ހުރާ ސްކޫލު އިސް ދަރިވަރުންގެ "ލިޑަރޝިޕް ޕްރޮގްރާމް"، އިސްކަންދަރުގެ އިސް ދަރިވަރުންނާއެކު

ކ. ހުރާ ސްކޫލުގެ އިސް ދަރިވަރުންގެ "ލީޑަރޝިޕް ޕްރޮގްރާމް" އިސްކަންދަރު ސްކޫލްގެ އިސް ދަރިވަރުންނާއެކު ކުރިއަށް ގެންގޮސްފިއެވެ. މިއީ އެހެން ސްކޫލެއްގެ އިސްދަރިވަރުން ބައިވެރިކޮށްގެން މިފަދަ ޕްރޮގްރާމެއް ހުރާ ސްކޫލުން ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

އެއް ދުވަހަށް ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގައި އިސްކަންދަރު ސްކޫލުގެ 18 ދަރިވަރުންނާއި ހުރާ ސްކޫލުގެ 38 ދަރިވަރުން ބައިވެރިވިއެވެ. ކޮންމެ ޓާމަކު ވެސް އިސް ދަރިވަރުންނަށް ޕްރޮގްރާމެއް ހުރާ ސްކޫލުން ހިންގައެވެ.

މި ޕްރޮގްރާމުގެ ސެޝަންތައް އަމާޒުކޮށްފައި ވަނީ ޓީމް ބިލްޑްކުރުމާއި ލީޑަރޝިޕްގެ މައްޗަށެވެ. ސެޝަންތަން ނެންގެވީ ހުރާ ސްކޫލު ޕްރިފެކްޓް އިންޗަރޖް މުދައްރިސުންނެވެ.

ހުރާ ސްކޫލުގެ ޕްރިންސިޕަލް އާމިނަތު އަރީޝާ ދަރިވަރު ނޫހަށް ވިދާޅުވީ، އެހެން އަހަރުތަކާ އަޅާބަލާއިރު، މި ފަހަރު ގެންދެވުނު އިސް ދަރިވަރުންގެ ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށާއި ދެ ސްކޫލުގެ އިސް ދަރިވަރުން ވެސް އެކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންވެ އިސް ދަރިވަރުންގެ މިފަދަ ލީޑަރޝިޕް ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައި އިތުރު ސްކޫލަކާ ގުޅިގެން ކުރިއަށް ގެންދަން މަސައްކަތް ކުރައްވާނެ ކަމަށް އަރީޝާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ޕްރޮގްރާމުގެ ތެރެއިން ދެ ސްކޫލުގެ އިސް ދަރިވަރުންގެ މެދުގައި ގާތް ކުޅުމެއް އުފެދި، އެކުވެރި މާހައުލެއްގައި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުޞަތު ލިބުމަކީ ކަންތައްތަކާ މެދު ވިސްނަން އެކުދިންނަށް ލިބިގެން ދިޔަ ފުރުޞަތެއް ކަމަށެވެ.

" ކުރިން ނުދަންނަ އެތައް ކުދިންނެއް އެތަނަކުން ފެނިދެނިވެ ގުޅުން ބަދަހިކޮށް ޚިޔާލު ބަދަލުކޮށް މަޝްވަރާ ކުރުމަކީ ވަރަށް މުހިންމު ކަމެއް. ދަރިވަރުންގެ ބިޒީ ޝެޑިއުލްގެ ތެރެއިން މިފަދަ ވަގުތެއް ލިބުމުން ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށް ދަރިވަރުން ފާހަގަކުރޭ" އަރީޝާ ވިދާޅުވިއެވެ.

ހުރާ ސްކޫލުގައި 300އާ ކައިރިކުރާ އަދަދަކަށް ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *