ލަންދޫގެ މަގުތައް އެއްވަރުކުރަން ނުކުތީ އެރަށު ސުކޫލުގެ ސްކައުޓުންނާއި މުވައްޒަފުން

ލަންދޫ ސްކޫލުގެ ސްކައުޓުންނާއި މުވައްޒަފުން ނުކުމެ އެރަށުގެ މަގުތައް އެއްވަރު ކޮށްފިއެވެ. މިއީ ސްކައުޓް ކޮމިއުނިޓީ ޕްރޮގްރާމުގެ ތެރެއިން ލަންދޫ ސްކޫލުގެ ސްކައުޓުންގެ އިސްނެގުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މިއަދު ހަވީރު 4ން 5:45ށް ކުރިއަށް ގެންދިޔަ ހަރަކާތުގައި އެ ސްކޫލުގެ 66 ސްކައުޓުން ބައިވެރިވިއެވެ. އޭގެ ތެރޭގައި އަންހެން ސްކައުޓުން ވެސް ހިމެނެއެވެ.

ލަންދޫ ސްކޫލުގެ ޕްރިންސިޕަލް ޔޫސުފު އަބްދުއް ރަހީމް ދަރިވަރު ނޫހަށް ވިދާޅުވީ، މަގުތައް އެއްވަރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ، ސްކައުޓުން ފުރިހަމަ ކުރަންޖެހޭ ބެޖްތަކުގެ ތެރޭގައި ކޮމިއުނިޓީ ސާވިސް ހިމެނޭތީއާއި، އެރަށުގެ މަގުތަކުގައި ވަޅުގަނޑުތައް ހެދި ދުއްވާއެއްޗިއްސާއި ހިނގާ މީހުންނަށް އުނަދަގޫވާތީ، އެކަމަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުންނެވެ.

" ގިނަ މަގުތައް އޮތީ ވަރަށް ހާލުގައި. ވަޅުގަނޑުތައް ހެދި ހިނގަން ވެސް އުނދަގޫ ހާލަތުގައި. އެކަމަށް ހައްލެއް ހޯދައިދޭން ސްކައުޓުން ނުކުމެ މަސައްކަތް ކުރީ. ސްކައުޓުންނަށް އެހީވާން ސްކޫލްގެ ސްޓާފުން ބައިވެރިވީ" ޔޫސުފު ވިދާޅުވިއެވެ.

އުދައްޔާއި މަށަންދަތި ބޭނުން ކޮށްގެން ފަސްގަނޑު ޖަހައި އެއްވަރު ކުރުމުގެ މަސައްކަތް ދަރިވަރުންނާއި މުވައްޒަފުން ކުރީ ކުރާ ހިތުންނެވެ. ސްކައުޓުންނާއި ސްޓާފުންގެ މަސައްކަތުން ހޯދައި ދިނީ ލަންދޫ ރައްޔިތުންނަށް ކޮންމެ ދުވަހަކު ތަހައްމަލް ކުރަމުންދާ މައްސަލައެއްގެ ހައްލެކެވެ.

" ދަރިވަރުން ވަރަށް ފޯރިއާއެކު އެ މަސައްކަތް ކުރީ. ރަށުގެ ރައްޔިތުންނާއި ކައުންސިލުގެ ފަރާތުން ލިބުނު އެއްބާރުލުމަކީ ސްކައުޓުންނަށް އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ލިބުނު ހިތްވަރެއް" ޔޫސުފު ވިދާޅުވިއެވެ.

ޔޫސުފު ވިދާޅުވި ގޮތުގައި، މިއަދު މަސައްކަތް ނިންމާލިއިރު، އެރަށުގެ ބޮޑެތި ހުރިހާ މަގެއް އެއްވަރު ކުރެވުނެވެ. ބާކީ ހުރި މަގުތަކުގައި ހެދިފައި ހުރި ވަޅުގަނޑުތައް ވެސް އެއްވަރު ކުރުމުގެ މަސައްކަތް ދެވަނަ ޓާމުގެ ތެރޭގާއި ކުރަން ނިންމާފައިވާ ކަމަށް ޔޫސުފު ވިދާޅުވިއެވެ.

ލަންދޫ ސްކޫލުގައި ގުރޭޑް 10އާ ހަމައަށް ކިޔަވައިދޭއިރު، އެ ސްކޫލުގައި 200 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *