ވަކިވަކި ނުކުޅެދުންތެރިކަމަށް އަމާޒުކޮށްގެން ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށަނީ

ވަކިވަކި ނުކުޅެދުންތެރިކަމަށް އަމާޒުކޮށްގެން، އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފައްޓަވާނެ ކަމަށް ތަޢުލީމީ ވަޒީރު، ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، އެފަދަ ދރިވަރުންނަށް ބޭނުންވާ ވަޞީލަތްތައް ޤާއިމް ކުރުމާއި އިންސާނީ ވަޞީލަތްތައް ފޯރުކޮށް ދިނުމާއި މީހުން ބިނާކުރުމަށް ވަކި ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާން، ރައްކާތެރި، ކިޔެވުމަށް ފަހި މާހައުލެއް ޤާއިމް ކޮށްދިނުމަކީ ސިޔާސަތެއް ކަމަށެވެ.

" އެކުދިންނަށް [ޚާއްޞަ އެހީއަށް] ބޭނުންވާ ޓީޗަރުން ތަމްރީނު ކުރުމުގެ ޚާއްޞަ އިސްކަމެއް ދޭނަން. އޭގެ ތެރެއިން ވެސް ޑިސްލެކްސިއާ ކުދިންނަށް އެހީތެރިކަން ފޯރުކޮށް ދޭނެ ޓީޗަރުން ވަރަށް މަދު. އޭޑީއެޗްޑީގައި ވެސް ޚާއްޞަ ޓީޗަރުން މަދު. އެފަދަ ދާއިރާތަކަށް ޚާއްޞަކޮށްގެން ޓީޗަރުން ތަމްރީނު ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ފައްޓާނެ ކަމުގެ ޔަގީންކަން ހުރިހާ ޓީޗަރުންނަށް، ބެލެނިވެރިންނަށް ޕްރިންސިޕަލުންނަށް އަރުވަން" އިމާދުއްދީނުގައި، ތެރަޕީގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު، ޑރ. ޝަފީޢު ވިދާޅުވިއެވެ.

ޑިސްލެކްސިޔާއަކި ކިޔުމުގައި ދިމާވާ ތަފާތު މައްސަލަތަކެވެ. މިގޮތުން ޑިސްލެކްސިޔާ ހުންނަ ކުދީންނަށް ބައެއް އަކުރުތައް ފާހަގަ ކުރުމުގައި އޮޅުންއަރާގޮތް ވުމާއި އަދި ބައެއް އަކުރުތަކުގެ އަޑުތައް ދެނެގަތުމާއި ލަފުޒުތަ އް ކިއުމުގައި އަކުރުތައް އިސްފަސްކޮށް ކިޔުން ފަދަ ކަންކަން ފާހަގަ ކުރެވެއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމުގައި އިމާދުއްދީނުން ހޯދި އިލްމީ ޤާބިލުކަމާއި ތަޖުރިބާ ރާޢްޖޭގެ އެހެން ސްކޫލްތަކަށް ފޯރުކޮށް ދިނުމަށް ވަޒީރު ވަނީ އެ ސްކޫލުގެ އިސްވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އެ ދަރިވަރުންނާމެދު އެ ސްކޫލުން ގެންގުޅޭ ޕޮޒިޓިވް ތިންކިންގއަކީ އެޑިޔުކޭޝަން މިނިސްޓްރީއަށާއި ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ލިބޭ ބޮޑު ހިތްވަރެއް ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ، ތަޢުލީމީ ދާއިރާގެ އެންމެ މުގައްދަސް ބަޔަކީ ދަރިވަރުންނާއި ޓީޗަރުން ކަމަށެވެ. ތައުލީމީ ސިޔާސަތު ބައްޓަން ކުރާނީ ދަރިވަރުންނާއި ޓީޗަރުންނަށް ރައްކާތެރި މާހައުލެއް ޤާއިމްކޮށް ހައްޤުތައް ކަށަވަރު ކުރުމުގެ މައްޗަށް ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *