އެމްއެންޔޫގައި މަސްވެރިކަމަށް ޚާއްޞަ މަރުކަޒެއް ޤާއިމް ކުރަން ދިރާސާތަކެއް ހަދަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މަސްވެރިކަމަށް ޚާއްޞަ ފެކަލްޓީއެއް ނޫނީ ސްކޫލެއް ޤާއިމް ކުރުމަށް ދިރާސާއެއް ކުރައްވަން ބޭނުންފުޅުވާ ކަމަށް އެ ޔުނިވަރސިޓީގެ ޗާންސެލަރުކަމަށް ދާދި ފަހުން އައްޔަން ކުރެއްވި ޑރ. މަޙްމޫދު ޝަޢުޤީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން ޑރ. ޝަޢުޤީ ވިދާޅުވީ، މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ޒަމާންވީ ސިނާއަތަށްވާއިރު، އެއީ އަޅުގަނޑުމެންގެ ޝަހްސިއްޔަތާ ވެސް ގުޅުންހުރި ސިނާއަތް ކަމަށެވެ. އަޅުގަނޑުމެންގެ 99 އިންސައްތައަކީ ކަނޑަށްވާއިރު، ޤައުމީ ޔުނިވަރސިޓީގައި މަސްވެރިކަމާއިބެހޭ ފެކަލްޓީއެއް ނެތުމަކީ އުނިކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ޑރ. ޝަޢުޤީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސްވެރިކަމާބެހޭ ފެކަލްޓީއެއް ނުވަތަ ސްކޫލެއް އުފެއްދުމަށް ދިރާސާ ކުރަން އެމްއެންޔޫގެ ކައުންސިލަށް ހުށަހަޅަން ނިންމާފައިވާކަމަށެވެ.

" އަޅުގަނޑުމެންގެ ކައުންސިލްއަށް އެބަ ހުށައަޅަން ކަރުދާހެއް. އެއީ ސީދާ މަސްވެރިކަމާއި ކަނޑުގެ އިލްމާއި ބެހޭ އެކަޑަމިކް ޑިވިޝަންއެއް އުފެއްދުމާ ބެހޭ ކަރުދާހެއް، އެއީ ސްކޫލެއްތޯ، ފެކަލްޓީއެއްތޯ އެއެއް އަދި ނުނިންމޭ. އެފަދަ ޑިވިޝަނެއް، ފެކަލްޓީއެއް ނުވަތަ ސްކޫލެއް އުފެއްދުމުގެ މަސައްކަތް ފެށުމަށް އެކަމަށް ކުރަންޖެހޭ ދިރާސާކުރަން ފަށަން." ޑރ.މަޙްމޫދު ޝައުޤީ ވިދާޅުވިއެވެ.
ކުރިން ވަޒީރުކަން ވެސް ކުރެއްވި ޑރ. ޝަޢުޤީ ވިދާޅުވީ، މެރިންރިސާރޗް ސެންޓަރުން މަސްވެރިކަމާއި ކަނޑުތަކާއި ފަޅުތަކާއިބެހޭ ދިރާސާތައް މިހާރު ވެސް ކުރެވެމުންދާ ކަމަށާއި ޤައުމީ ޔުނިވަރސިޓީއަކީ ޤައުމުގެ އެންމެ މުހިންމު މަރުކަޒުކަމަށް ވާއިރު، އެތަނުގައި އެފަދަ ދިރާސާތަކާއި ޑިގްރީ، މާސްޓަރ އަދި ޕީއެޗްޑީއާއި ހިސާބަށް ވެސް ކިޔަވައި ދެވެން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޔުނިވަރސިޓީގެ އިސްވެރިން ވަނީ ދާދި ފަން ފިޝަރީޒް މިނިސްޓަރާ ބައްދަލުކޮށް މަސްވެރިކަމުގެ ދިރާސާތަކާއި ދެ ފަރާތް ގުޅިގެން ކުރެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *