. ގަސް ހެއްދުމުގައި އެއް ވެސް ބާވަތެއްގެ ކެމިކަލެއް ބޭނުމެއް ނުކުރެއެވެ.

މައިކްރޯ ގްރީންގެ ނަމުގައި ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ޕްރޮޖެކްޓްގައި ބޭނުން ކޮށްފައި ވަނީ ވާޓިކަލް ގާޑްނިންގއެވެ. އަދި މި ޕްރޮޖެކްޓަށް ޚާއްޞަކޮށްގެން ގްރީން ހައުސްއެއް ވަނީ އެ ސްކޫލުގައި ތައްޔާރުކޮށްފައެވެ.

މައިކްރޯ ގްރީން ޕްރޮޖެކްޓްގައި މަސައްކަތް ކުރަނީ އެ ސްކޫލުގެ ފަހައެއް އަދި ހަ އެއްގެ ދަރިވަރުންނެވެ. ކޮންމެ ފަހަރަކު ވެސް ފުރުޞަތު ދެނީ ވަކި ކުލާސްތަކަށެވެ.

ދިހަ ބާވަތެއްގެ ތަރުކާރީ މި ޕްރޮޖެކްޓްގެ ތެރެއިން އެ ކުދިން ހައްދާނެއެވެ. އެއީ ލެޓިއުސް، ކެބޭޖް، ލެންޓިލްސް، މަންގް ބީންސް، ބެލެކް ބީންސް، ކުލައިންބިންގ ބީންސް، ޕީސް، ވީޓް ގްރާސް، ވޯޓަރ ސްޕިނިޗް ބޮކްޗޯއިއެވެ. މީގެ ތެރެއިން ފުރަތަމަ ބުރުގައި ހެއްދީ ހަތް ބާވަތެކެވެ. އެ ހުރިހާ ބާވަތެއް ވެސް ހެއްދީ މުދައްރިސުންގެ އިރުޝާދާއެކު ދަރިވަރުންނެވެ. މައިކްރޯ ގްރީން ޕްރޮޖެކްޓްގެ ތެރެއިން ގަސް އިންދައި ބެލެހެއްޓުމާއި އަދި އެ ޕެކިންއާ ހަމައަށް ކުރަންޖެހޭ ހުރިހާ މަސައްކަތުގެ ތަމްރީން ދަރިވަރުންނަށް ވަނީ ދީފައެވެ.

ޣިޔާޘުއްދީނުން ބުނީ، "ޖީއައިއެސް މިނީ ގްރީންސް"ގެ ނަމުގައި ނެރޭ ބްރޭންޑް މިހާރު ބޭނުން ކުރާނީ އެ ސްކޫލުގެ ކެންޓީނުގައި ދަރިވަރުންނާއި މުދައްރިސުންގެ ބޭނުން ތަކަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *