އައިސީޓީގެ ދާއިރާއަށް ބޮޑު ބަދަލެއް ގެންނަން، ފުވައްމުލަކުގައި އެމްއެންޔޫގެ ފެސިލިޓީއެއް ޤާއިމްކުރަން ބޭނުންވާ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ވެންޒާ ކޮމްޕަނީއާއެކު މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސް ވުމުގައި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު، ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ. ވެންޒާ ކޮންޕަނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، އަބްދުﷲ ހާނިސް މޫސާއެވެ.
65 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ، އައިސީޓީ ފެސިލިޓީގައި ތިން ބައެއް ހިމެނެއެވެ. އެއީ ކިޔަވައިދޭ ކުލާސްރޫމްތަކާއި ލެބްތަކަށް ޚާއްޞަ ބަޔަކާއި މުވައްޒަފުންނަށް ބޭނުންވާ އެކޮމޮޑޭޝަން ބަޔަކާއި ދަރިވަރުންނަށް ޚާއްޞަ ދަނާލެކެވެ. ދަނާލުގައި 21 ދަރިވަރުންނަށް ތިބެވޭނެ ކަމަށް އެމްއެމްއެންޔޫއިން ބުނެއެވެ.
އެއްބަސްވުމުގައިވާ ގޮތުން، މި އިމާރާތުގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
އެއްބަސް ވުމުގައި ސޮއިކުރެއްވުމަށްފަހު، ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު ވިދާޅުވީ، ފުވައްމުލަކުގައި ޤާއިމް ކުރާ އައިސީޓީ ފެސިލިޓީއަކީ، އެ ދާއިރާއިން ޤައުމީ ޔުނިވަރސިޓީން އަޅާ މުހިންމު ބިންގަލެއް ކަމަށާއި، އެމަރުކަޒު ވާނީ އެ ދާއިރާއިން ރާއްޖެއަށް ގެންނަ އިންގިލާބީ ބަދަލަކަށެވެ.
ޑރ. ޝެހެނާޒު ވިދާޅުވީ، ރާއްޖެއިން ބޭރުގެ ދަރިވަރުންނަށް ވެސް އަމާޒުކޮށްގެން ޤާއިމް ކުރާ އައިސީޓީ ފެސިލިޓީގައި، އޮރަކަލް އެކެޑަމީއާއި އެމޭޒަން އެކެޑަމީގެ އިތުރުން އީކޮމާސް ކައުންސިލުގެ ސެޓިފައިޑް ކޯސްތައް ހިންގާނެ ކަމަށެވެ. އަދި އޭގެ އިތުރުން އެ ޔުނިވަރސިޓީން ހިންގާ ސިސްކޯ ސެޓިފައިޑް ކޯސްތައް ވެސް އެ ފެސިލީޓީގައި ހިންގާނެ ކަމަށެވެ.
" ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސްއާއި ޕީއެޗްޑީއާ ހަމައަށް ކޯސްތައް އައިސީޓީ ފެސިލިޓީގައި ހިންގާނެ" ޑރ. ޝެހެނާޒު ވިދާޅުވިއެވެ.
އައިސީޓީ ފެސިލިޓީއެއް ޤާއިމް ކުރަން އެމްއެމްއެންޔޫއިން މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އިމާރާތް ކުރުމުގެ މަސައްކަތް ފެށީ އެކަމަށް ބޭނުންވާ ފައިސާ ސަރުކާރުން ހަމަޖައްސައިދިނުމުން ކަމަށް އެމްއެންޔޫއިން ބުނެއެވެ.
advertisment
ހިޔާލު