ތ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމަށް ހިންގާ " މަވެސް ފަތާނަން" ޕްރޮގްރާމުގައި މިހާތަނަށް އެ މަދަރުސާގެ ގުރޭޑް 4ން މަތީގެ ހުރިހާ ދަރިވަރުންނަށް ފަތަން ދަސްކޮށްދީފިއެވެ. އެ ސްކޫލުން ބުނީ މިހާރު މަސައްކަތް ކުރަނީ މި އަހަރު ނިމުގެ ކުރިން ހުރިހާ މުވައްޒަފުންނަށް ފަތަން ދަސްކޮށްދިނުމަށެއެވެ.
ތ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އުޝާ މޫސާ ދަރިވަރު ނޫހަށް ވިދާޅުވީ، އެ ސްކޫލުގެ ގުރޭޑް 4ން މަތީގެ ހުރިހާ ދަރިވަރުންނަށް ފަތަން ދަސްކޮށްދެވިއްޖެ ކަމަށާއި، ޔަޔީން ކަމާއެކު ޖެހިލުމެއް ނެތި ފަތާނެ ކުދިންގެ ނިސްބަތް 98 އިންސައްތައަށް އަރާނެ ކަމަށެވެ.
" ކޮންމެ ކުއްޖަކަށް ވެސް ފަތަން ދަސްކޮށް ދިނުން އަޅުގަނޑުމެންގެ މަޤްޞަދަކަށްވީ. އަދި ބައެއް ފަހަރު ފަތަން ދަސްވިޔަސް ފަތަން ޖެހިލުންވާ ފަހަރު އާދޭ. އެހެންވެ ހުރިހާ ކުދިންނަށް ވެސް އެ ޔަޤީންކަން އޮވެގެން ފެތޭނެކަން ކަށަވަރު ކުރަން" އުޝާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބޭނުން ވަނީ އެ ސްކޫލް ނިންމާފައި މުޖްތަމަޢަށް ނުކުންނަ ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖަކަށް ހެދުމެވެ.
ތ. ގުރައިދޫގައި ހުންނަ އެ އަތޮޅު މަދަރުސާގައި 73 މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، އޭގެ ތެރޭގައި ފަތަން ނޭނގޭ މުވައްޒަފުން މަދު ކަމަށް އުޝާ ވިދާޅުވިއެވެ.
" މަދު ސްޓާފުން ތަކެއް ތިބީ ފަތަން ނޭނގޭ. އޭގެތެރޭގައި ބިދޭސީ މުވައްޒަފުން ގިނައީ" އުޝާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި އަހަރު ނިމުގެ ކުރިން ހުރިހާ ސްޓާފުންނަށް ފަތަން ދަސްކޮށްދިނުމަކީ އެއީ ބޮޑު ކާމިޔާބަކަށް ވާނެ ކަމަށެވެ.
ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 12އާ ހަމައަށް 355 ދަރިވަރުން ކިޔަވަމުންދާ ތ. އަތޮޅު މަދަރުސާގެ ގުރޭޑް 4ން މަތީގެ ހުރިހާ ދަރިވަރުންނަށް ފަތަން ދަސްކުރުމުގެ ޕްރޮގްރާމް ފެށީ މިދިޔަ އަހަރުއެވެ. މި އަހަރަށްފަހު ކޮންމެ އަހަރަކު ވެސް ގުރޭޑް ހަތަރެއްގައި ކިޔަވާ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭން އެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށް އެ މަދަރުސާއިން ބުނެއެވެ.
advertisment
ހިޔާލު