ހދ. އޭއީސީގެ ދަރިވަރުން ހެއްދި ލެޓިއުސް "ހޮނިހިރު ބާޒާރު" ގައި ވިއްކަން ނުކުންނަނީ

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ހެއްދި ލެޓިއުސް، ކުޅުދުއްފުށީގައި ހަފްތާއަކު އެއް ފަހަރު ބާއްވާ "ހޮނިހިރު ބާޒާރު" ގައި ވިއްކަން އެ ސްކޫލުގެ ދަރިވަރުން ތައްޔާރު ވެއްޖެއެވެ.

"ވެލްނެސް މެޓަރސްގެ ގަސްއިންދުމުގެ ޕްރޮގްރާމުގެ ތެރެއިން ގާއިމް ކުރި ހައިޑްރޯފޯނިކް ސިސްޓަމްގައި ގަސް އިންދައި ހައްދައި ބަލަހައްޓަނީ އެ ސްކޫލުގެ ތިމާވެށި ކުލަބުންނެވެ. އެ ދަރިވަރުން ހެއްދި ލެޓިއުސް މިހާރު ހުރީ ކަނޑާވަރަށް ހެދި ފޯދިފައި ކަމަށް ހދ. އޭއީސީން ބުނެއެވެ.

ހދ. އޭއީސީގެ ޕްރިންސިޕަލް މުޙައްމަދު މަތީން ވިދާޅުވީ 200 އެއްހާ ލެޓިއުސް ގަސް މިހާރު ހުރީ ކެނޑޭވަރަށް ފޯދިފައި ކަމަށާއި، ހައްދައި މާކެޓްކޮށް ވިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ދަރިވަރުން އަމިއްލައަށް ކަމަށެވެ. ކުޅުދުއްފުށީގައި ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު ބާއްވާ " ހޮނިހިރު ބާޒާރު" ގައި އެތަކެތި ވިއްކަން ނިންމީ، ދަރިވަރުންނަށް ހެއްދި ތަކެތި ވިއްކުމުގެ ހުނަރާއި މާރުކޭޓްގައި ކަންތައްތައް އޮންނަގޮތާއި އެ މާހައުލު ދަރިވަރުންނަށް ތަޖުރިބާ ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކަމަށް މަތީން ވިދާޅުވިއެވެ.

" އަޅުގަނޑުމެންނަށް ސްކޫލުގެ ތެރޭގައި ވެސް އެ ހެއްދި ތަކެތި ވިއްކިދާނެ. އޭގެ ބަދަލުގައި އަޅުގަނޑުމެން ބޭނުންވީ ދަރިވަރުން ހެއްދި ތަކެތި އަމިއްލައަށް މާކެޓްކޮށް، އެ ދަރިވަރުން މާރުކޭޓަށް ގޮސް ވިއްކައިގެން އެއިން ނަފާ ހޯދަން. އެ މަސައްކަތް އެތައް މަރުހަލާތަކަކަށް ބެހިގެންދާއިރު ކޮންމެ މަރުހަލާއަކުން ވެސް އެތައް ކަމެއް ދަރިވަރުންނަށް ދަސްވެގެންދާނެ" މަތީން ވިދާޅުވިއެވެ.

" ވަށައިޖެހޭ ތައުލީމެއް ފޯރުކޮށްދީ ދިރިއުޅުމަށް ދަރިވަރުން ތައްޔާރު ކުރަން ޖެހޭނީ، ސްކޫލް ނިންމާފައި އެ ދަރިވަރު އެފަދަ މަސައްކަތްތަކަށް އަހުލުވެރިކޮށް ޝަޢުޤު އުފައްދައިދީގެން"

ދަރިވަރުން ހެއްދި ލެޓިއުސް ވިއްކައިގެން ލިބޭ ފައިސާ ޚަރަދުކުރާނީ ދެމެހެއްޓެނިވި ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދަން ކަމަށް ހދ. އޭއީސީން ބުނެއެވެ.

" ހޮނިހިރު ބާޒާރު" ގައި ތަކެތި ވިއްކަން ފަށާނީ އެ ދުވަހުގެ ހެނދުނު 7:30ން ފެށިގެންނެވެ.

ކުޅުދުއްފުށީ " ހޮނިހިރު ބާޒާރު" އަކީ ދަނޑުވެރި އުފެއްދުންތައް ވިއްކަން އެރަށަށް އަންނަ މީހުންނަށް ޚާއްޞަ ކޮށްފައި އޮންނަ ބާޒާރެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *