ޤައުމީ ޤުރުއާން މުބާރާތް ފެބުރުއަރީ 23ގައި، ބައިވެރިވާން ހުޅުވާލައިފި

ކީރިތި ޤުރްޢާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް އަންނަ ފެބުރުއަރީ މަހުގެ 23 ވަނަ ދުވަހު ފަށަން ނިންމައި، އެ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
މުބާރާތުގައި ބައިވެރިވާން ކީރިތި ޤުރްޢާނާ ބެހޭ މަރުކަޒުން ހުޅުވާލީ އިއްޔެއިން ފެށިގެން އަންނަ މަހުގެ 18 ވަނަ ދުވަހުގެ ލިޔަލަށެވެ. މުބާރާތުގައި ބައިވެރިވާން ހުށަހަޅަންޖެހެނީ މި މުބާރާތަށް ޚާއްސަކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

އެހެން އަހަރު ތަކޭ އެއްގޮތަށް އަންނަ އަހަރު ބާއްވާ މުބާރާތުގައި ވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ ސުކޫލުތަކުގެ ދަރިވަރުންނާއި، ޔުނިވަރސިޓީތަކާއި، ކޮލެޖުތަކާއި، އިންސްޓިޓިއުޓް ނުވަތަ މަރުކަޒުތަކާއި، ޤުރްޢާން ކުލާސްތަކާއި، ޙާފިޡުންގެ އިތުރުން ކުލަބު ޖަމްޢިއްޔާތަކަށެވެ.

ކީރިތި ޤުރްޢާނާ ބެހޭ މަރުކަޒުން ބުނީ މި މިބާރާތުގައި ސްކޫލު ކުދިންގެ ބައިން ސިޓީތަކުގެ ސްކޫލްތަކުން ކޮންމެ ސްކޫލެއްގެ އަމިއްލަ ނަމުގައި މުބާރާތުގައި ބައިވެރިވެވޭނެ ކަމަށާއި ސިޓީތަކުގެ ސްކޫލްތައް ފިޔަވާ އެހެން ސްކޫލްތަކުން މުބާރާތުގައި ބައިވެރިވެވޭނީ އަތޮޅު ސްކޫލްތަކުގެ މެދުގައި ބާއްވާ އަތޮޅު މުބާރާތުން ހޮވޭ ދަރިވަރުންނަށް ކަމަށެވެ.

ޤައުމީ ޤުރުއާން މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން އަތޮޅު ފެންވަރުގައި ޤުރުއާން މުބާރާތްތައް މިހާރު ދަނީ ބާއްވަމުންނެވެ. ބައެއް އަތޮޅުތަކާއި ސިޓީ ކައުންސިލުން ވަނީ ބައިވެރިވާނެ ދަރިވަރުން ކަނޑައަޅާފައެވެ. އަތޮޅު މުބާރަތުން ޤައުމީ މުބާރަތަށް ބައިވެރިން ހޮވަނީ އަތޮޅު ކައުންސިލްތަކުންނެވެ.

މި މުބާރާތް ކުރިއަށް ގެންދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ބަލައިގެން ކިޔެވުމުގެ ބަޔާއި ހިތުން ކިޔެވުމުގެ ބައެއެވެ.

35 ވަނަ ޤައުމީ ޤުރުއާން މުބާރާތުގެ އެންމެ ކާމިޔާބު ސްކޫލަކީ އިސްކަންދަރު ސްކޫލެވެ. އެ ސްކޫލަށް މުޅި މުބާރާތުން އެއްވަނަ ލިބުމުގެ އިތުރުން އެއްވަނަ ދަރިވަރަކީ އެ ސްކޫލުގެ އާޔަން އަޙްމަދު އިނާނެވެ. މުޅި މުބާރާތުން ދެވަނަ ހޯދީ ވެސް އިސްކަންދަރުގެ ފާތިމަތު ޒާޔާ ޒާހިރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *