ދ. އަތޮޅު ކުޑަހުވަދޫގައި ހުންނަ އެ އަތޮޅު މަދަރުސާގެ "ޔަންގ ފިޝާރސް ކުލަބު"ގެ ދަރިވަރުން ދާ ބުރި އަޅައިގެން މަސް ހިފުން ތަޖުރިބާ ކޮށްފިއެވެ.
ދ. އޭއީސީން ބުނީ ޔަންގ ފިޝަރސްގެ ހަރަކާތްތައް މަޑުޖެހިފައި އޮތުމަށްފަހު ފެށީ މި އަހަރު ކަމަށެވެ.
މަސްވެރިކަމާ ގުޅުން ހުރި އެތައް ހަރަކާތްތަކެއް އެ ކުލަބުން ކުރިއަށް ގެންދެއެވެ.
ދ. އޭއީސީގެ ލީޑިންގ ޓީޗަރު. މުޙައްމަދު ފަޔާޒު ދަރިވަރު ނޫހަށް ވިދާޅުވީ، "ޔަންގް ފިޝަރސް ކުލަބު"ގެ ފަރާތުން މަސްވެރިކަން ކުރާނެ ގޮތާއި މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން މައުލޫމާތުދީ އަމަލީ ގޮތުން މަސްވެރިކަން ދަސްކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. ދާ ބުރި އަޅައިގެން މަސް ހިފުމުގެ ހަރަކާތަކީ ވެސް އޭގެ އެއްބައި ކަމަށް ފަޔާޒު ވިދާޅުވިިއެވެ.
ފަޔާޒު ވިދާޅުވީ، ދާ ބުރި އެޅި ދުވަހު، އެ ކުލަބުގައި ހިމެނޭ 33 ކުދިންގެ ތެރެއިން 23 ކުދިން ބައިވެރިވި ކަމަށެވެ. އެ ދުވަހު ދަރިވަރުންނަށް ދަސްކޮށްދިނީ ދާ އަޅާނެ ގޮތާއި ދާ ބުރި ގުޅުވާނެ ގޮތާއި ދަލުގައި މަސް ޖައްސަން ލަޓިކުރިން ތަޅާނެ ގޮތެވެ. އެކަން ޢަމަލީ ގޮތުން ދަރިވަރުންނަށް ދައްކައި ދިނެވެ.
" ދާ އެޅުމަކީ މިހާރު ކުރާ ކަމެއްނޫން. އެއީ މަނާވެސް ކޮށްފައި އޮންނަ ކަމެއް. ކުރިން ކޮށް އުޅުނު މަސްވެރިކަމުގެ ބާވަތެއް ވީމާ، ދަރިވަރުންނަށް އެކަން ކުރި ގޮތް ދައްކައިދޭން ވެގެން ދާ އެޅީ" ފަޔާޒު ވިދާޅުވިއެވެ.
ފަޔާޒު ވިދާޅުވީ ދަރިވަރުންނަށް އެކަން ވީ ވަރަށް މަޖާ، ތަފާތު އެކްސްޕީރިއަންސަކަށެވެ.
" އެކުދިނަށް މީގެ ކުރިއަކުން އެފަދަ ތަޖުރިބާއެއް ކުރެވިފައެއް ނެތް"
ފަޔާޒު ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި ދޮށި ބޭނުންކޮށްގެން ގޮނޑު ދޮށުގެ މަސްވެރިކަން ކުރާނެ ގޮތް ދަސްކޮށްދީ، އެކަން ތަޖުރިބާ ކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ދޭނެ ކަމަށެވެ.
" މިފަދަ ހަރަކާތްތައް ދަރިވަރުންގެ ޝަޢުޤުވެރިކަން ވަރަށް ބޮޑު. އެފަދަ ކޮންމެ ކަމެއްގައި ދަރިވަރުން ބައިވެރިވަނީ ކުރާހިތުން" ފަޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަސް ހިފުމަށްވުރެ ބޮޑަށް ބެލީ އެކަން ކުރާނެ ގޮތް ދައްކައިދޭން ކަމަށް ވާތީ ބޭނުން ކުރީ ވެެސް ގޮޅި ބޮޑު ދަލެއް ކަމަށެވެ. އެހެންވެ ދަލުގައި ޖެހުނީ ވަކި ވަރަކަށްވުރެ ބޮޑެތި މަސްތަކެވެ.
ދަލުގައި ޖެހުނު މަސްތައް އެ ކުދިން ކެއީ ފިހެގެން ކާއްޓާއެކުގައެވެ. އެއީ ވެސް އެ ދަރިވަރުން ކުރި ތަފާތު ތަޖުރިބާއެކެވެ.
advertisment
ހިޔާލު