ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަނާއި ސްކޫލް އޮފް މެޑިސިންއަށް ޑީނުން ހޯދަން އިއުލާން ކޮށްފިއެވެ.
ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑީންއަކަށް މިހާރު ހުންނެވީ ޑރ. ވަސީމާ ފިކުރީއެވެ. ސްކޫލް އޮފް މެޑިސިންގެ އެކްޓިން ޑީންއަކަށް މިހާރު ހުންނެވީ ޑރ. އާމިނަތު ހުދާއެވެ. މި ފެކަލްޓީއަށް ޑީނުން ހޯދަނީ މަޤާމުގެ މުއްދަތު ހަމަވާތީއެވެ.
ފެކަލްޓީ އޮފް އެޑިޔުކޭޝަންއަށް ޑީނެއް ހޯދަން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން އެ މަޤާމުގެ ޝަރުޠަކީ، މަގާމު ގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމު ގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމެވެ. އޭގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައި ހުރުމެއެވެ. ނުވަތަ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތު ގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމެެވެ. އެ މުއްދަތު ގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައި ހުންނަން ޖެހެއެވެ.
ސްކޫލް އޮފް މެޑިސިންއަށް ޑީންއެއް ހޯދަން ކުރި އިއުލާނުގައި ޝަރުޠެއް ކަމަށް ބުނެފައި ވަނީ، މަގާމު ގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމު ގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުންނަން ޖެހޭނެ ކަމަށެވެ. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ހުންނަންޖެހޭނެ ކަމަށެވެ. ނުވަތަ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތު ގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުންނަންޖެހޭއިރު، އެ މުއްދަތު ގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައި ހުންނަންޖެހޭނެ ކަމަށެވެ. އަދި އެ މަޤާމަށް އެދި ހުށަހަޅާ ފަރާތަކީ އެމްބީބީއެސް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7) ހާސިލުކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ހަތަރު އަހަރު ދުވަހުގެ މުއްދަތަށް އައްޔަން ކުރާ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑީންގެ އަސާސީ މުސާރައަކީ މަހަކު 21،123 ރުފިޔާއެވެ. ވަޒީފާގެ އެލަވަންސްގެ ގޮތުގައި 12،097 ރުފިޔާގެ އިތުރުން ހާޒިރީ އެލެވަންސްގެ ގޮތުގައި 327 ރުފިޔާ ލިބެއެވެ. އަދި ދަރިވަރުންގެ އެންރޯލްމަންޓްގެ އަދަދަށްބަލައި، 3،000 އާއި 6،000 ރުފިޔާ ދެމެދުގެ އަދަދެއް ވެސް ހަމަޖައްސައިދޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
ސްކޫލް އޮފް މެޑިސިންއަށް ޑީންގެ އަސާސީ މުސާރައަކީ މަހަކު 21,123 ރުފިޔާއެވެ. ވަޒީފާގެ އެލަވަންސްގެ ގޮތުގައި މަހަކު 12،097 ރުފިޔާއާއި މާކެޓް އެޖެސްމަންޓް އެލަވަންސެއްގެ ގޮތުގައި 20،197 ރުފިޔާ ލިބެއެވެ. އަދި ކިޔަވާ ދަރިވަރުންގެ އަދަދަށް ބަލައި 3،000 އާއި 6،000 ރުފިޔާ ދެމެދުގެ އަދަދެއް ވެސް ހަމަޖައްސައިދޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
ފެކަލްޓީ އޮފް އެޑިޔުކޭޝަންއަށްގެ ޑީންގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 19 ވަނަ ދުވަހުގެ 12:00 ކުރިއެވެ. ސްކޫލް އޮފް މެޑިސިންއަށް ޑީންގެ މަގާމަށް ކުރިމަތި ލުމުގެ ސުންގަޑިއަކީ މާދަމާގެ 12:00 ކުރިއެވެ.
advertisment
ހިޔާލު