ދަރިވަރުންނަށް ހުނަރު ދަސްކޮށްދޭން "ޝަރަފުއްދީން ސްކިލްސް ސެންޓަރު" ހުޅުވައިފި

ދަރިވަރުންނަށް ތަފާތު ހުނަރު ދަސްކޮށްދޭން "ޝަރަފުއްދީން ސްކިލްސް ސެންޓަރު" ހުޅުވައިފިއެވެ. އެ ސެންޓަރު ހުޅުވައި ދެއްވީ މި މަހުގެ ސާދަ ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އަންހެނުންގެ ތ.މ ކޮމިޓީގެ ރައީސާ ނުސްރަތު ރަޝީދެވެ.

ޝަރަފުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް މަޒްކޫރާ މޫސާ ވިދާޅުވީ، ސްކިލްސް ސެންޓަރުގައި މިހާރު ދަސްކޮށްދެނީ ކެއްކުމާއި ފެހުމުގެ މަސައްކަތް ކަމަށެވެ. ދެ ވަނަ ޓާމުން ފެށިގެން އިތުރު ހުނަރުތައް ދަސްކޮށްދޭން ފަށާނެ ކަމަށް މަޒްކޫރާ ވިދާޅުވިއެވެ.

" އަޅުގަނޑުމެންނަށް އަދި ކިރިޔާ މި މަސައްކަތް ފަށައިގަނެވުނީ. މިހާރު ކުރިއަށް ގެންދަނީ ސްކޫލުގައި ތިއްބެވި ހުނަރުވެރި ބޭފުޅުން ބޭނުން ކުރައްވައިގެން ފެހުމާއި ކެއްކުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދޭން. ދެވަނަ ޓާމަށްފަހު، އިތުރު ހުނަރުތައް ދަސްކޮށް ދިނުމުގެ މަސައްކަތް ފަށާނީ" މަޒްކޫރާ ވިދާޅުވިއެވެ.

ސްކިލްސް ސެންޓަރު ހިންގަން ޝަރަފުއްދީން ސްކޫލުން ނިންމާފައި ވަނީ ޕްރައިވެޓް ޕާޓްނަރޝިޕެއްގެ ދަށުން ކުރިއަށް ގެންދާށެވެ.

އޭނާ ވިދާޅުވީ ސްކިލްސް ސެންޓަރުގައި ހިންގާ ކޯސްތައް އިތުރުކުރަމުން ގެންދާނެ ކަމަށާއި، އެ ސްކޫލުގެ ހުރިހާ ދަރިވަރުންނަށް ފުރުޞަތު ފަހިކޮށްދޭނެ ކަމަށެވެ. އޭގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން ވެސް ހިމެނެއެވެ.

" އަޅުގަނޑުމެންގެ އަމާޒަކީ ސްކޫލް ނިންމާ ކޮންމެ ކުއްޖަކީ ކޮންމެ ވެސް އެއް ހުނަރެއް، ނޫނީ ހުނަރުތަކެއް ލިބިފައިވާ ކުއްޖަކަށް ހެދުން" ހާހަކަށްވުރެ ގިނަ ކުދިން ކިޔަވަމުންދާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް މަޒްކޫރާ ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *