އެމްއެންޔޫގެ ފަހި ދުވަސް މިއަދު ހަވީރު އާޓިފިޝަލް ބީޗްގައި އޮންނާނެއެވެ. ފަހި ދުވަހުގެ މި ހަރަކާތް އެ މިއަދު ހަވީރު 4ން 6ށް އަދި ރޭގަނޑު 8ން 10އަށް ކުރިއަށް ދާނެއެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ، އޭލެވެލް ނިންމި ދަރިވަރުންނަށާއި ޓީނޭޖް އުމުރު ފުރައިގެ ކުދިންނަށް މި ހަރަކާތް މުހިންމު ކަމަށާއި އަދި މަތީ ތަޢުލީމަށް ދާން ބޭނުންވާ ހުރިހާ ފަރާތްތައް ހިމެނޭހެން، އެ ޔުނިވަރސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައި ހުންނާނެ ކަމަށެވެ.

ފަހި ދުވަހުގެ މި ހަރަކާތްތައް އެމްއެންޔޫއިން ރާވަފައި ވަނީ، ވީހާވެސް ހިނަބަޔަކަށް ބައިވެރިވެވޭ ގޮތަށެވެ. މި ހަރަކާތުގެ ތެރެއިން އޮގްމެންޓެޑް ރިއަލިޓީ އަދި ވާޗުއަލް ރިއަލިޓީގެ ޚާއްޞަ ކަންތައްތަކެއް އަމިއްލައަށް ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ފަހިކޮށްދެއެވެ. އަދި ޑްރޯންގެ ހަރަކާތްތަކާއި، ތަފާތު ވައްތަރުގެ ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ފަހިކޮށްދެއެވެ. ކުޑަކުދިންނަށް އަމާޒުކޮށްގެން ކުލަޖެއްސުމާއި ޑޫޑްލް އާރޓްގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ފަންނީ ޤާބިލު ލެކްޗަރާއިންނާއެކު އެތައް ދާއިރާ ތަކުން ތަޢުލީމާއި ތަމްރީނުގެ ފްރޮގްރާމް ތަކެއް ހިންގަމުންދާ ޔުނިވަރސިޓީއެކެވެ. ޔުނިވަރސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރުން، އެ ބޭފުޅުންގެ ދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލުކުރުމަށް ހުރި ފުރުޞަތުތަކާ ބެހޭ މައުލޫމާތާއި، މަތީ ތަޢުލީމު ޙާޞިލުކުރުމަށް ވާން ޖެހޭ ތައްޔާރީތަކުގެ މައުލޫމާތު، މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ހިއްސާ ކުރާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
އެމްއެންޔޫއިން ބުނީ ފަހި ދުވަހު މައުލޫމާތު ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި، ބަހާއި އިންސާނީ ޢިލްމްތަކުގެ ދާއިރާ، ތަޢުލީމީ ދާއިރާ، އިންޖިނިއަރިންގ ދާއިރާ، ސިއްޙީ ދާއިރާ، ވިޔަފާރީގެ ދާއިރާ، ފަތުރުވެރިކަމާއި މެހުމާންދާރީގެ ދާއިރާ، ދީނީ ޢިލްމްގެ ދާއިރާ، ސައިންސްގެ ދާއިރާ، ޝަރީއަތާއި ޤާނޫނުގެ ދާއިރާ، ނިޔެމި ކަމުގެ ދާއިރާ، އަދި ފައުންޑޭޝަން ކޯސްތަކުގެ ދާއިރާ ހިމެނޭ ކަމަށެވެ.
އެމްއެންޔޫގެ ކޯސްތަކުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ 2:00 އެވެ.
advertisment
ހިޔާލު